ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، އައްޑޫސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިއުޑީސީ) އިން އިސްނަގައިގެން މީދޫ އަވަށުގައި އިއްޔެ ޚާއްޞަ ރޯދަވީއްލުމެއް ބާއްވައިފިއެވެ.
އިއްޔެ މީދޫގައި ބޭއްވުނު މި ރޯދަވީއްލުމަކީ އަންހެނުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށާއި، މުޖުތަމައުގައި އަންހެނުން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި ރޯދަވީއްލުން ބޭއްވިފައިވަނީ މީދޫ ކުޑަކުދިންގެ ޕާކް ސަރަހައްދުގައެވެ. މި ހަރަކާތުގައި މީދޫ އަވަށުގެ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވެއެވެ.
އައްޑޫސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން މައުލޫމާތު ދީފައިވާ ގޮތުގައި، މި ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ސިޓީގެ އެހެން އަވަށްތަކުގައިވެސް ކުރިއަށްދާނެއެވެ. އެގޮތުން، މިއަދު ހުޅުދޫ އަވަށުގައިވެސް އެ ކޮމެޓީން އިންތިޒާމްކޮށްގެން ބާއްވާ ޚާއްޞަ ރޯދަވީއްލުމެއް އޮންނާނެކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
މިފަދަ ހަރަކާތްތަކަކީ އަންހެނުންގެ ދުވަހާ ގުޅުވައިގެން، އަންހެނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމަށްޓަކައި އެ ކޮމެޓީން ސިލްސިލާކޮށް ރާވާފައިވާ ހަރަކާތްތަކުގެ ބައެއްކަން ފާހަގަކުރެވެއެވެ.





ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

