އައްޑޫ މީދޫގެ ތަރައްޤީއަށް އިންގިލާބީ ބަދަލުތަކެއް ގެނެވޭނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުން ހޮވައިގެން ކަމަށް، އެ ޕާޓީގެ ފަރާތުން މީދޫ ދާއިރާގެ ކައުންސިލްގެ ރައީސްކަމަށް ވާދަކުރައްވާ އާމިނަތު ސާލިހާ ވިދާޅުވެއްޖެއެވެ.
ވީއޯއެމް އަށް ދެއްވި ބަސްދީގަތުމެއްގައި ސާލިހާ ވިދާޅުވި ގޮތުގައި، މީދޫގެ މުސްތަޤުބަލު އުޖާލާކުރުމަށްޓަކައި ޕީއެންސީން ނިކުމެ އޮތީ ވަރުގަދަ އަދި ޤާބިލު ޓީމެކެވެ.
މި ޓީމުގައި ކައުންސިލްގެ ރައީސްކަމަށް އާމިނަތު ސާލިހާ ވާދަކުރައްވާއިރު ދެންތިއްބެވި ބޭފުޅުންނަކީ، ކައުންސިލް މެމްބަރުންގެ ގޮތުގައި ވާދަކުރައްވާ ހަސަން ހަމީދު، އަފުޒަލް ރަޝީދު، ސަނީ އަދި ނިހާނު އެވެ. މީގެއިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އަށް ވާދަކުރައްވާ ޓީމްގައި ތިއްބެވީ ރައީސްކަމަށް ވާދަކުރައްވާ ވަޒުނާއާއި މެމްބަރުންގެ ގޮތުގައި ވާދަކުރައްވާ ހިމްޔާ، ހައްވާ މުހައްމަދު، ނަސީރާ އިބްރާހިމް އަދި ހާފިޒާ އެވެ.
މި ޓީމަކީ ރަށުގެ ތަރައްޤީއަށްޓަކައި އަތްގުޅާލައިގެން ތިބި ހިންގުންތެރި ބޭފުޅުންތަކެއްކަށް ސާލިހާވަނީ ވިދާޅުވެފައެވެ.
"މިއީ ހަމައެކަނި އިންތިޚާބަކަށް ނިކުމެ އުޅޭ ބައެއް ނޫން. މިއީ މީދޫގެ ތާރީޚުގައި އާ ސަފްޙާއެއް ލިޔެލާނެކަން ކަށަވަރުވެފައިވާ ޢަޒުމް ވަރުގަދަ މެންބަރުންތަކެއް،"
ސާލިހާ ވިދާޅުވިއެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި މި ޓީމުގެ އެންމެ ބޮޑު ސިފައަކީ، ވަކި ކުލައަކަށް ނުވަތަ ވަކި ސިޔާސީ ފިކުރަކަށް ބެލުމެއްނެތި، ހުރިހާ ރައްޔިތުންނާ ގުޅިގެން މަސައްކަތްކުރުމުގެ ރޫޙު އެބޭފުޅުންގެ ކިބައިގައި ހުރުމެވެ. ކަންކަމުގައި ކެތްތެރިކަމާއި ވިސްނުންތެރިކަން އިސްކުރުމަކީ މި ޓީމުގެ އަސާސީ އުސޫލުކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީދޫގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ހާލަތު ބަދަލުކޮށް، ރައްޔިތުން އެދޭފަދަ ފާގަތި މުސްތަޤުބަލަކަށް މަގުކޮށައިދޭނެ ތަޞައްވުރެއް މި ޓީމުގެ އެބައޮތްކަމަށްވެސް ސާލިހާ ވިދާޅުވިއެވެ. ސާލިހާ އިތުރަށް ވިދާޅުވީ، މި ޓީމުގެ ކިބައިގައި ހުރީ ހަމައެކަނި ޢިލްމެއް ނޫން ކަމަށާއި، ކަންކަން ނިންމުމުގައި ބޭނުންވާ ޙިލްމުވެސް އެބަހުރި ކަމަށެވެ. އަދި އެއްވެސް ތަފާތުކުރުމެއް ނެތި، އެންމެންގެ ޚިދުމަތުގައި ދެމިތިބޭނެކަމުގެ ފުރިހަމަ ޔަޤީންކަން އޭނާ އެރުވިއެވެ.
މީދޫގެ މިއަދުގެ ހާލަތު ބަދަލުކޮށް، މީދޫ އާ އުސްމިންތަކަކަށް ގެންދިއުމަށްޓަކައި މިފަހަރު އެންމެން އެކަތިގަނޑަކަށް ވާންޖެހޭކަން ފާހަގަކުރައްވަމުން ސާލިހާ ވިދާޅުވީ،
"ރަށުގެ ކުރިއެރުމަށާއި، ދަރިންގެ މުސްތަޤުބަލަށްޓަކައި، މިފަހަރު އެންމެން 'ދޫންޏަށް' ވޯޓް ދެއްވާށެވެ. މިއީ މީދޫގެ ކާމިޔާބީގެ ރަމްޒެވެ. މިއީ ތަރައްޤީގެ އަސްލު މިޞްރާބެވެ."
މި ޓީމުގެ އަމާޒަކީ މީދޫގެ ރައްޔިތުންނަށް އުފާވެރި، ތަނަވަސް އަދި ހަމަޖެހޭ ދިރިއުޅުމެއް ހޯދައިދީ، ރަށުގެ ހިންގުން ހަރުދަނާ ނިޒާމެއްގެ ތެރެއަށް ގެނައުމެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

