އިދާރީ ހިންގުމުގެ ތަޖުރިބާނެތް، ލާމަރުކަޒީ ގާނޫނަށް އަހުލުވެރި ނޫން ބަޔަކު ކައުންސިލްގެ ރައީސްކަމަށް އިންތިޚާބުކޮށްފިނަމަ، ކައުންސިލްގެ މަސައްކަތްތައް ހުއްޓި، ކައުންސިލް އިނދަޖެހިދާނެކަމުގެ އިންޒާރު ހުޅުދޫގެ ކުރީގެ ކައުންސިލަރު އިބްރާހިމް ޝުކުރީ ދެއްވައިފިއެވެ.
ޝުކުރީ މިހެން ވިދާޅުވީ އޭނާގެ ރަސްމީ ފޭސްބުކް ޕޭޖްގައި ހިއްސާކުރެއްވި ލިޔުމެއްގައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކައުންސިލެއް ހިންގުމުގައި އެންމެ މުހިންމު ކަމަކީ އިދާރީ ހިންގުމުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި، ލާމަރުކަޒީ ނިޒާމު ހިނގާގޮތުގެ ފުރިހަމަ މައުލޫމާތު އެނގުމެވެ. އެ ތަޖުރިބާ ނެތް ފަރާތްތަކާ ކައުންސިލްގެ ޒިންމާތައް ހަވާލުކުރުމަކީ ރަށުގެ ތަރައްގީއަށް އެޅޭނެ ހުރަހެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.
މީގެ އިތުރުން، ކުރިއަށް އޮތް އިންތިޚާބުގައި ހުޅުދޫ ފާއިރާގެ ކައުންސިލްގެ ރައީސްކަމަށް ވާދަކުރައްވާ ކެންޑިޑޭޓް މޫސާ ސިއްދީގަށް ތާއީދުކުރައްވަމުން ޝުކުރީ ވިދާޅުވީ، މޫސާ ސިއްދީގަކީ ސިވިލް ސާވިސްގެ ދާއިރާއާއި ލާމަރުކަޒީ ނިޒާމުގެ ތެރޭގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ، އެ ނިޒާމުތައް ވަރަށް ރަނގަޅަށް ދަންނަ ބޭފުޅެއް ކަމަށެވެ.
އެހެންކަމުން، ރަށުގެ ކުރިމަގަށްޓަކައި މޫސާ ސިއްދީގާއި އޭނާއާއެކު އޮތް ޓީމަށް ވޯޓު ދެއްވުމަށް ޝުކުރީ ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ. އޭނާ ވިދާޅުވީ ގާބިލު ޓީމެއް އިންތިޚާބު ކުރުމަކީ ކައުންސިލްގެ ހިންގުން ހަރުދަނާވެ، ރައްޔިތުންނަށް ލިބޭ ޚިދުމަތްތައް އަވަސްވެގެންދާނެ ކަމެއް ކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

