މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމަ ދިގުލައިގެންދާ ހާލަތެއްގައި، ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވެމުންދާ ކަމަށް ފޮރިން މިނިސްޓަރު ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
މެދުއިރުމަތީގެ ނުތަނަވަސްކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޚާއްޞަ ވަޒީރުންގެ ކޮމިޓީއެއް އެކުލަވާލައްވާފައެވެ. މި ކޮމިޓީގެ މުޤައްރިރުކަން ކުރައްވާ މިނިސްޓަރު ޚަލީލް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، ސަރުކާރުގެ އެންމެ އިސް އަމާޒަކީ ރައްޔިތުންނަށް ބުރައަކަށް ނުވާނެހެން ކަންކަން ތަރުތީބުކުރުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ރާއްޖެއަށް ބޭނުންވާ ތެލާއި ކާބޯތަކެތީގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމަށެވެ. ރާއްޖެއަކީ މެދުއިރުމަތިން ތެޔޮ އެތެރެކުރާ ޤައުމަކަށް ވުމާއެކު، ތެޔޮ ހޯދުމުގައި ދަތިތަކެއް ކުރިމަތިވެދާނެތީ އަވަށްޓެރި ޤައުމުތަކާއެކު ދަނީ މަޝްވަރާ ކުރެވެމުންނެވެ.
"އެދުވަހުގަ އަޅުގަނޑުމެންތިބި ހާލަތަށްވުރެ މާ ރަނގަޅު ޖަވާބުތަކެއް، އިޖާބީ ޖަވާބުތަކެއް އަޅުގަނޑުމެންނަށް ދަނީ ގާތް ގައުމުތަކުން ލިބެމުން. އެ ޑިވަލޮޕްވަމުންދާ ވަރަކަށް އެ ގައުމުތަކުގެ ނަންތައް ހާމަކުރަމުން ގެންދާނަން،"
މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމުގެ ގޮތުން، ރާއްޖޭގައި ތަކެތި ރައްކާކުރެވޭ މިންވަރު ނުވަތަ ސްޓޮކް އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ހަނގުރާމަ ދިގުލައިގެންދާ ހާލަތުގައި ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އެކަމަށްޓަކައި ޚާއްޞަ ޕްލޭންތަކެއް އެކުލަވާލުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. ނަމަވެސް އެއްވެސް ފިޔަވަޅެއް އަޅާނީ ރައްޔިތުންގެ ދިރިއުޅުމަށް އޭގެ ނޭދެވޭ އަސަރު ނުކުރާނެ ގޮތަކަށް ބަލައިގެން ކަމަށް ޔަޤީންކަން ދެއްވިއެވެ.
"އަޅާ ފިޔަވަޅުތަކަކީ ރައްޔިތުންނަށް ބުރައަކަށް ތަކުލީފަކަށް ނުވާނެ ގޮތަށް ފިޔަވަޅު އެޅުން ސަރުކާރުގެ ވިސްނުމަކީ. ހަނގުރާމަ މިގޮތަށް ދާނަމަ، ސަރުކާރުގެ ޚަރަދު ކުޑަކުރުމަށް ފިޔަވަޅު އެޅުމަށް ދަނީ މަޝްވަރާ ކުރަމުން،"
މިނިސްޓަރު ޚަލީލް ވިދާޅުވިއެވެ.
ޚަލީލް އިތުރަށް ވިދާޅުވީ ބޭރު ޤައުމުތަކުގައި ތިބި ދިވެހިންގެ ހާލަތު ސަރުކާރުން ބަލަމުންދާ ކަމަށެވެ. އެގޮތުން ޔޫއޭއީގެ ފުޖޭރާ ސަރަހައްދުގައި ތިބި ތިން ދަރިވަރަކު ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މި ހަނގުރާމައިގެ އެއްވެސް ކަމެއްގައި ރާއްޖޭގެ ވައިގެ ސަރަޙައްދު ބޭނުންކުރުމުގެ ހުއްދަ އެއްވެސް ފަރާތަކަށް ނުދޭނެކަން މިނިސްޓަރު ވަނީ ތަކުރާރުކުރައްވާފައެވެ.
އިޒްރޭލާއި އެމެރިކާއިން ގުޅިގެން އިރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ބަދަލުތަކެއް އައިސްފައިވީ ނަމަވެސް، ރާއްޖެއަށް ތެޔޮ ގެނައުމުގެ މަސައްކަތް ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާ ކަމަށާއި، މިދިޔަ ހަފުތާގައިވެސް ތެލުގެ ދެ ޝިޕްމަންޓެއް ރާއްޖެ ގެނެސްފައިވާ ކަމަށް ސަރުކާރުން ބުނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

