އިންސާނާގެ ޙަޔާތަކީ ވަގުތީ ފާލަމެކެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނެ އެއްޗެއްކަން ކަށަވަރެވެ. އިއްޔެގެ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވާ ފަދައިން، އިންސާނާ މި ދުނިޔެއަށް އަލްވަދާޢު ކިޔާ ވަގުތަކީ އެންމެހައި ގާތްތިމާގެ މީހުންނާއި ލޯބިވާ ފަރާތްތަކަށް ނުހަނު އަސަރުގަދަ އަދި ހިތްދަތި ވަގުތެކެވެ.
އެއީ ތިބާ ދެކެ އިންތިހާއަށް ލޯބިވާ ފަރާތްތަކުން މާޔޫސްކަމާއެކު ތިބާއަށް ބަލަމުންދާ ވަގުތެވެ. ތިބާގެ ލޯބިވާ ބައިވެރިޔާ (އަނބިމީހާ ނުވަތަ ފިރިމީހާ) ހިތާމައިގެ ކަނޑެއްގައި ޣަރަގުވެ، ކަރުނައަޅަމުންދާ ވަގުތެވެ. ހަމައެފަދައިން، ތިބާ ބޮޑުކުރި މައިންބަފައިންގެ ލޯތައް ތެމި، ދަރިއަކު ވަކިވެގެންދާ ފުން ހިތާމައިގައި ކަރުނަ އޮއްސަމުންދާ މަންޒަރަކީ ހިތްތައް ކުދިކުދިކޮށްލާ ފަދަ މަންޒަރެކެވެ.
މި ނާޒުކު ވަގުތުކޮޅުގައި، ތިމާގެ މީހުން ތިބާއަށްޓަކައި އަވަސް ޝިފާއަކަށް އެދި މާތްﷲ ގެ ހަޟްރަތުގައި ދުޢާދަންނަވަމުންދާނެއެވެ. އެކުވެރިން ތިބާގެ ގައިގައި ފިރުމަމުން، ހިތްވަރު ދެމުންދާނެއެވެ. ސިއްހީ މާހިރުން އެމީހުންގެ އަތުގައި ހުރި އެންމެހައި ވަސީލަތްތަކާއި ހުނަރުގެ ބޭނުންކޮށްގެން ތިބާގެ ފުރާނަ ސަލާމަތްކުރުމަށް މެދުކެނޑުމެއްނެތް މަސައްކަތްތަކެއް ކުރަމުންދާނެއެވެ. ނަމަވެސް، މާތްﷲ ކަނޑައަޅުއްވާފައިވާ ވަގުތު ޖެހުމުން، ނޭވާ ކުރުވެ، މި ފަނާވަނިވި ދުނިޔެއާ އަބަދުގެ އަބަދަށް ވަކިވާންޖެހެއެވެ. މިއީ ކޮންމެ އިންސާނަކާވެސް ބައްދަލުކުރާނެ، އެންމެ ވޭނާއި ތުރާ ގަދަ ވަގުތެވެ.
އިންސާނާ މި ދުނިޔެއިން ވަކިވެގެންދަނީ އޭނާ ނުހަނު ބުރަ މަސައްކަތުން ބިނާކުރި ގެދޮރާއި، ކުރިއެރުވި ވިޔަފާރިތަކާއި، ދުނިޔަވީ ޒީނަތްތެރިކަމުގައި ހޭދަކުރި އުފާވެރި ދުވަސްތައް ދޫކޮށްފައެވެ. މި ހުރިހާ މުދަލަކާއި ޖާހެއްގެ ބަދަލުގައި އޭނާއާއެކު ކައްވަޅަށް ދާނީ އޭނާ ކޮށްފައިވާ ހެޔޮ އަމަލުތައް އެކަންޏެވެ. އެހެންކަމުން، މި ދުނިޔޭގެ ވަގުތީ އުފާތަކަށްވުރެ ބޮޑަށް، އާޚިރަތުގެ ދާއިމީ ބާއްޖަވެރިކަމަށް ތައްޔާރުވުމަކީ ކޮންމެ މީހަކަށްމެ އޮތް އެންމެ މުހިންމު ވާޖިބުކަމުގައި އިއްޔެގެ ހުކުރު ޚުޠުބާގައި ބުނެފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

