ފޯޅަވަހީގެ ރަށްތަކަށް ނުވަތަ ޗާގޯސްއަށް ދައުވާކުރުމުގެ ހައްގު އެންމެ ބޮޑީ ދިވެހިރާއްޖެއަށް ކަމަށް އިނގިރޭސިވިލާތުގެ ރިފޯމް ޕާޓީގެ ލީޑަރު ނައިޖަލް ފަރާޖް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަދައްކަވަމުންނެވެ.
ތާރީޚީ އަދި ޖިއޮގްރަފީ ހެކިތަކާއެކު ޗާގޯސް މައްސަލާގައި ވަރަށް ތަފްސީލުކޮށް ވާހަކަދަކަވަމުން ނައިޖަލް ވިދާޅުވި ގޮތުގައި ޗާގޯސްއަށް ދައުވާކުރުމުގެ ހައްގު ރާއްޖެއަށް އޮތް ކަމުގެ ސާފު ހެކިތައް އެބަހުރިކަމަށެވެ. ތާރީހީ ގޮތުންނާއި ޖިއޮގްރަފީގެ ގޮތުން ބެލި ނަމަވެސް އެ ހައްގު އެންމެ ބޮޑީ ދިވެހީންނަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ޗާގޯސްއާއި ރާއްޖެއާ އޮތީ ތާރީހީ ގޮތުން ގުޅިފައި ކަމަށާއި، ފަރަންސޭސިންގެ ބާރުގެ ދަށަށް އެ ރަށްތައް ގެންދިއުމަށްފަހު ދިވެހި ބަހުން ދީފައިވާ ނަންތައް ބަދަލުކޮށްފައިވާކަން ފެންނަން އޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މޮރިޝަސްއިން ކުރާ ދައުވާއަށް ފާޑުވިދާޅުވަމުން ނައިޖަލް ވިދާޅުވީ، އެ ގައުމަށް އެ ދައުވާ ކުރެވޭނެ އެއްވެސް ތާރީޚީ ނުވަތަ ޖިއޮގްރަފީ އަސާސެއް ނެތް ކަމަށެވެ. އެހެންކަމުން، އެ ހައްގު އެންމެ ބޮޑީ މޮރިޝަސްއަށް ކަމަށް ބުނުމަކީ ހަމަޖެހޭ އަދި ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ޗާގޯސް މައްސަލާގައި ރާއްޖެއިން ސާފު ސްޓޭންޑެއް ގެންގުޅޭކަން ފާހަގަ ކުރައްވާ ނައިޖަލް ވިދާޅުވީ، ބައިނަލްއަގުވާމީ ކޯޓުގައި އެ ދައުވާ އުފުލަން ރާއްޖެއިން ތައްޔާރުވަމުންދާ ކަމަށާއި އެ ހައްގު ދިވެހިރާއްޖެއަށް ފުރިހަމައަށް އެބައޮތް ކަމަށެވެ.
ޗާގޯސްގެ ރަށްތަކުގެ ސިޔާދަތުގެ މައްޗަށް ދައުވާކުރުމުގެ ހައްގު އަލުން ހޯއްދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ. އެ މަސައްކަތް މިހާރު ސަރުކާރުން ކުރަމުންދާ ކަމަށް އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

