އައްޑޫ ސިޓީގެ މީދޫ އަދި ހުޅުދޫގެ ދަރިވަރުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް، ކީރިތި ގުރުއާނަށް އޮންނަ ލޯބި ބޮޑުކުރުމުގެ މަގުސަދުގައި "އަލި ނޫރު ގުރުއާން މުބާރާތް" މިނަމުގައި ގުރުއާން މުބާރާތެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ. މި މުބާރާތަކީ "މީދޫ އެކުވެރިންގެ ޗޭނު" އާއި "ޝާއިރުންގެ ވާދީ" ގުޅިގެން އިންތިޒާމުކުރާ ވަރަށް މުހިންމު ހަރަކާތެކެވެ.
މުބާރާތުގެ މަގުސަދުތައް:
މި މުބާރާތް ބޭއްވުމުގެ އެންމެ އިސް މަގުސަދަކީ ހުޅުދޫ އަދި މީދޫގެ ދަރިވަރުންގެ ހިތްތަކުގައި ކީރިތި ގުރުއާން ކިޔެވުމަށް ލޯބި ޖައްސައި، ގުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވައި ފެތުރުމެވެ. މީގެ އިތުރުން:
- ކީރިތި ގުރުއާން ހިތުދަސްކުރުމަށާއި، ތަޖުވީދު މަގަށް ގުރުއާން ކިޔެވުމަށް ހިތްވަރު ދިނުން.
- ގުރުއާނުގެ އިލްމު އުނގެނުމާއި އުނގަންނައިދިނުމުގެ ރޮނގުން ކުރިއަށް ދިއުމަށް ދަރިވަރުންނަށް ބާރުއެޅުން.
- ރީތިކޮށް ގުރުއާން ކިޔެވުމުގެ މައިދާނުގައި މީދޫ އަދި ހުޅުދޫއިން ވާދަވެރި، ހުނަރުވެރި ދަރިންތަކެއް އުފެއްދުން.
- އަތޮޅު ފެންވަރާއި ގައުމީ ފެންވަރުގެ މުބާރާތްތަކުގައި ބައިވެރިވެ، ރަށަށް ފަޚުރުވެރި ކާމިޔާބީތައް ހޯދައިދޭނެ ގާރީންނާއި ހާފިޒުން އުފެއްދުމަށް މަގުފަހިކުރުން.
- ދަރިވަރުންނަށް މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު އިތުރަށް ތަނަވަސްކޮށްދިނުން.
މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚު:
މި މުބާރާތް ބޭއްވުމަށް ތާވަލުކުރެވިފައިވަނީ ކުރިއަށް އޮތް ބަރަކާތްތެރި ރަމްޟާން މަހުގެ ތެރޭގައެވެ.
މިއީ ގުރުއާނުގެ މައްސަރުގައި ދަރިވަރުން ގުރުއާނާ ބޮޑަށް ގާތްކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
ބައިވެރިވުމުގެ ފުރުސަތު:
މި މުބާރާތުގައި ބައިވެރިވާން އެދޭ ދަރިވަރުން، 7 ޖެނުއަރީ 2026 ވާ ބުދަ ދުވަހުގެ އިރުއޮއްސި 18:00 ގެ ކުރިން ބައިވެރިވުމަށް ހުށަހަޅަންޖެހޭނެއެވެ.
އިތުރު މައުލޫމާތު:
މުބާރާތާ ގުޅޭގޮތުން އިތުރު ތަފްސީލު ހޯއްދެވުމަށް ނުވަތަ އެއްވެސް ސުވާލެއް އޮތްނަމަ 7936525 ނުވަތަ 7792797 ނަމްބަރު ފޯނާ ގުޅުއްވުމަށް އިންތިޒާމުކުރާ ފަރާތުން އެދެއެވެ.
މި މުބާރާތަކީ މީދޫއާއި ހުޅުދޫގެ ދަރިވަރުންގެ މެދުގައި ގުރުއާނުގެ ފަންނު އާލާކުރުމަށް އެޅޭ ވަރުގަދަ ބިންގަލަކަށް ވެގެންދާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

