ޓީ20 ވޯލްޑް ކަޕްގެ ސުޕަރ 8 ގައި ސާހިބްޒާދާ ފަރްހާން ކާމިޔާބުކުރި ފުރިހަމަ ސެންޗަރީއާއެކު ސްރީލަންކާ އަތުން ޕާކިސްތާން މޮޅުވި ނަމަވެސް، ނެޓް ރަން-ރޭޓުން ކުރިނުލިބުމުގެ ސަބަބުން ޕާކިސްތާނަށް ސެމީ ފައިނަލުގެ ފުރުސަތު ގެއްލިއްޖެއެވެ.
60 ބޯޅައިން 100 ލަނޑު ހެދި ފަރްހާންގެ ކުޅުމުގައި 9 ފަހަރު ހަތަރަކަށް އަދި 5 ފަހަރު ހަޔަކަށް ޖަހާފައިވެއެވެ. މިއީ ޓީ20 ވޯލްޑް ކަޕް ތާރީޚުގައި ޕާކިސްތާނުން ހެދި އެންމެ މަތީ ސްކޯއެވެ.
ގްރޫޕް 2 ގެ ނެޓް ރަން-ރޭޓުން ނިއުޒީލެންޑަށްވުރެ ކުރި ހޯދުމަށްޓަކައި، ލަންކާގެ އިނިންގްސް 147 ލަނޑަށްވުރެ މަދުން ސްރީލަންކާ ޓީމް ނުބައިކުރަން ޕާކިސްތާނަށް މަޖުބޫރުވި މިމެޗްގެ 15.5 އޯވަރުގެ ތެރޭގައި 5 ވިކެޓަށް ލަންކާއިން އެ އަދަދު ހަމަކުރުމާއެކު، ނިއުޒީލެންޑަށް ސެމީ ފައިނަލުގެ ޖާގަ ކަށަވަރުވިއެވެ.
މިއާއެކު ނިއުޒީލެންޑުން +1.390 ގެ ނެޓް ރަން-ރޭޓަކާއެކު ގްރޫޕްގެ ދެވަނަ ހޯދިއިރު، ޕާކިސްތާނަށް ލިބުނީ -0.123 ގެ ރޭޓެކެވެ.

މިމެޗްގައި ލަންކާގެ ކެޕްޓަން ދަސުން ޝަނަކަ ފަހު ވަގުތު ދެއްކި މޮޅު ކުޅުމާއެކު، ވޯލްޑް ކަޕް ތާރީޚުގައި ދެވަނައަށް އެންމެ ބޮޑު ޓާގެޓެއް ފަހަތުން އަރައި ފުރިހަމަކުރުމާ ގާތަށް ލަންކާ ދިޔައެވެ. ފަހު އޯވަރުގައި މޮޅުވާން 28 ލަނޑު ބޭނުންވެފައި ވަނިކޮށް، 31 ބޯޅައިން ނުބައިނުވެ 76 ލަނޑު ހެދި ޝަނަކަ ވަނީ އެ އޯވަރުގައި އެއް ފަހަރު ހަތަރަކަށް އަދި ތިން ފަހަރު ހަޔަކަށް ޖަހާފައެވެ.
މޮޅުވާން ފަހު ދެ ބޯޅައަށް 6 ލަނޑު ބޭނުންވެފައި ވަނިކޮށް، ޕާކިސްތާނުގެ ޝަހީން އަފްރީދީ ވަނީ ހުށިޔާރުކަމާއެކު ދެ "ވައިޑް ޔޯކާ" އުކައި، އެއްވެސް ލަނޑެއް ނުދީ ހިފަހައްޓާފައެވެ.

މެޗުގެ ކުރީކޮޅު ފަރްހާން އާއި ފަޚަރު ޒަމާންގެ ދެމެދުގައި އުފެއްދި 176 ލަނޑުގެ ޕާޓްނަޝިޕްގެ ސަބަބުން، ޕާކިސްތާނަށް ސެމީގެ އުންމީދު އާވިއެވެ. މި މެޗުގައި އޯޕަނަރެއްގެ ގޮތުގައި ކުޅެން އެރި ފަޚަރު ވަނީ 42 ބޯޅައިން 84 ލަނޑު ހަދާފައެވެ. އޭނާގެ ކުޅުމުގައި 9 ފަހަރު ހަތަކަށް އަދި 4 ފަހަރު 6 ޖަހާފައިވެއެވެ.
ނަމަވެސް ފަޚަރު ނުބައިވުމަށްފަހު ޕާކިސްތާނުގެ ރަން-ރޭޓް ދަށްވިއެވެ. ލަންކާގެ ދިލްޝާން މަދޫޝަންކަ 33 ލަނޑަށް 4 ވިކެޓް ނެގިއިރު، ފަހު ދެ އޯވަރުގައި ޕާކިސްތާނަށް ހެދުނީ އެންމެ 14 ލަނޑެވެ.
މިމެޗްގައި 20 އޯވަރުގެތެރޭގައި ޕާކިސްތާނަށް ހެދުނީ 8 ވިކެޓަށް 212 ލަނޑެވެ. ޖަވާބުގައި ކުޅެންއަރާ ސްރީލަންކާއަށް 20 އޯވަރުގެތެރޭގައި ހެދުނީ 6 ވިކެޓަށް 207 ލަނޑެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

