މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ނުރައްކާތެރި ހަނގުރާމައިގެ ސަބަބުން ދިވެހިރާއްޖެއަށް އަސްކަރީ ގޮތުން އެއްވެސް ނުރައްކަލެއް އޮތްކަމަކަށް އަދި ނުފެންނަ ކަމަށް މިނިސްޓަރ އޮފް ޑިފެންސް ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކުލަވާލައްވާފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޣައްސާން ވިދާޅުވީ، ހަނގުރާމަ ފެށުނު ދުވަހުން ފެށިގެން ރާއްޖޭގެ ސިޔާސަތު އޮތީ ވަރަށް ސާފުކޮށް ކަމަށެވެ. އެގޮތުން ހަނގުރާމައިގެ އެއްވެސް ބޭނުމަކަށް ރާއްޖޭގެ ވައިގެ ސަރަހައްދު ނުވަތަ އެ ނޫންވެސް ތަނެއް އެއްވެސް ގައުމަކަށް ބޭނުންކުރަން ނުދޭން ސަރުކާރުން ނިންމާފައިވާ ކަމަށާއި، މިހާތަނަށްވެސް އަމަލުކުރަމުންދަނީ އެ ނިންމުމާ އެއްގޮތަށް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"ﷲ އިރާދަކުރެއްވިއްޔާ މި ހަނގުރާމައިގެ ސަބަބުން ދިވެހިރާއްޖެއަކަށް އަސްކަރީގޮތުން އެއްވެސް ނުރައްކަލެއް އޮތް ކަމަކަށް އަޅުގަނޑުމެންނަކަށް މިދަނޑިވަޅަކު ނުފެނޭ،"
މިނިސްޓަރު ޣައްސާން ވިދާޅުވިއެވެ.
މި މައުޟޫއާ ގުޅޭގޮތުން މީގެކުރިން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލްވެސް ވަނީ ސަރުކާރުގެ ސިޔާސަތު ހާމަކުރައްވާފައެވެ. މިނިސްޓަރު ޚަލީލް ވިދާޅުވީ، ރާއްޖޭގެ އަމާންކަމާއި އިގްތިސާދު ހިމާޔަތްކުރުމަށްޓަކައި އެއްވެސް ގައުމަކަށް ހަމަލާދިނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ ދީފައި ނުވާނެ ކަމަށެވެ. އަދި އެފަދަ ހުށަހެޅުންތަކަށް ސަރުކާރުން ވަނީ ނޫނެކޭ ބުނެފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މެދުއިރުމަތީގެ މަސްރަހު ހޫނުވެފައިވާއިރު، ރާއްޖޭގެ ދެކުނުގައި އޮންނަ ފޯޅަވަހީގައި އެމެރިކާއާއި އިނގިރޭސިވިލާތުން ހިންގާ އަސްކަރީ މަރުކަޒަށް އަމާޒުކޮށް އިރާނުން މިސައިލް ހަމަލާތަކެއް ފޮނުވި ކަމަށް ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް އިރާނުން ވަނީ އެކަން ރަސްމީކޮށް ދޮގުކޮށްފައެވެ.
އެމެރިކާއާއި އިޒްރޭލުން ގުޅިގެން ފެބްރުއަރީ 28 ވަނަ ދުވަހު އިރާނަށް ހަމަލާދީ ފެށި މި ހަނގުރާމައިގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ދަނީ ކުރަމުންނެވެ. މިގޮތުން ސްރީލަންކާ ކައިރިން ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން އިރާންގެ އަސްކަރީ މަނަވަރުތަކަކަށް އެމެރިކާއިން ވަނީ ސަބްމެރިން މެދުވެރިކޮށް ހަމަލާދީފައެވެ. މި ހަމަލާތަކުގައި ހާލުގައި ޖެހުނު އިރާންގެ ސިފައިންނާއި މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވެފައިވަނީ ސްރީލަންކާއިންނެވެ.
ސަރަހައްދީ މަސްރަހު މިފަދަ ނުރައްކާތެރި ފައްތަރެއްގައި އޮތް ނަމަވެސް، ރާއްޖޭގެ ސަލާމަތީ ކަންކަން ސަރުކާރުން ދަނީ ވަރަށް ގާތުން ބަލަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

