އިންޑިއަން ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސް (އައިސީސީއާރް) އިން ކުރިއަށްގެންދާ "އެއިޑް ޓު މޯލްޑިވްސް ސްކީމް" ގެ ދަށުން، ރާއްޖޭގެ ދަރިވަރުންނަށް އަންޑާގްރެޖުއޭޓް ފެންވަރުގެ 20 ސްކޮލާޝިޕްގެ ފުރުސަތު ހަމަޖައްސައިދީފިއެވެ.
މިކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ކުރި އިޢުލާނެއްގައި ބަޔާންކޮށްފައިވަނީ، އައިސީސީއާރުގެ ފަރާތުން މި 20 ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. ކޯސްތަކަށް ކުރިމަތިލުމަށް ބޭނުންވާ ޝަރުތުތަކާއި، ކިޔެވޭނެ ދާއިރާތަކުގެ އިތުރުން އެހެނިހެން ތަފުސީލުތައް އެ ވުޒާރާގެ ރަސްމީ ވެބްސައިޓުންނާއި "މައިއެޑިއު" ޕޯޓަލް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށް އެ މިނިސްޓްރީން މަޢުލޫމާތު ދެއެވެ.
މި ސްކޮލާޝިޕްތަކަށް ޝައުޤުވެރިވާ ދަރިވަރުން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ފޯމު ހުށަހަޅަންޖެހެއެވެ.
މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން އިތުރަށް ވިދާޅުވީ، ދަރިވަރުން ހޮވުމުގެ ހުރިހާ މަރުޙަލާތަކެއް ކުރިއަށް ގެންދާނީ ސްކޮލާޝިޕް ދޭ ފަރާތުން ކަމަށެވެ. އަދި ކޯހަށް ހޮވޭ ދަރިވަރުން ފުރުމުގެ ކުރިން، އެ ކޯހަކީ އަދި ކޯސް ހިންގާ މަރުކަޒަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިއު.އޭ) އިން ޤަބޫލުކުރާ ތަނެއްކަން ކަށަވަރު ކުރުމަށް އެ ވުޒާރާއިން އިލްތިމާސްކުރެއެވެ.
މީގެ އިތުރުން، ރާއްޖޭގައި މަސައްކަތް ކުރުމަށް ވަކި ޚާއްޞަ ހުއްދައެއް ނުވަތަ ލައިސެންސެއް ބޭނުންވާ ދާއިރާއަކުން ކޯސް ހެދުމަށް ހޮވޭނަމަ، އެ ކޯހަކީ ކަމާގުޅޭ ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން ޤަބޫލުކުރާ ކޯހެއްކަން ފުރުމުގެ ކުރިން ކަށަވަރު ކުރުމަކީ މުހިންމު ކަމެއް ކަމުގައިވެސް އެ ވުޒާރާއިން ފާހަގަކުރައްވާފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

