
20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުގައި، އިންޑިއާ އާއި ބަންގްލަދޭޝް ބައްދަލުކުރި ފޯރިގަދަ ކުރިމަތިލުން އެއްވަރުވެގެން ނިމިއްޖެއެވެ.
ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗަކީ މި ފަހަރުގެ މުބާރާތުގައި މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ވަން މެޗެވެ.
އެފްއޭއެމް އިން ހާމަކުރި ރަސްމީ ތަފާސްހިސާބުތަކަށް ބަލާއިރު، ޓިކެޓު ގަނެގެން 3922 މީހުން ދަނޑަށް ވަދެފައިވެއެވެ. ނަމަވެސް، މެޗަށް ކަނޑައަޅާފައިވާ ސީޓިންގް ކެޕޭސިޓީއަށްވުރެ ގިނައިން މީހުން ވަދެފައިވުމާއި، ޓިކެޓު ނުލިބިގެން ދަނޑުން ބޭރުގައި ތިބި ގިނަ ބަޔަކު އެކި ގޮތްގޮތުން ދަނޑަށް ވަންނަން މަސައްކަތްކޮށްފައިވާތީ، މެޗު ބަލަން ވަން މީހުންގެ އަސްލު އަދަދު މިއަށްވުރެ މަތިވާނެ ކަމަށް ބެލެވެއެވެ. ވަކިން ހާއްސަކޮށް، ބަންގްލަދޭޝްގެ ސަޕޯޓަރުން ފާހަގަކުރެވުނީ ވަރަށް ގައުމީ ރޫހެއްގައި އެގައުމުގެ ޓީމަށް ސަޕޯޓްކުރި ބައެއްގެ ގޮތުގައެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ. މެޗު ފެށުމުގެ ކުރިން ދެ ޓީމަށް ވެސް ސެމީގެ ޖާގަ ކަށަވަރުވެފައި އޮތުމުން، ދެ ޓީމުން ވެސް މެޗު "ލުއިކޮށް" ނަގާނެ ކަމަށް ބެލެވުނު ނަމަވެސް، ފެނިގެންދިޔައީ ދެ ޓީމުން ވެސް ކުރިއަށް ޖެހި އެޓޭކިން ގޭމެއް ކުޅުނު ތަނެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑުނެގީ އިންޑިއާއިންނެވެ. މި ލަނޑު ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވިޝާލް ޔާދަވް އެވެ. މި ލަނޑަށްފަހު ބަންގްލަދޭޝް ޓީމު ޕްރެޝަރަށް ވެއްޓުނުއިރު، ރެފްރީގެ ބައެއް ނިންމުންތަކާ މެދު ބަންގްލަދޭޝްގެ ކޯޗު ވަރަށް ބޮޑަށް ނުރުހުން ފާޅުކުރިއެވެ. މި ހަމަނުޖެހުން ބޮޑުވެ، ދެ ޓީމުގެ އޮފިޝަލުންގެ މެދުގައި ބަހުގެ ހަމަލާތަކެއް ބަދަލުކުރެވުނެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން ރެފްރީ ވަނީ ބަންގްލަދޭޝްގެ ކޯޗަށާއި އިންޑިއާގެ މެނޭޖަރަށް ރަތް ކާޑު ދައްކައި، އިންޑިއާގެ ކޯޗަށް ރީނދޫ ކާޑެއް ދައްކާފައެވެ.
އިންޑިއާ ލީޑުގައި އޮވެ ފުރަތަމަ ހާފު ނިންމާލަން ތައްޔާރުވަމުން ދަނިކޮށް، ފުރަތަމަ ހާފުގެ އިތުރުވަގުތުގެ 10 ވަނަ މިނެޓުގައި ބަންގްލަދޭޝް އިން ނަތީޖާ ހަމަހަމަކުރިއެވެ. އެމެރިކާއަށް ނިސްބަތްވާ ރޮނާން ސުލިވަން ނަގައިދިން ކޯނަރަކުން މި ލަނޑު ކާމިޔާބުކޮށްދިނީ އެމްޑީ އަބްދުލް ރިޔާދު ފަހީމެވެ. މެޗުގެ ދެވަނަ ހާފުގައި ވެސް ދެ ޓީމަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް، އެއިން އެއްވެސް ފުރުސަތެއް ގޯލަކަށް ބަދަލުކޮށްލެވޭ ގޮތެއް ނުވިއެވެ.
މި ނަތީޖާއާއެކު ގްރޫޕް ބީގެ އެއްވަނަ ހަތަރު ޕޮއިންޓާއެކު، ފައިދާ ގޯލުގެ ތަފާތުން ލިބުނީ އިންޑިއާ އަށެވެ. ހަމަ އެ އަދަދަށް ޕޮއިންޓް ލިބިގެން ދެވަނަ ޓީމުގެ ގޮތުގައި ބަންގްލަދޭޝް ވެސް ވަނީ ސެމީއަށް ދަތުރުކޮށްފައެވެ.
މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އަންނަ މަހުގެ އެއްވަނަ ދުވަހުގެ ހަވީރު 15:45 ގައި ބަންގްލަދޭޝް ނުކުންނާނީ ގްރޫޕް އޭގެ އެއްވަނަ ނޭޕާލާ ދެކޮޅަށެވެ. އަދި އެރޭ 20:30 ގައި ކުޅޭ ސެމީގެ ދެވަނަ މެޗުގައި އިންޑިއާ ބައްދަލުކުރާނީ ބޫޓާނާ ދެކޮޅަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

