ވަން ޑައިރެކްޝަންގެ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޒޭން މާލިކް، އޭނާގެ ކުރީގެ ލޯބިވެރިޔާ އަދި ދަރިފުޅުގެ މަންމަ ޖީޖީ ހަދީދްދެކެ ދުވަހަކުވެސް ހަގީގީ "ލޯބިނުވާ" ކަމަށް ބުނުމާ ގުޅިގެން، ޖީޖީއަށް ބޮޑު ސިހުމަކާއި މާޔޫސްކަމެއް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ޒޭން މިފަދަ މޭރުމަކުން ވާހަކަދައްކާފައިވަނީ ދާދި ފަހުން ދިން އިންޓަވިއުއެއްގައެވެ. މިކަމާ ގުޅިގެން ޖީޖީގެ ގާތް ފަރާތްތަކުން ބުނާ ގޮތުގައި، ހަ އަހަރު ދުވަހުގެ ދިގު ގުޅުމަކަށްފަހު އަދި ފަސް އަހަރުގެ ދަރިއަކު ހުރިއިރު، މިފަދަ ވާހަކައެއް ދެއްކުމަކީ ވަރަށް ދަށު ދަރަޖައިގެ، އިހުތިރާމް ކުޑަ އަމަލެކެވެ. ޚާއްސަކޮށް ޒޭންގެ އައު އަލްބަމް ނެރުމާ ދިމާކޮށް މިފަދަ ވާހަކަތަކެއް ދެއްކުމަކީ ސަމާލުކަން ހޯދުމަށް ކުރި ކަމެއްގެ ގޮތުގައި ޖީޖީގެ ރަހުމަތްތެރިން ސިފަކުރެއެވެ.

ޒޭން މާލިކް "ކޯލް ހަރ ޑެޑީ" ޕޮޑްކާސްޓްގައި ވާހަކަދައްކަމުން ބުނީ، ލޯތްބާ މެދު އޭނާ ދެކޭގޮތް ދަނީ ބަދަލުވަމުން ކަމަށެވެ. އެ ދުވަސްވަރު އެއީ ލޯބި ކަމަށް ހީކުރެވުނު ނަމަވެސް، މިހާރު އުމުރުން ދުވަސްވުމުން އެއީ ހަގީގީ ލޯބި ނޫން ކަމަށާއި، އެއީ ހަމައެކަނި އެހެން ކަހަލަ ގަޔާވުމެއް ނުވަތަ އެހެން އިހުސާސެއް ކަމަށް ވެދާނެ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް، ދަރިފުޅުގެ މަންމަގެ ހައިސިއްޔަތުން ޖީޖީއަށް އަބަދުވެސް އިހުތިރާމް ކުރާނެކަމށް ޒޭން ބުންޏެވެ.

ޖީޖީގެ ފަރާތުން ވާހަކަދެއްކި މަސްދަރަކުން "ދަ ސަން" ނޫހަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ޒޭންގެ މި ވާހަކަތަކަކީ ހަގީގަތާ ޚިލާފު އަދި އަނިޔާވެރި ވާހަކަތަކެއް ކަމަށެވެ. ދަރިއަކު ލިބިފައިވަނީ ލޯބީގެ ގުޅުމެއްގެ ތެރެއިން ނޫން ކަމަށް ދޭހަވާ ގޮތަށް ވާހަކަދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެ ފަރާތުން ބުންޏެވެ. އަދި ޖީޖީއަކީ ދުވަހަކުވެސް ޒޭންއާ ބެހޭގޮތުން ނޭދެވޭ ވާހަކައެއް ދެއްކި މީހެއް ނޫން ކަމަށްވުމުން، މިކަމުގެ ސަބަބުން އޭނާއަށް ލިބުނު ދެރަ ވަރަށް ބޮޑު ކަމަށްވެސް ބުނެފައިވެއެވެ.
މި ދެމީހުންގެ ގުޅުން 2021 ވަނަ އަހަރު ނިމުމަކަށް އައީ ޒޭންއާއި ޖީޖީގެ މަންމަ ޔޮލަންޑާ ހަދީދްއާ ދެމެދު ހިނގައިދިޔަ ހަމަނުޖެހުމަކަށްފަހުގައެވެ. އެ ހާދިސާގައި ޒޭންގެ މައްޗަށް ބައެއް ދައުވާތައް އުފުލި، ކޯޓުން ވަނީ އޭނާއަށް އަދަބުތަކެއްވެސް ދީފައެވެ.
ކަންމިހެން ހުރި ނަމަވެސް، ދަރިފުޅު ބެލުމުގެ ކަންކަމުގައި ދެމީހުން އެކުގައި މަސައްކަތް ކުރަމުންދާ ކަމަށް މީގެ ކުރިން ޖީޖީ ބުނެފައިވެއެވެ. ދެމީހުންގެ ދެމެދުގައި އޮތް އިހުތިރާމާއިއެކު ދަރިފުޅު ބޮޑުކުރުމަށް މަސައްކަތް ކުރާ ކަމަށް ވޯގް މެގަޒިންއަށް ދިން އިންޓަވިއުއެއްގައި ޖީޖީ ފާހަގަކޮށްފައިވެއެވެ.
ޖީޖީ ހަދީދް މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ބްރެޑްލީ ކޫޕަރާއެވެ. މި ދެމީހުންގެ ގުޅުން ފެށިފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

