ސްޕެނިޝް ސުޕަ ކަޕްގެ ސެމީ ފައިނަލުގައި އެތުލެޓިކޯ މެޑްރިޑް ބަލިކޮށް، ރެއާލް މެޑްރިޑުން މުބާރާތުގެ ފައިނަލުގައި ވާދަވެރި ބާސެލޯނާއާ ބައްދަލުކުރަން ޖެހިއްޖެއެވެ.
މި މެޗު ރެއާލްއިން ކާމިޔާބުކުރީ ފެޑެރީކޯ ވަލްވާޑޭ މެޗުގެ ކުރީކޮޅު ކާމިޔާބުކުރި ހިތްގައިމު ހިލޭ ޖެހުމަކާއެކުގައެވެ.
މެޗުގެ 55 ވަނަ މިނެޓުގައި ރޮޑްރީގޯ ރެއާލްގެ ލީޑު ފުޅާކޮށްދިންއިރު، އޭގެ ފަހުން އެތުލެޓިކޯގެ އަލެކްސަންޑަރ ސޯލޮތު ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. ނަމަވެސް، 13 ފަހަރު މި މުބާރާތުގެ ތަށި އުފުލާލާފައިވާ ރެއާލް މެޑްރިޑުން ވަނީ މެޗުގެ ނަތީޖާ ހިފަހައްޓައި، އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ފައިނަލުން ޖާގަ ހޯދާފައެވެ.
ސައުދީ އަރަބިއްޔާގެ ޖިއްދާގައި ކުޅުނު މި މެޗުފެށުމާއެކު ރެއާލްމެޑްރިޑަށް ލިބުނު ހިލޭ ޖެހުމެއްގައި ރެއާލްގެ ކެޕްޓަން ވަލްވާޑޭ ވަނީ 30 ޔާޑު ދުރުން ފޮނުވާލި ބާރު ހިލޭ ޖެހުމަކުން އެތުލެޓިކޯގެ ގޯލްކީޕަރު ޔެން އޮބްލަކްއަށް އެއްވެސް ފުރުސަތެއް ނުދީ ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން ރެއާލްމެޑްރިޑްގެ ފުރަތަމަ ލަނޑު ވަނީ ކާމިޔާބުކޮށްދީފައެވެ.
އަދި ދެވަނަ ހާފު ފެށިގެން 10 ވަނަ މިނިޓްގެ ތެރޭގައި ރޮޑްރީގޯ ވަނީ ރެއާލްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. މި ލަނޑު ކާމިޔާބުކުރުމުގައި އެންމެ ފާހަގަކޮށްލެވުނީ ޑިފެންޑަރު ރޮބިން ލެ ނޯމަންޑް ކައިރިން ނައްޓާލުމަށް ރޮޑްރީގޯ ދެއްކި ހުނަރުވެރިކަމެވެ.
މިމެޗްގައި އެތުލެޓިކޯ މެޑްރިޑުން ކާމިޔާބުކުރި ލަނޑު މެޗްގެ 58 ވަނަ މިނިޓްގައި ބޮލުން ޖަހައި ގޯލްތެރެއަށް ބޯޅަ ފޮނުވާލައިގެން ކާމިޔާބުކޮށްދިނީ ސޯލޮތު އެވެ.
މެޗު ނިމެން ބައިގަޑިއިރަށްވުރެ ގިނަ ވަގުތު އޮއްވައި އެތުލެޓިކޯއިން މި ލަނޑު ޖެހި ނަމަވެސް، އެތުލެޓިކޯއިން ފޮނުވާލި 22 ހަމަލާގެ ތެރެއިން ގޯލަކަށް ބަދަލުކޮށްލެވުނީ ހަމައެކަނި މި ލަނޑެވެ.
ފުރަތަމަ ހާފު ނިމެން އުޅެނިކޮށް ސޯލޮތުއަށް ލިބުނު ރަނގަޅު ފުރުސަތެއް ބޭކާރުވިއިރު، މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ހޫލިއަން އަލްވަރޭޒް ފޮނުވާލި ހަމަލާ ވެސް ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.
އަނިޔާގެ ސަބަބުން ކިލިއަން އެމްބާޕޭ ނުލައި ކުޅުނު ރެއާލް މެޑްރިޑުން މި މޮޅު ހޯދީ ވަރަށް ބޮޑަށް ހިފަހައްޓައިގެންނެވެ. ރޮޑްރީގޯއާއި ވިނީޝިއަސް ޖޫނިއަރއަށް ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބުނު ނަމަވެސް، މެޗުގެ ފަހުކޮޅު އެތުލެޓިކޯގެ ނުރައްކާތެރި ހަމަލާތަކުން ސަލާމަތްވުމަށް ރެއާލްއިން ބުރަ މަސައްކަތްތަކެއް ކުރަން ޖެހުނެވެ.
މި މޮޅާއެކު ރެއާލްއަށް ވަނީ މި ސީޒަނުގެ ދެވަނަ 'ކްލެސިކޯ' ކާމިޔާބުކުރުމުގެ ފުރުސަތު ލިބިފައެވެ. މިދިޔަ އޮކްޓޫބަރު މަހު ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗު ރެއާލްއިން ކާމިޔާބުކުރީ 2-1 އިންނެވެ.
ހަންސީ ފްލިކްގެ އިރުޝާދުގެ ދަށުން ކުޅޭ ބާސެލޯނާ ފައިނަލަށް ދަތުރުކުރީ ފުރަތަމަ ސެމީ ފައިނަލުގައި އެތުލެޓިކް ކްލަބް 5-0 އިން ބަލިކުރުމަށްފަހުއެވެ.
ސްޕެނިޝް ސުޕަ ކަޕް ސައުދީ އަރަބިއްޔާގެ ޖިއްދާގައި ބާއްވަމުންދަނީ، އެ ގައުމާއި ސްޕެނިޝް ފުޓްބޯޅަ ފެޑެރޭޝަނާ ދެމެދު ވެފައިވާ އެއްބަސްވުން 2029 ވަނަ އަހަރާ ހަމައަށް އާކުރުމާ ގުޅިގެންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

