ބުދަ ދުވަހުގެ ރޭ ކްރޭވަން ކޮޓޭޖްގައި ކުޅުނު ފޯރިގަދަ ލަންޑަން ޑާބީގައި ފުލަމް އަތުން ޗެލްސީ 2 ލަނޑު 1 ލަނޑުންބަލިވެ ތާވަލްގެ އަށްވަނައަށް ޗެލްސީ ސޮއްސާލައިފިއެވެ.
މި މެޗުގެ ކުރީކޮޅު މާކް ކުކުރެއްލާ އަށް ދެއްކި ރަތް ކާޑުގެ ސަބަބުން ޗެލްސީއަށް ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހުނުއިރު، 10 ކުޅުންތެރިންނާއެކު ކުޅުނު ޗެލްސީ ބަލިވީ ޑިފެންޑަރުގެ ފަރުވާކުޑަ ކަމުގެސަބަބުންކަމަށް މި މެޗު ބަލަން އިން ޗެލްސީގެ އާ ހެޑް ކޯޗު ލިއަމް ރޮސީނިއޯ ވަނީބުނެފައެވެ.
މެޗުގެ ފުރަތަމަ ހާފުގެ މެދުތެރޭގައި ޗެލްސީއަށް ލީޑު ނަގަން ރަނގަޅު ފުރުސަތެއް ލިބުނެވެ. އެންޒޯ ފެނާންޑޭޒް ނަގައިދިން ކޯނަރެއް ގޯލްކީޕަރު ބާންޑް ލެނޯގެ ބޯމަތިން ގޮސް، އަންދްރޭ ސަންތޯސްގެ ކޮނޑުގައި ޖެހިފައި ގޯލުގެ ހުރަސް ދަނޑިއަށް އެރިއެވެ. އަދި އޭގެ ރީބައުންޑުގައި މޮއިސަސް ކައިސެޑޯ ފޮނުވާލި ހަމަލާ ފުލަމްގެ ކުޅުންތެރިން ވަނީ ގޯލް ރޮނގުމަތިން ދިފާއުކޮށްފައެވެ.
އޭގެ ކުޑައިރުކޮޅެއް ފަހުން މެޗުގެ އޮއިވަރު ބަދަލުވެގެން ދިޔައެވެ. ޗެލްސީގެ ކޯނަރަކަށް ފަހު ފުލަމްގެ ލެނޯ ޖެހި ދުރު ބޯޅައެއް ހޯދައިގެން ހެރީ ވިލްސަން ބާރަށް ކުރިއަށް ދިޔައެވެ. އޭނާ ހުއްޓުވަން ފަހަތުން ދުވީ ޗެލްސީގެ ކުކުރެއްލާ، އެންމެ ފަހު މީހާގެ ގޮތުގައި ހުރެ ވިލްސަންގެ އަތުގައި ހިފާ ވައްޓާލުމުން ރެފްރީވަނީ އޭނާއަށް ވަނީ ރަތް ކާޑު ދައްކާފައެވެ.
މިއީ މި ސީޒަނުގައި ޗެލްސީގެ ކުޅުންތެރިންނަށް ދެއްކި ހަތްވަނަ ރަތް ކާޑެވެ. މީގެ ސަބަބުން މެޗުގެ ބޮޑު ބައި ޗެލްސީން ކުޅެން ޖެހުނީ އެކަކު މަދުކޮށެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ފުލަމްއިން ޗެލްސީގެ ގޯލްތެރެއަށް ބޯޅައެއް ފޮނުވާލާފައިވެއެވެ. އެއީ ހޯޖޭ ކުއެންކާ، ރައުލް ހިމެނޭޒްއަށް ދިން ބޯޅައެއް އޭނާ ވިލްސަންއަށް ޖައްސާލުމުން، އޭނާ ބޯޅަ ގޯލަށް ވައްދާލައިގެންނެވެ. ނަމަވެސް އެ ބޯޅަ ލިބުނުއިރު ހިމެނޭޒް އޮފްސައިޑްގައި ހުރިކަމަށް ބަލައިގެން އެބޯޅަ އެއީ ގޯލެއްކަމުގައި ބަލައެއް ނުގަތެވެ.
އެހެންނަމަވެސް، ދެވަނަ ހާފު ފެށުނުތާ ކުޑައިރުކޮޅެއްގެ ތެރޭގައި ފުލަމްއިން ލީޑު ނެގިއެވެ. ސޭންޑާ ބާޖް ނަގައިދިން ހުރަހެއް، ޓްރެވޯ ޗަލޮބާގެ މަތިން އަރައި ހިމެނޭޒް ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.
ޗެލްސީއަށް ލިބުނު މަދު ފުރުސަތުތަކުގެ ތެރެއިން، ކޯލް ޕާމާ ފޮނުވާލި ބޯޅައެއް ހޯދައިގެން ލިއަމް ޑެލަޕް ފޮނުވާލި ބޯޅަ ލެނޯ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. އެހެންނަމަވެސް، އޭގެ ކުޑައިރުކޮޅެއް ފަހުން ލިބުނު ކޯނަރެއްގައި ޕެޑްރޯ ނެޓޯ ނަގައިދިން ބޯޅަ އެންޓަނީ ރޮބިންސަން ބޮލުން ޖަހާފައި ފޮނުވާލި ބޯޅަ ގޯލް ދަނޑީގައި ޖެހިފައި ނިކުތުމުން ޑެލަޕް ވަނީ އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
އޭގެ ފަހުން މެޗުން މޮޅުވާން ފުލަމްއިން ކުރި މަސައްކަތުގައި ހިމެނޭޒް ފޮނުވާލި ނުރައްކާތެރި ހަމަލާތަކެއް ސަންޗޭޒް ދިފާއުކުރިއެވެ. ނަމަވެސް، އެމީލް ސްމިތުރޯ ފޮނުވާލި ހަމަލާއެއް ސަންޗޭޒް އަތުގައި ޖެހިފައި ނުކުތް ވަގުތު، ހެރީ ވިލްސަން ވަނީ އެ ބޯޅަ ގޯލަށް ފޮނުވާލައި ފުލަމް މޮޅުކޮށްދީފައެވެ.
މި ބައްޔާއެކު ޗެމްޕިއަންސް ލީގުގެ ޖާގައަކަށް ޗެލްސީން ކުރާ އުންމީދަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.
މި ނަތީޖާއާއެކު ކުޅުނު 21 މެޗުން ދެ ޓީމަށްވެސް ވަނީ 31 ޕޮއިންޓު ލިބިފައެވެ. ނަމަވެސް ޗެލްސީއަށް ތާވަލުގެ ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ.
މިދިޔަ ހަފުތާގައި އެންޒޯ މަރެސްކާ މަގާމުން ވަކިކުރުމާ ގުޅިގެން، ފުލަމްއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީއަށް އިރުޝާދު ދީފައިވަނީ އެ ޓީމުގެ 21 އަހަރުން ދަށުގެ ޓީމުގެ ކޯޗެވެ. ޗެލްސީގެ އާ ކޯޗަކަށް ހަމަޖައްސާފައިވާ ރޮޒީނިއާގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅޭނެ ފުރަތަމަ މެޗަކީ، އެފްއޭ ކަޕްގައި އަންނަ ހޮނިހިރު ދުވަހު ޗާލްޓަން އެތުލެޓިކާ ދެކޮޅަށް ކުޅޭ މެޗެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

