ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު، އެމެރިކާއާއި އިޒްރޭލުން ގުޅިގެން އީރާނާ ދެކޮޅަށް ހަނގުރާމައެއް ފެށިއެވެ. އދ. ގެ އެއްވެސް ހުއްދައެއް ނުވަތަ ކުރިން އެނގުމެއް ނެތި ދިން މި ޙަމަލާތަކުގައި އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ ވަނީ އަވަހާރަކޮށްލާފައެވެ.
އަދި މީގެ އެންމެ ދެ މަސް ކުރިން، އެމެރިކާއިން ވަނީ ވެނެޒުއޭލާއަށް ވެސް ޙަމަލާދީފައެވެ. އެމެރިކާގެ ޚާއްޞަ ސިފައިން ކަރަކާސްގައި ހުންނަ ރިޔާސީ ގަނޑުވަރުން އެ ޤައުމުގެ ރައީސް ނިކޮލަސް މަދޫރޯ ވަގަށް ނަގައިގެން ނިއުޔޯކަށް ގެންގޮސް، ފެޑަރަލް ކޯޓެއްގައި ޖިނާއީ ދަޢުވާތަކެއް ވަނީ އުފުލާފައެވެ.
މި ދެ ޙަމަލާގެ ދޭތެރޭގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ބައިނަލްއަޤްވާމީ 66 ޖަމްޢިއްޔާއަކުން ވަކިވެފައެވެ. އޭގެ ތެރޭގައި އދ. ގެ 31 އިދާރާއެއް ހިމެނެއެވެ. މީގެ އިތުރުން، އޭނާ އިސްވެ ހުންނަވައި "ބޯޑް އޮފް ޕީސް" ގެ ނަމުގައި އައު މުއައްސަސާއެއް އުފައްދަވައި، އެއީ އދ. ގެ ބަދަލުގައި މަސައްކަތްކުރާނެ ތަނެއްކަމަށް ވަނީ ވިދާޅުވެފައެވެ.
ފާއިތުވި އަހަރުތަކުގެ މިފަދަ ކަންކަމުން އެނގިގެންދަނީ، 1945 ވަނަ އަހަރު އެމެރިކާގެ އެހީތެރިކަމާއެކު ޤާއިމުކުރި ދުނިޔޭގެ ނިޒާމަކީ މިހާރު އެމެރިކާގެ މަޞްލަޙަތު ހިމެނޭ ކަމެއް ނޫން ކަމެވެ. ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި، އެމެރިކާގެ މުއްސަނދިކަމާއި، ޑިޕްލޮމަސީ އަދި އަސްކަރީ ބާރުގެ ބޭނުންކޮށްގެން މި ނިޒާމު ވަނީ ދަމަހައްޓާފައެވެ. އެ ބާރުގެ ބޭނުންކުރި ގޮތާމެދު ކޮންމެ ފާޑުކިޔުމެއް އޮތް ނަމަވެސް، އެމެރިކާއިން މިކަމަށް ދިން އަހަންމިއްޔަތަކީ ފާހަގަކޮށްލެވޭ ކަމެކެވެ. މިއީ އެ ޤައުމުން ކުރަން މަޖުބޫރު ކަމަކަށް ނުވިޔަސް، އެއީ އެ ޤައުމުން އަމިއްލައަށް އިޚްތިޔާރުކުރި މަގަކެވެ.
ނަމަވެސް، 2026 ވަނަ އަހަރުގެ ދުނިޔެއަކީ 1945 ވަނަ އަހަރު އޮތް ދުނިޔެއެއް ނޫނެވެ. ވިލާތު ވަނީ އަލުން އާރާސްތުވެފައެވެ. ޗައިނާ ވަނީ ބާރުގަދަވެފައެވެ. ކެނެޑާ، ޖަޕާން، ދެކުނު ކޮރެއާ އަދި ގަލްފުގެ ޤައުމުތަކަކީ މުއްސަނދި ޤައުމުތަކެވެ. ބްރެޒިލް، އިންޑޮނޭޝިއާ، ނައިޖީރިއާ، އިންޑިއާ އަދި ވިއެޓްނާމް ފަދަ ޤައުމުތައް ދަނީ ބާރުވެރިވަމުންނެވެ.
މިއަދުގެ ނުރައްކާތައް ކަމަށްވާ މޫސުމީ ބަދަލުތަކާއި، ބަލިމަޑުކަމާއި، ޓެރަރިޒަމް ފަދަ ކަންކަމަކީ އދ. ގެ ޗާޓަރު އެކުލަވާލި ދުވަސްވަރު ހީވެސް ނުކުރާ ފަދަ ކަންކަމެވެ. އެހެންކަމުން، މިހާރު ނެތް ދުނިޔެއަކަށް ފަރުމާކޮށްފައިވާ ނިޒާމެއް ދެމެހެއްޓުމަށް އެމެރިކާއިން އެކަނި ބޮޑު ޚަރަދެއް ކުރަންޖެހޭ ސަބަބާމެދު އެމެރިކާ ރައްޔިތުން ސުވާލު އުފެއްދުމަކީ ބުއްދިވެރި ކަމެކެވެ.
މިހާރު އޮތް ސުވާލަކީ ދުނިޔޭގެ އެހެން ޤައުމުތަކުން ކުރަން ގަސްތުކުރަނީ ކީއްތޯއެވެ؟ ގިނަ ދުވަސްތަކެއް ވަންދެން ބައިނަލްއަޤްވާމީ ގުޅުންތަކަކީ ހަމައެކަނި އެމެރިކާއިން ފޯރުކޮށްދޭ އަދި އެހެން ޤައުމުތަކުން އޭގެ ބޭނުން ހިފާ އެއްޗަކަށް އޮތީ ވެފައެވެ. ވިލާތުގެ ޤައުމުތަކުން އެމެރިކާގެ ސަލާމަތީ ރައްކާތެރިކަމުގެ ހިމާޔަތުގައި ތިބެ އެމެރިކާގެ ޚާރިޖީ ސިޔާސަތަށް ފާޑުކިޔަމުން ދިޔައެވެ. ކުރިއަރަމުން އަންނަ ޤައުމުތަކުން އެމެރިކާގެ އެހީއަށް ބަރޯސާވެ ތިބެ، މުއައްސަސާތަކަށް އިޞްލާޙު ގެނައުމަށް ގޮވާލަމުން ދިޔައެވެ. ކެރީބިއަންގެ ޤައުމުތައް ފަދަ ކުދި ޤައުމުތަކުން ބައިނަލްއަޤްވާމީ ޤާނޫނުތައް އައްޑަނައެއްގެ ގޮތުގައި ބޭނުންކުރި ނަމަވެސް، އެ ޤާނޫނުތައް ނެގެހެއްޓުމަށް ކޮށްދިން ކަމެއް މަދެވެ.
އަޅުގަނޑުމެން މި ނިޒާމަށް ހަމަހަގީގަތުގައިވެސް އިޙްތިރާމްކުރާނަމަ، ހަމައެކަނި ބަހުން ބުނުމުގެ ބަދަލުގައި ޢަމަލީގޮތުން ވަސީލަތްތައް ފޯރުކޮށްދީގެން އެކަން ސާބިތުކޮށްދޭންޖެހެއެވެ.
މިކަމަށް އެޅޭނެ ފުރަތަމަ ބާރުގަދަ ފިޔަވަޅަކީ، އދ. ގެ މައި މަރުކަޒު ނިއުޔޯކުން އެހެން ތަނަކަށް ބަދަލުކުރުމެވެ. އދ. ގެ އެތައް ގުނަވަނަކުން ވަކިވެ، އަމިއްލަ ގޮތްތަކެއް ހޯދަމުންދާ ޤައުމެއްގައި ދުނިޔޭގެ މައި އިދާރާ ބަހައްޓަންވީ ކީއްވެގެންތޯއެވެ؟ މި ބަދަލާއެކު، އެމެރިކާ ބައިވެރިވިޔަސް ނުވިޔަސް، ބައިނަލްއަޤްވާމީ މުޖުތަމަޢުން މި ނިޒާމު ދަމަހައްޓާނެކަމުގެ މެސެޖު ލިބިގެންދާނެއެވެ. އދ. ބަދަލުކުރެވިދާނެ ގިނަ ތަންތަން އެބަހުއްޓެވެ. ޖެނީވާ ނުވަތަ ވިއެނާ ފަދަ ތަންތަނަކީ ވަކި ފަރާތަކަށް ނުޖެހޭ ތަންތަނެވެ. ނައިރޯބީ ނުވަތަ ރިއޯ ޑި ޖެނީރޯ ފަދަ ތަނަކަށް ބަދަލުކުރުމުން، ދުނިޔޭގެ ދެކުނު ބިތުގެ ޤައުމުތަކަށް އިސްކަންދެވޭނެއެވެ. ނުވަތަ ޖަޒީރާ ޤައުމަކަށް ބަދަލުކުރުމަކީވެސް އޮތް ފުރުޞަތެކެވެ. އޭގެ ސަބަބުން މި މުއައްސަސާއަކީ ހަމައެކަނި ބާރުގަދަ ޤައުމުތަކުގެ ތަނެއް ނޫންކަމާއި، ނާޒުކު ޙާލަތްތަކުގައި ތިބި ޤައުމުތަކުގެވެސް ތަނެއްކަން ހާމަވެގެންދާނެއެވެ.
މީގެ އިތުރުން، އދ. އަށް ފައިސާ ހޯދާނެ އައު ގޮތްތަކެއް ބޭނުންވެއެވެ. މިހާތަނަށް އދ. ގެ ބަޖެޓުގެ 22 އިންސައްތަ އަދި ސުލްޙަ ބެލެހެއްޓުމުގެ މަސައްކަތްތަކަށް ބޭނުންވާ ބޮޑު ބައެއް ހިއްސާކުރަނީ އެމެރިކާއިންނެވެ. މީގެ ސަބަބުން ވޮޝިންޓަނަށް ބޮޑު ނުފޫޒެއް ލިބި، އދ. އަކީ އެމެރިކާގެ ދާޚިލީ ސިޔާސަތުގެ ރަހީނަކަށް ވެފައިވެއެވެ. އެހެންކަމުން، ވިލާތުގެ އިއްތިޙާދާއި، ޗައިނާ، ޖަޕާން، ގަލްފުގެ ޤައުމުތައް އަދި ކުރިއަރަމުން އަންނަ އިޤްތިޞާދުތަކުން މިކަމުގައި އިސްނަގަންޖެހެއެވެ.
މި އިޞްލާޙުތައް ގެނައުމަކީ މިހާރުން މިހާރަށް ކުރަންޖެހިފައިވާ ކަމެކެވެ. އީރާނަށް ދެވުނު ޙަމަލާތަކުގެ ސަބަބުން މުޅި ސަރަޙައްދަށް ހަނގުރާމަ ފެތުރި، ހަކަތައިގެ ބާޒާރަށް ލޮޅުން އަރައި، އިޤްތިޞާދީ ހީނަރުކަމެއް އަތުވެދާނެއެވެ. ވެނެޒުއޭލާގެ ރައީސް ވަގަށް ނެގުމުގެ ސަބަބުން ލެޓިން އެމެރިކާ ނުތަނަވަސްވެ، ކޮންމެ ޤައުމެއްގެ ވެރިއަކީވެސް ނުރައްކަލެއްގައި ހުރި މީހެއްކަމުގެ ބިރުވެރިކަން ވަނީ އުފެދިފައެވެ. ހަމައެއާއެކު، ޣައްޒާއާއި ސޫދާނުގެ ހަނގުރާމަ ދަނީ ކުރިއަށެވެ. މި ހުރިހާ ކަމެއްގައިވެސް އދ. ގެ ސަލާމަތީ މަޖިލިސް ވަނީ ނުކުޅެދިފައެވެ.
އައު ތަނަކަށް ބަދަލުކުރެވި، ފުޅާ ދާއިރާއެއްގައި ފަންޑު ލިބޭ، އަދި ވަކި ޤައުމެއްގެ ނުފޫޒުން އެއްކިބާވެފައިވާ އދ. އަކުން މި ހުރިހާ މައްސަލައެއް އެއްދުވަހުން ޙައްލެއް ނުކުރެވޭނެއެވެ. ނަމަވެސް، އޭރުން އެ ތަނަކީ އިތުބާރު ހުރި އަދި ވަކި ފަރާތަކަށް ނުޖެހޭ ތަނަކަށް ވާނެއެވެ. މޫސުމީ ބަދަލުތަކުގެ މައްސަލައަކީވެސް އަވަސް ޙައްލެއް ބޭނުންވާ ކަމެކެވެ. އެމެރިކާ ވަކިވުމުން، ކުދި ޖަޒީރާ ޤައުމުތަކަށް ބޭނުންވާ މާލީ އެހީތެރިކަމަށް ވަނީ ހުރަސް އެޅިފައެވެ.
ކެރީބިއަން ޤައުމުތަކާއި، އެފްރިކާ އަދި ކުރިއަރަމުން އަންނަ އެހެން ޤައުމުތަކަށް ދުނިޔޭގެ ނިޒާމު ބަދަލުކުރުމުގެ ބާރު އެބައޮތެވެ. އެމެރިކާއަކީ އަދިވެސް ދުނިޔޭގެ އެންމެ ބޮޑު އިޤްތިޞާދެވެ. އެމެރިކާ އަލުން މި ނިޒާމާ ގުޅުމަށް އަބަދުވެސް ދޮރު ހުޅުވިފައި ހުންނަންވާނެއެވެ. ނަމަވެސް، އެމެރިކާގެ ދާޚިލީ ސިޔާސަތުތައް ހަމަޖެހެންދެން ދުނިޔެއަކަށް މަޑަކުން ނުތިބެވޭނެއެވެ.
1945 ވަނަ އަހަރު، ހަނގުރާމައިން ވަރުބަލިވެފައިވާ އެމެރިކާއިން އިޚްތިޔާރުކުރީ ދުނިޔެ ބިނާކުރުމަށެވެ. ނަމަވެސް 2026 ގައި އެމެރިކާ މިވަނީ ތަފާތު އިޚްތިޔާރެއް ކޮށްފައެވެ. އެހެންކަމުން، އަޅުގަނޑުމެން އެކަން ބަލައިގަނެ، ދުނިޔޭގެ ނިޒާމުގެ ޒިންމާ އަމިއްލައަށް އުފުލަންވީއެވެ.
ނޯޓް:މަތީގައިވާ މިލިއުމަކީ އަލްޖަޒީގައި މަޝްހޫރު ޕްރޮފެސަރ ސީ. ޖަސްޓިން ރޮބިންސަން ލިއުއްވާފައިވާ ލިއުމަށްބަލައިގެން ތައްޔާރުކުރެވިފައިވާ ލިއުމެއް
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

