ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ އިންތިޚާބުގައި، އައްޑޫ މީދޫ ދާއިރާއަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓުންގެ ކެމްޕޭން ރަސްމީކޮށް ފެށުމުގެ ހަފްލާ ރޭ މީދޫގައި ކުލަގަދަގޮތެއްގައި ބާއްވައިފިއެވެ.
ޕީއެންސީ މީދޫ އޮފީސް ކުރިމަތީގައި ބޭއްވުނު މި ހަފްލާ ޝަރަފުވެރިކޮށްދެއްވީ ޕީއެންސީ މީދޫ ދާއިރާގެ ރައީސް އަޙްމަދު ނިއާޒެވެ. މި ރަސްމިއްޔާތުގައި މީދޫ ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ހުރިހާ ކެނޑިޑޭޓުން ބައިވެރިވެ، ރައްޔިތުންނާ މުޚާޠަބުކޮށް ވާހަކަދައްކަވާފައިވެއެވެ.
މި ރަސްމިއްޔާތުގައި އެންމެ ފާހަގަކޮށްލެވުނު އެއް ކަމަކީ، މީދޫ ދާއިރާގެ ކައުންސިލްގެ ރައީސްކަމަށް ވާދަކުރައްވާ ކެނޑިޑޭޓް، އާމިނަތު ޞާލިޙާ ދެއްކެވި ވާހަކަފުޅެވެ. ޞާލިޙާގެ ވާހަކަފުޅުގައި، އޭނާ ކައުންސިލްގެ ރައީސްކަމަށް އިންތިޚާބުކޮށްދެއްވައިފިނަމަ، ކުރިއަށް އޮތް ދައުރުގައި ރަށުގެ ތަރައްޤީއަށްޓަކައި ކޮށްދެއްވަން ގަސްތުކުރައްވާ މުހިންމު މަސައްކަތްތަކުގެ ތަފްސީލް ހާމަކޮށްދެއްވިއެވެ.
ޞާލިޙާ އިތުރަށް ވިދާޅުވީ، މި އިންތިޚާބުގައި ޕީއެންސީގެ މެންބަރުން ހޮވަންޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ ޤައުމަށް އިތުރު ހަމަނުޖެހުމެއް އަންނަން ބޭނުންނުވާތީ ކަމަށެވެ. އަދި ކުރީ ސަރުކާރުގެ ބޮޑެތި ދަރަނިތަކުގެ ސަބަބުން ޤައުމުގެ އިޤްތިޞާދު ބަނގުރޫޓުވުމުގެ މަގުމަތީގައި އޮއްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކަން ހައްލުކުރެއްވުމަށް އަޅުއްވަމުންދާ ހަރުދަނާ ފިޔަވަޅުތަކަށް ފުރިހަމަ އެއްބާރުލުން ދިނުމަކީ މިއަދު ޤައުމީ ވާޖިބެއް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން، ސަރުކާރުގެ ސިޔާސަތުތައް ތަންފީޛުކުރުމަށްޓަކައި ޕީއެންސީގެ ކެނޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ޞާލިޙާ އިލްތިމާސްކުރެއްވިއެވެ.
މި ހަފްލާގައި ކައުންސިލް މެންބަރުކަމަށާއި ޑަބްލިއުޑީސީއަށް ވާދަކުރައްވާ ކެނޑިޑޭޓުންވެސް ވަނީ އެބޭފުޅުންގެ މެނިފެސްޓޯތައް ކުރުގޮތަކަށް ހުށަހަޅުއްވައިދެއްވާފައެވެ. މިގޮތުން ރަށުގެ އިޖުތިމާޢީ އަދި އުމްރާނީ ތަރައްޤީއަށް ކުރަން ރާވާފައިވާ ކަންކަމުގެ މައްޗަށް އެބޭފުޅުން އަލިއަޅުއްވާލެއްވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދެއްކެވި ހުރިހާ ބޭފުޅުންވެސް އިއްތިފާޤުވެވަޑައިގެންނެވި ގޮތުގައި، ރަށާއި ޤައުމުގެ މަޞްލަޙަތު ހިމާޔަތްކުރުމަށާއި، ހަމަޖެހުމާއެކު ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށްޓަކައި، މިފަހަރުގެ އިންތިޚާބުގައި ޕީއެންސީގެ ކެނޑިޑޭޓުން އިންތިޚާބުކުރުމަކީ ނުހަނު ބޭނުންތެރި ކަމެއްކަމަށެވެ. މި ރަސްމިއްޔާތު ނިމިގެންދިޔައީ ދާއިރާގެ ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ބައިވެރިވުމާއެކު ވަރަށް ފޯރީގައެވެ.
ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރަށްގީއަށް މަސައްކަތްކުރާ ކޮމިިޓީގެ އިންތިހާބު އޮތީ އަންނަ އޭޕްރީލް 4 ގަ އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

