އަތޮޅުތެރޭގެ ޞިއްޙީ ނިޒާމަށް އައި ތާރީޚީ ބޮޑު ބަދަލަކާއެކު، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗު) ގައި ކެތު ލެބުގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މިއީ މާލެއިން ބޭރުގައި ރާއްޖޭގެ ރަށެއްގައި މިފަދަ ޚިދުމަތެއް ޤާއިމްކުރެވުނު ފުރަތަމަ ފަހަރެވެ.
އައްޑޫ ސިޓީގައި ކެތު ލެބެއްގެ ޚިދުމަތް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވަޢުދުފުޅެކެވެ. ރައީސްގެ މި ވަޢުދުފުޅާ އެއްގޮތަށް، ކެތު ލެބު ޤާއިމުކުރުމަށްޓަކައި އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، މެޝިނަރީޒް އިންސްޓޯލްކޮށް މިހާރު ވަނީ ޚިދުމަތް ދޭން ފަށާފައެވެ. މި ޚިދުމަތް ފެށިގެން މިހާތަނަށް 7 މީހަކު ވަނީ ކާމިޔާބުކަމާއެކު ފަރުވާ ހޯދާފައެވެ. މި ޚިދުމަތް ކުރިއަށް ގެންދަނީ އޭއީއެޗާއި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގުޅިގެންނެވެ.
ކެތު ލެބުގެ ޚިދުމަތް ފެށުމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، މިއީ ސަކޭތަ އިންސައްތަ ދިވެހި ޓީމަކާއެކު ފެށިގެންދިޔަ ޚިދުމަތެއް ކަމަށެވެ. މީގެ ކުރިން މާލޭގައި މި ޚިދުމަތް ފެށިއިރު ބޭރުގެ ކުންފުންޏަކާ ގުޅިގެން މަސައްކަތް ކުރި ނަމަވެސް، އައްޑޫގައި މި ޚިދުމަތް ފެށީ އެއްވެސް ބޭރުގެ ކުންފުންޏެއްގެ އެހީތެރިކަމާ ނުލައި، ދިވެހި ޑޮކްޓަރުންގެ ބެއްލެވުމުގެ ދަށުންނެވެ. "ބޭނުންވަނީ ދިވެހިންގެ އަތްމަތީގައި ބާއްވައިގެން ޞިއްޙީ ޚިދުމަތްތައް ފުޅާކުރުން،" ޙަލީމް ވިދާޅުވިއެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ސީއީއޯ އިބްރާހިމް ޔާސިރު ފާހަގަކުރެއްވި ގޮތުގައި، ކެތު ލެބް 2023 ވަނަ އަހަރު ޤާއިމްކުރި ނަމަވެސް، ޚިދުމަތް ނުފެށި ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. ނަމަވެސް މި ސަރުކާރުގެ ހަރުދަނާ މަސައްކަތާއެކު މި ޚިދުމަތް ފެށިގެން ދިޔުމަކީ މުޅި ދެކުނުގެ އަތޮޅުތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.
ހިތުގެ ބަލިތަކުގެ ފަރުވާއަށް އައްޑޫގައި މިވަގުތު އޮތް ބޭނުންތެރިކަން ހާމަކުރައްވަމުން، އެ ހޮސްޕިޓަލުގެ މެޑިކަލް ޑިރެކްޓަރ ޑރ. ފާތިމަތު އަމާނީ ނަސީރު ވިދާޅުވީ، އައްޑޫއިން މާލެއަށް އެމަރޖެންސީގައި ފޮނުވާ ކޮންމެ 5 މީހަކުން އެކަކީ ހިތުގެ މައްސަލައެއް ހުރެގެން ފޮނުވާ މީހެއް ކަމަށެވެ. އަދި އާދައިގެ ޙާލަތްތަކުގައިވެސް ހަފްތާއަކު ގާތްގަނޑަކަށް 5 މީހުން ހިތުގެ ފަރުވާއަށް ރަށުން ބޭރަށް ފޮނުވަން ޖެހެއެވެ. އެހެންކަމުން، މި ޚިދުމަތުގެ ސަބަބުން ބަލިމީހުންނަށާއި އާއިލާތަކަށް މާލީ ގޮތުންނާއި ނަފްސާނީ ގޮތުން ބޮޑެތި ލުއިތަކެއް ލިބޭނެކަމަށް ޑރ. އަމާނީ ވިދާޅުވިއެވެ.
އައިޖީއެމްއެޗްގެ ކާޑިއެކް ސެންޓަރާ ގުޅިގެން ފެށި މި ޚިދުމަތުގައި، މިވަގުތު އައިޖީއެމްއެޗްގެ ޑޮކްޓަރުން ބައިވެރިވި ނަމަވެސް، ކުރިއަށް އޮތް ތަނުގައި ތަމްރީނުތަކަށްފަހު އޭއީއެޗްގެ އަމިއްލަ ޑޮކްޓަރުންނާއި ނަރުހުން މި ޚިދުމަތް ދިނުމުގައި އިސްކޮށް ހަރަކާތްތެރިވާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން މަޢުލޫމާތު ދެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

