އައްޑޫ މީދޫއަށް ނިސްބަތްވާ ހުނަރުވެރި އަދި ނަމޫނާ ޒުވާން ޝަޚްޞިއްޔަތެއް ކަމަށްވާ ލުބުނާ މަޖީދު މުޚްތާރު ވަނީ ވިމެން ޑިވެލޮޕްމަންޓް ކޮމިޓީ (ޑަބްލިޔުޑީސީ) ގެ މީދޫ ދާއިރާގެ މެންބަރުކަމަށް ކުރިމަތިލައްވާފައެވެ. ފޮޓޯގްރަފީއާއި ނޫސްވެރިކަމުގެ ދާއިރާގައި 8 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ލުބުނާއަކީ، އިޖްތިމާޢީ މަސައްކަތްތަކުގައި ވެސް ހަރަކާތްތެރިވަމުންދާ ނަމޫނާ ޒުވާނެކެވެ.
ތަޢުލީމާއި ފަންނީ ކުރިއެރުން
ތަޢުލީމީ މަރުޙަލާ ނިންމުމަށްފަހު ލުބުނާ އެންމެ ފުރަތަމަ ޝައުޤުވެރިކަން ބެހެއްޓީ ގްރެފިކް ޑިޒައިނިންގ އާއި ފޮޓޯގްރަފީގެ ދާއިރާއަށެވެ. ގްރެފިކް ޑިޒައިނިންގގެ ކޯހެއް ފުރިހަމަކުރުމަށްފަހު، އޭނާގެ ޙަޤީޤީ ޝައުޤުވެރިކަން ހުރި ފޮޓޯގްރަފީގެ ދާއިރާއިން ކުރިއަށް ދިއުމަށް އަޒުމް ކަނޑައެޅިއެވެ.
"ލުބުނާއަކީ އަބަދުވެސް އައު ކަންކަން ދަސްކުރުމަށް ޝައުޤުވެރިކަން ހުންނަ ޒުވާނެއް. ފޮޓޯގްރަފީއަށް ހުރި ލޯބި އޭނާގެ މަސައްކަތުން ވަރަށް ސާފުކޮށް ފެންނަން ހުރޭ،"
ލުބުނާއާއެކު މަސައްކަތްކުރައްވާ އޭނާގެ އެކުވެރި އަޙްމަދު ޝާހިދު ލުބުނާއާއި ބެހޭގޮތުން މިނޫހަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.
ލުބުނާގެ ހުނަރުވެރިކަމުގެ ނަތީޖާއެއްގެ ގޮތުން، "އޭއޯ ނިއުސް" ގެ ސީ.އީ.އޯގެ ފަރާތުން އޭނާއަށް ވަނީ ފުރުޞަތެއް ލިބިފައެވެ. އެއާއެކު، އޭނާ އެ ނޫހުގެ ފޮޓޯޖާނަލިސްޓެއްގެ އިތުރުން ވީޑިއޯ ޖާނަލިސްޓެއްގެ ގޮތުގައި މަސައްކަތްކުރަން ފެށިއެވެ. ނޫސްވެރިކަމުގެ ދާއިރާއިން އިތުރު ތަމްރީނުތައް ހޯދައި، ފޮޓޯއާއި ވީޑިއޯގެ ޒަރީޢާއިން މަޢުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން، ޚަބަރު ލިޔުމުގެ ދާއިރާއިންވެސް އޭނާ ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ.
އިޖްތިމާޢީ ޚިދުމަތުގައި ފާހަގަކުރެވޭ ދައުރު
ލުބުނާގެ ޙަޔާތުގެ ދަތުރުން އެންމެ ބޮޑު ހިތްވަރެއް ލިބިގެންދަނީ އިޖްތިމާޢީ މަސައްކަތްތަކަށް އޭނާ ކުރާ މިންނެތް މަސައްކަތުންނެވެ. އެންމެ ފުރަތަމަ "މުލިމަތި ޖަމްޢިއްޔާ" ގެ ވޮލަންޓިއަރެއްގެ ގޮތުގައި މަސައްކަތް ފެށި ނަމަވެސް، ފަހުން ރާއްޖޭގެ އެންމެ ހަރަކާތްތެރި އެންޖީއޯތަކުގެ ތެރޭގައި ހިމެނޭ "ސްކީމް" (SCEAM) އާ ގުޅި، ކުރު މުއްދަތެއްގެ ތެރޭގައި އެ ޖަމްޢިއްޔާގެ މީދޫ ފޯކަލް ޕޮއިންޓްގެ މަޤާމު އޭނާ ހޯދިއެވެ.
"ލުބުނާއަކީ ވަރަށް ހީވާގި އަދި ޒިންމާދާރު ޒުވާނެއް. އިޖްތިމާޢީ މަސައްކަތްތަކުގައި އޭނާގެ ހިތްވަރާއި ކެތްތެރިކަން ވަރަށް ބޮޑަށް ފާހަގަކުރެވޭ،"
ސްކީމްގެ ބޭފުޅަކު ލުބުނާއާއި ބެހޭގޮތުން މައުލޫމާތު ދެމުން ބުނެފައިވެއެވެ.
ލުބުނާގެ ހީވާގިކަމާއި އިސްނެގުމުގެ ސިފަ ފާހަގަކުރެވި، އޭނާ ވަނީ ސްކީމްގެ އައްޑޫ ޗެޕްޓަރުގެ ވައިސް ޗެއާގެ މަޤާމަށް ޢައްޔަންކުރެވިފައެވެ. މިއަދާ ހަމައަށްވެސް އޭނާ އަންނަނީ އެ މަޤާމުގައި ނަމޫނާ މަސައްކަތްތަކެއް ކުރަމުންނެވެ.
ކުޅިވަރު ކުރިއެރުވުމުގައި އަދާކުރާ ދައުރު
ސްކީމް ޖަމްޢިއްޔާގެ ފޯކަލް ޕޮއިންޓަކަށް ހުރެ ހޭންޑްބޯޅައިގެ ތަމްރީނު ކޯހެއް މީދޫގައި ބޭއްވުމަށް ފުރުޞަތު ލިބުމާއެކު، ރަށުގެ ކުދި ބަޔަކަށް އެ ކޯސް ހިންގައިދީފައިވެއެވެ. އެއީ އެ ދުވަސްވަރު މީދޫއަށް މުޅިން އައު ކުޅިވަރެކެވެ.
މި ކުޅިވަރު ރަށަށް ތަޢާރަފުކޮށް ކުރިއެރުވުމުގެ ޢަޒުމުގައި، ޝަމްސުއާ ގުޅިގެން "ލެވެންޑަރ ހޭންޑްބޯލް ކްލަބް" އުފެއްދުމުގައި ލުބުނާ އިސް ދައުރެއް އަދާކުރިއެވެ. މިއަދު އެ ކްލަބުގެ ނައިބު ރައީސާގެ ގޮތުގައި ހުރެ، ތަފާތު އުމުރުފުރާތަކުގެ ކުޅުންތެރިން ތަމްރީނުކުރުމާއި، އެ ކުޅުންތެރިންނަށް ހިތްވަރު ދިނުމުގައި އޭނާ ދެމިހުރެއެވެ.
"ލުބުނާގެ ހިތްވަރާއި އެހީތެރިކަމާއެކު، މިއަދު މީދޫގައި ހޭންޑްބޯޅަ ވަނީ ވަރަށް މަޤްބޫލު ކުޅިވަރަކަށް ވެފައި. ޚާއްޞަކޮށް އަންހެން ކުދިންގެ މެދުގައި މި ކުޅިވަރަށް ޝައުޤުވެރިކަން އިތުރުވެފައިވަނީ އޭނާގެ މިންނެތް މަސައްކަތުގެ ސަބަބުން،"
މީދޫގެ ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅަކު މިނޫހަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.
މީދޫގެ އިޖްތިމާ ދާއިރާގައި ކުރާ މަސައްކަތް
މީގެ އިތުރުން، މީދޫގެ އިޖްތިމާޢީ ދާއިރާގައި މަސައްކަތްކުރުމަށް އަލަށް އުފަންވި "މޫސާގެ ފަންނު" ޖަމްޢިއްޔާއިން ހިންގަމުން އަންނަ އިވެންޓުތަކުގައި ލުބުނާއަކީ ހަރަކާތްތެރި މެންބަރެކެވެ. މާލޭގައި ދިރިއުޅުމަށްފަހު ރަށުގެ ދިރިއުޅުމަށް ބަދަލުވީ އަބަދުވެސް ރަށުގައި ހިނގަމުން އަންނަ ކަންކަމުގައި 'ވޮލަންޓިއަރ' ކޮށް މަސައްކަތްކުރުމުގެ ޝައުޤުވެސް އޮތުމާއެކުގައެވެ.
"އަޅުގަނޑުގެ އެންމެ ބޮޑު އަމާޒަކީ މީދޫގެ އަންހެނުންނަށް އިތުރު ފުރުޞަތުތައް ހޯދައިދިނުން. ޚާއްޞަކޮށް ޒުވާން އަންހެން ކުދީންގެ ހުނަރު ތަރައްޤީކޮށް، އެ ކުދިންނަށް ކުރިއަށް ދިއުމުގެ މަގު ތަނަވަސްކޮށްދިނުން،"
ލުބުނާ މަޖީދު މުޚްތާރު މިނޫހަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.
ޑަބްލިޔުޑީސީއަށް ކުރިމަތިލުމުގެ ސަބަބު
ޑަބްލިޔުޑީސީއަށް ކުރިމަތިލުމުގެ ސަބަބާ ގުޅޭގޮތުން ލުބުނާ ވިދާޅުވީ،
"އަޅުގަނޑު ޑަބްލިޔުޑީސީއަށް ކުރިމަތިލީ މީދޫގެ އަންހެނުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް އިތުރު މަސައްކަތްތަކެއް ކުރުމަށް. ޚާއްޞަކޮށް އަންހެނުންގެ އިޤްތިޞާދީ ބާރުވެރިކަން އިތުރުކުރުމާއި، އަންހެން ކުދިން އެކިއެކި ފަންނުގައި ކުރިއަށް ގެންދިއުމަށް އަޅުގަނޑު ބޭނުންވޭ މަސައްކަތްކުރަން."
އޭނާ އިތުރަށް ވިދާޅުވީ،
"އަޅުގަނޑުގެ ތަޖުރިބާއާއި ހުނަރު ބޭނުންކޮށްގެން، މީދޫގެ އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކަށް ޙައްލު ހޯދައިދިނުމަށް މަސައްކަތްކުރުމަކީ އަޅުގަނޑުގެ އަމާޒެއް. ޑަބްލިޔުޑީސީގެ ތެރެއިން މި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބިއްޖެނަމަ، އަޅުގަނޑު ގަދައަޅައި މަސައްކަތްކުރާނަން."
މުޖުތަމަޢުގެ ތާއީދު
"މީދޫގެ ގިނަ ރައްޔިތުން ލުބުނާއަށް ތާއީދުކުރާކަން ފާހަގަކުރެވެއެވެ. "ލުބުނާއަކީ ވަރަށް ހީވާގި، އިޚްލާޞްތެރި އަދި ކަމަށް ޤާބިލު ޒުވާނެއް. އޭނާ ޑަބްލިޔުޑީސީއަށް ހޮވިއްޖެނަމަ، މީދޫގެ ތަރައްޤީއަށް ގިނަގުނަ ޚިދުމަތްތަކެއް ކުރާނެކަމާމެދު އެއްވެސް ޝައްކެއް ނެތް،"
މީދޫގެ ރައްޔިތެއް ކަމަށްވާ ފާޠިމަތު ޝަރީފާ ބުނެފައިވެއެވެ.
ޑަބްލިޔުޑީސީގެ އިންތިޚާބު މާރޗް މަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، ލުބުނާ މަޖީދު މުޚްތާރުގެ ކެމްޕޭން މިހާރުވެސް ދަނީ ހަރުދަނާކަމާއެކު ކުރިއަށެވެ. އޭނާގެ ކެމްޕޭން ޓީމުން ބުނާގޮތުގައި، ކުރިއަށް އޮތް ދުވަސްތަކުގައި މީދޫގެ ތަފާތު ސަރަޙައްދުތަކުގައި ޑޯ-ޓު-ޑޯ ކެމްޕޭން ހަރަކާތްތައް ހިންގުމަށް ވަނީ ރޭވިފައެވެ.
ލުބުނާ މަޖީދު މުޚްތާރުގެ ފަދަ ހިންގުންތެރި އަދި ހުނަރުވެރި ޒުވާނުން ޑަބްލިޔުޑީސީގެ ފަދަ މުހިންމު މަޤާމުތަކަށް ކުރިމަތިލުމަކީ، މުޖުތަމަޢުގެ ތަރައްޤީއަށް އިތުރު ހިތްވަރަކާއި އައު ވިސްނުންތަކެއް ލިބިގެންދާނެ ކަމެއްކަމަށް ގިނަ ފަރާތްތަކުން ދެކެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

