ކޭޕާކް ފްލެޓްތަކުގެ މައްސަލާގައި މަކަރާއި ހީލަތުން ގިނަ ބަޔަކަށް އޮޅުވާލައިގެން އެޕާޓްމަންޓްތައް ވިއްކި މައްސަލާގައި، ހަސަން މަމްދޫހު (މަންޑޭ) ގެ މައްޗަށް 94 ދައުވާއެއް ސާބިތުވެ، 397 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން މިއަދު އިއްވައިފިއެވެ. މިއީ ރާއްޖޭގެ ޝަރުޢީ ތާރީޚުގައި މިހާތަނަށް މީހެއްގެ މައްޗަށް އިއްވީ އެންމެ ދިގު ޖަލު ހުކުމެވެ.
މަންޑޭގެ މައްޗަށް ކުށް ސާބިތުވި ދައުވާތަކުގެ ތަފުސީލު:
ޓެކުމުގެ 46 ދައުވާ: ކޮންމެ ދައުވާއަކަށް 8 އަހަރުގެ މަގުން ޖުމްލަ 368 އަހަރު.
އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 44 ދައުވާ: ޖުމްލަ 14 އަހަރު.
އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ 3 ދައުވާ: ޖުމްލަ ދޮޅު އަހަރު.
މަނީ ލޯންޑްރިންގެ 1 ދައުވާ: 15 އަހަރު.
މި މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ވިދާޅުވީ، މަންޑޭ ކުށް ކޮށްފައިވާ ގޮތަށް ބަލާއިރު، މިއީ މުޖުތަމައުގެ އެހެން މީހުންނަށް އިބުރަތަކަށް ވާނެ ފަދަ ހަރުކަށި އަދަބެއް ދޭންޖެހޭ ހާލަތެއް ކަމަށެވެ. ޖަލު ހުކުމުގެ އިތުރުން، މަނީ ލޯންޑްރިންގެ ކުށުގައި އޭނާ 30 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް، ހުޅުމާލެއިން އޭނާ ގަނެފައިވާ އަގުބޮޑު ޕެންޓްހައުސް ދައުލަތަށް ނެގުމަށްވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފެންމަތިވީ، ކޭޕާކް މަޝްރޫއު ހިންގި ހަންބޯ ކުންފުންޏަށް ނޭނގި، މަންޑޭ އިސްވެ ހުރެ އެޕާޓްމަންޓްތައް މަކަރާއި ހީލަތުން ވިއްކާފައިވާކަން 2023 ވަނަ އަހަރު ހާމަވުމާ ގުޅިގެންނެވެ. ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި، މަންޑޭ ވަނީ ކުންފުނީގެ އެމްޑީގެ ސޮއި ފޯޖުކޮށްގެން ބޭންކް އެކައުންޓްތަކެއް ހުޅުވައި، ކަސްޓަމަރުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދާފައެވެ.
މީގެ ކުރިން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، މަންޑޭ ދިރިއުޅެމުންދިޔަ 7.8 މިލިއަން ރުފިޔާގެ ޕެންޓްހައުސް ބަލައި ފާސްކުރިއިރު، އެ ތަނުން އެކަނިވެސް ގާތްގަނޑަކަށް ހަތް މިލިއަން ރުފިޔާގެ އަގުހުރި މުދާ ފެނިފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

