"އަދަދު" ނޫހުން "އައިޝާ" ގެ ނަމުގައި ރޭ ޢާންމުކުރި ޑޮކިއުމެންޓްރީއަކީ ސިޔާސީ މަޤްޞަދެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަގުވައްޓާލުމަށް އަމާޒުކޮށްގެން އުފައްދާފައިވާ އެއްޗެއް ކަމަށް ދީނީ ޢިލްމުވެރިޔާ ޝެއިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝެއިޚް ޒައިދު މިކަން ހާމަކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ޝެއިޚް ވިދާޅުވި ގޮތުގައި، އެ ޑޮކިއުމެންޓްރީގައި ހިމަނާފައިވާ އެއްވެސް ވާހަކައެއް އެމަނިކުފާނު ޤަބޫލެއް ނުކުރައްވައެވެ. އަދި އެއީ އެއްވެސް ޙަޤީޤަތެއްގެ މައްޗަށް ބިނާވެފައިވާ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ މުޅިންވެސް ހަދައިގެން ދައްކާފައިވާ ދޮގު ވާހަކަތަކެއް ކަމަށް ޝެއިޚް ސިފަކުރެއްވިއެވެ.
I don’t believe a word of this so called documentary. It is full of illogical claims, and I see it as a pure attempt at character assassination. People can object to a president’s political agenda, no problem there, but going after him with Qazf, no way, it is completely…
— Ali Zaid (@alizaid1000) March 29, 2026
ޝެއިޚް އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ސިޔާސީ އެޖެންޑާއަށާއި އެމަނިކުފާނު ގެންގުޅުއްވާ ތަފާތު ސިޔާސަތުތަކަށް ފާޑުކިޔުމުގެ ފުރުޞަތު ކޮންމެ ރައްޔިތަކަށްވެސް އޮންނަންވާނެ ކަމަށެވެ. ނަމަވެސް، މީހެއްގެ އަބުރަށް އަރައިގަނެ، ޒިނޭގެ ފަދަ މުޑުދާރު ތުޙުމަތުތައް އަޅުވައި ޤަޒުފުކުރުމަކީ އިސްލާމީ މުޖުތަމަޢެއްގައި އެއްވެސް ޙާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޝެއިޚް ބަޔާންކުރެއްވިއެވެ.
ޤަޒުފުކުރުމަކީ އިސްލާމްދީނުގައި ބޮޑު ފާފައެއްކަން ހަނދާންކޮށްދެއްވަމުން، އެފަދަ ނާތަހުޒީބު ޢަމަލުތަކުން ދުރުހެލިވުމަށް ޝެއިޚް ޒައިދު ވަނީ ހުރިހާ ފަރާތްތަކަށް ނަޞޭޙަތްތެރިވެ ވަޑައިގެންފައެވެ. ވަކިން ޚާއްޞަކޮށް، ނޫސްވެރިކަމުގެ މިނިވަންކަމުގެ ނަމުގައި ޙަޤީޤަތާ ޚިލާފު ދޮގު ވާހަކަތައް ފެތުރުމަކީ ނޫސްވެރިކަމުގެ އަޚްލާޤީ މިންގަނޑުތަކާވެސް ޚިލާފު ކަމެއްކަން ފާހަގަކުރައްވައި، ނޫސްވެރިން މިފަދަ ކަންކަމުން އެއްކިބާވުމަށް ޝެއިޚް ގޮވާލެއްވިއެވެ.
އިސްލާމީ ޝަރީޢަތުގައި ޤަޒުފުގެ ކުށަކީ ބޮޑުވެގެންވާ ކުށެކެވެ. މުއުމިނެއްގެ މައްޗަށް ޒިނޭގެ ތުޙުމަތުކޮށް، އެކަން ސާބިތުކޮށްދިނުމަށް ހަތަރު ހެކިން ނުދެއްކިއްޖެ ނަމަ، އެ ތުޙުމަތުކުރި މީހެއްގެ މައްޗަށް 80 އެތިފަހަރުގެ ޙައްދުޖެހުމަށް ޝަރީޢަތުގައި އޮވެއެވެ.
"އަދަދު" ނޫހުން ރައީސް މުޢިއްޒުގެ އަގުވައްޓާލުމަށް މިފަދަ މަސައްކަތްތަކެއް ކުރަމުންދަނީ މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިންވެސް މުހިންމު އިންތިޚާބުތަކާ ދިމާކޮށް އެ ނޫހުން ވަނީ މިފަދަ ޑޮކިއުމެންޓްރީތަކެއް ނެރެފައެވެ. އެގޮތުން 2021 ވަނަ އަހަރުގެ މޭޔަރު އިންތިޚާބާ ދިމާކޮށް "ނޫމަޑި" އަދި "މެއިޑް" ގެ ނަމުގައި ޑޮކިއުމެންޓްރީތަކެއް ނެރުނުއިރު، 2023 ގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު "ދޮންމަންމަ" ގެ ނަމުގައިވެސް ވީޑިއޯ ރިޕޯޓެއް ޢާންމުކުރިއެވެ. ނަމަވެސް، މިފަދަ ކޮންމެ މަސައްކަތަކާއެކުވެސް ރައީސް މުޢިއްޒަށް ރައްޔިތުން ކުރާ ތާއީދަށް އުނިކަމެއް ނާންނަކަން ފާހަގަކުރެވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

