ކޮންމެ މުޖުތަމައެއްގެވެސް ކުރިއެރުމާއި ތަރައްޤީ ބިނާވެފައިވަނީ އެ މުޖުތަމައަކަށް އަންނަ ހެޔޮ ބަދަލުތަކުގެ މައްޗަށެވެ. އިޖުތިމާއީ ހެޔޮ ބަދަލަކީ ހަމައެކަނި އުމްރާނީ ތަރައްޤީއެއް ނޫނެވެ. އެއީ މީހުންގެ ވިސްނުމާއި، އުޅުމާއި، ގުޅުމަށް އަންނަ ރަނގަޅު ބަދަލުތަކެވެ. މި ރިޕޯޓުގައި ބަލާލާނީ އިޖުތިމާއީ ހެޔޮ ބަދަލެއް ގެނައުމަށްޓަކައި އަޅުގަނޑުމެންގެ ވިސްނުމާއި އަމަލުތައް ބައްޓަންކުރަންޖެހޭ ގޮތުގެ މައްޗަށެވެ.
ކަމަކަށް ހެޔޮ ބަދަލެއް ގެނެވޭނީ އެ ބަދަލަކަށް ޖާގަދޭ ފަދަ ތަހުޒީބު ވިސްނުމެއް ގެންގުޅެގެންނެވެ. ހެޔޮ ބަދަލުތަކަށް މަރުޙަބާ ކިއުމުގެ ބަދަލުގައި ކަންކަން ޚަރާބުކުރުވާ ވިސްނުން ގެންގުޅޭނަމަ އެއީ މުޅި މުޖުތަމަޢު ނިކަމެތިވެ ފަސާދަވެގެންދާނެ ނުރައްކާތެރި ކަމެކެވެ. ހަޤީގަތަކީ، އެއްވެސް ކަމަކީ އަބަދު އެއްގޮތަކަށް ދެމިގެންދާނެ ކަންތައްތަކެއް ނޫންކަމެވެ. ކޮންމެ ދުވަހަކުވެސް ޤުދުރަތުގެ ޤާނޫނާ އެއްގޮތަށް އެތައް ބަދަލެއް އާދެއެވެ. ނަމަވެސް، އަމިއްލަ ބާރާއި އިޚްތިޔާރު ގެއްލިދާނެކަމުގެ ބިރަށްޓަކައި ބައެއް ފަރާތްތަކުން މިފަދަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކޮށް، ފުރައްސާރަކުރުމުގެ އުސޫލުތައް އިސްކުރެއެވެ. މިއީ އިޖުތިމާއީ ދިރުމަށް އޮތް ބޮޑު ހުރަހެކެވެ.

އަޅުގަނޑުމެންގެ މުޖުތަމައަކީ އެކަކު އަނެކަކު ދަންނަ، ކުޑަ މުޖުތަމައެކެވެ. މިފަދަ ތަނެއްގައި އަމިއްލަ މަސްލަހަތު ކުރިއަށް ނެރުމަށްޓަކައި ކުރެވޭ ކިތަންމެ ކުޑަ ކަމަކުންވެސް މުޅި މުޖުތަމަޢު ފިތުނައިގެ ތެރެއަށް ވެއްޓިދާނެއެވެ. ޚާއްޞަކޮށް މުވާޞަލާތީ ވަސީލަތްތައް ކުރިއަރާފައިވާ މި ޒަމާނުގައި، ފިތުނައިގެ އަލިފާން ރޯކޮށްލުމަކީ ވަރަށް ފަސޭހަ ކަމެކެވެ. އެހެންކަމުން، ރަށުގެ ހަމަޖެހުން ގެއްލޭފަދަ ވާހަކައެއް އިވިއްޖެނަމަ، އެ ފެތުރި ފަރާތެއްގެ ތެދުވެރިކަމާއި މަގުސަދާ މެދު ސުވާލު އުފައްދައި، ހަޤީގަތް ހޯދަންޖެހެއެވެ. ކަށަވަރުނުވާ ވާހަކަ ފެތުރުމަކީ އޭގެ ގެއްލުން މުޅި މުޖުތަމައަށާއި ތިމާއަށްވެސް ކުރާނެ ކަމެކެވެ.
ހޭލުންތެރި މުޖުތަމައެއްގައި މީހުންގެ ކުލައަށް، ޖިންސަށް، ނަސްލަށް ނުވަތަ ސިޔާސީ ފިކުރަށް ބަލައި ތަފާތުކުރުމަކީ އޮވެގެންވާނެ ކަމެއް ނޫނެވެ. ނަމަވެސް މިއަދު އަޅުގަނޑުމެންގެ ތެރޭގައި މިފަދަ ތަފާތުކުރުންތައް ދަނީ ފެންނަމުންނެވެ. އިޖުތިމާއީ ދަރަޖައަށް ބަލައި، ނިކަމެތި މީހާ ބާކީކުރުމުގެ ބަދަލުގައި، އެކަކު އަނެކަކަށް އިހުތިރާމުކުރަން ޖެހެއެވެ. މުޖުތަމައުގެ ކަންކަމުގައި އެހީތެރިވާ ވިޔަފާރިވެރިންވެސް، އަމިއްލަ އެދުމެއް ނެތި އިޖުތިމާއީ ޒިންމާ އަދާކުރާނަމަ އެއީ ނަމޫނާއެއްގެ ގޮތުގައި ބަލައިގަންނަންޖެހޭނެއެވެ.
ދިވެހި ކޮންމެ ދަރިއަކީ، އެމީހެއްގެ ނަސްލަކަށް ނުވަތަ އުފަންވި ރަށަކަށް ބެލުމެއްނެތް ހަމަހަމަ ފުރުސަތުތަކެއް ލިބެންޖެހޭނެ މީހެކެވެ. ރަސްމަތިފުޅު އާއިލާއަކަށް ނުވަތަ އާދައިގެ މަސްވެރިއެއްގެ އާއިލާއަކަށް ނިސްބަތްވީ ނަމަވެސް، މުޖުތަމައުގައި އެމީހެއްގެ ގާބިލިއްޔަތާއި ޚިދުމަތަށް ބަލައި ފުރުސަތުތައް ދޭންޖެހެއެވެ.
އިޖުތިމާއީ ހެޔޮ ބަދަލަކީ އެންމެންގެ ބައިވެރިވުމާއި، ހަމަހަމަކަމާއި، އިހުތިރާމުގެ މައްޗަށް ބިނާވާ ކަމެކެވެ. ފިތުނައާއި ތަފާތުކުރުންތަކުން ދުރުހެލިވެ، ހެޔޮ ބަދަލުތަކަށް މަރުޙަބާ ކިޔާ ބަޔަކަށް ވެގެން ނޫނީ މުޖުތަމައުގެ ހަމަޖެހުމާއި ތަރައްޤީއެއް ނާންނާނެއެވެ. ކޮންމެ ފަރުދަކީވެސް މި ބަދަލުގެ މުހިއްމު ބައިވެރިއެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

