އިއްޔެ ބޭއްވުނު ޖުމްހޫރީ ދުވަހުގެ ރަސްމިއްޔާތުގައި މީދޫގެ ދެ ދަރިވަރަކަށް ލިބުނު ޝަރަފަކީ މުޅި ރަށަށް ލިބުނު ނަމޫނާ ފަޚުރެކެވެ. ޒުވާނުންގެ މަރުކަޒުގައި ބޭއްވުނު މި ރަސްމިއްޔާތުގައި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު 34 ބޭފުޅުންނަށް ދެއްވިއިރު، އޭގެ ތެރެއިން މީދޫގެ ދެ ދަރިވަރަކު ހިމެނުމަކީ ފާހަގަކުރެވޭ ކަމެކެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަކީ ދިވެހިރާއްޖޭގައި ދެވޭ އެންމެ ޝަރަފުވެރި އިނާމުތަކުގެ ތެރެއިން އިނާމެކެވެ. މި އިނާމަކީ ޢިލްމާއި ހުނަރާއި އުފެއްދުންތެރިކަމުގެ ގޮތުން ހިތްވަރާއެކު ހޯދާ ކާމިޔާބީތައް ފާހަގަކުރުމުގެ ގޮތުން ޤައުމީ ފެންވަރުގައި ދެވޭ އިނާމެކެވެ. މިއަހަރުގެ އިނާމު ދީފައިވަނީ 2022 ވަނަ އަހަރު ނުވަތަ އޭގެފަހުން ލިބިފައިވާ ކާމިޔާބީތަކަށެވެ.

އިއްޔެ ހެނދުނު ޒުވާނުންގެ މަރުކަޒުގެ ހޯލުގައި ބޭއްވުނު ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަމިއްލަ އަތްޕުޅުން މި އިނާމުތައް ބައިވެރިންނަށް ދެއްވިއެވެ. އިނާމު ލިބުނު 34 ބޭފުޅުންގެ ތެރޭގައި ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާފައިވާ 8 ބޭފުޅުން ހިމެނެއެވެ. މީގެއިތުރުން، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ނުވަތަ ލެވެލް 9 ގެ ސަނަދެއް ހާސިލުކުރުމުގައި އެންމެ މަތީ ވަނަ ހޯދާފައިވާ 23 ބޭފުޅުން ހިމެނެއެވެ. އަދި ބައިނަލްއަޤްވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެ މަތީ ވަނަ ނުވަތަ ޝަރަފު ހޯއްދަވައިގެން އިނާމު ހާސިލުކުރެއްވި 2 ބޭފުޅުންވެސް ހިމެނެއެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް މި އަހަރު ޚާއްޞަ އިނާމު ލިބިވަޑައިގެންނެވި 34 ބޭފުޅުންގެ ތެރެއިން މީދޫ ހޭޒްލީން ، މާޝިޔާ އަމްޖަދު ހިމެނެނީ "ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކުރުމުގައި އެންމެ މަތީ ވަނަ ހޯދާފައިވުން" މި ކެޓަގަރީގައެވެ. މީދޫ ދާރުއްސަލާމް، އާމިނަތު ސުހާ ހިމެނެނީ "ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކުރުމުގައި އެންމެ މަތީ ވަނަ ހޯދާފައިވުން" މި ކެޓަގަރީގައެވެ.

މި ދެ ދަރިވަރުންގެ ކާމިޔާބީއަކީ މީދޫއަށް ލިބުނު ވަރަށް ބޮޑު ޝަރަފެކެވެ. އެއީ ތަޢުލީމީ ދާއިރާގައި މީދޫގެ ދަރިން ހޯދާ ކާމިޔާބީތަކުގެ ހެއްކެކެވެ. މަތީ ތަޢުލީމުގެ ދާއިރާއިން އެންމެ މަތީ ވަނަތައް ހޯދައި، ޤައުމީ ފެންވަރުގައި ފާހަގަކުރެވުމަކީ ހަމައެކަނި އެ ދެ ދަރިވަރުންނަށް ލިބުނު ޝަރަފެއް ނޫނެވެ. އެއީ މުޅި މީދޫއަށް، ޚާއްޞަކޮށް މީދޫގެ ޒުވާނުންނަށާ އެދެދަރިވަރުންގެ އާއިލާއަށް ލިބޭ ހިތްވަރެކެވެ.
މީދޫއަކީ ތަޢުލީމީ ގޮތުން ކުރިއަރާފައިވާ ރަށެއްގެ ގޮތުގައި އަބަދުވެސް ފާހަގަކުރެވޭ ރަށެކެވެ. މި ރަށުގައި ތަޢުލީމަށް ދެވޭ އަހަންމިއްޔަތުކަމާއި، ރަށުގެ ތަޢުލީމީ މާޙައުލުގެ ފެންވަރު މަތިކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ގިނަ ދަރިވަރުން ތަޢުލީމީ ދާއިރާއިން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދަމުންދެއެވެ. މި އަހަރުގެ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިނާމު ލިބުނު ދެ ދަރިވަރުންނަކީވެސް މި ކަމުގެ ހެއްކެކެވެ.
މިފަދަ ކާމިޔާބީތަކުން ދައްކުވައިދެނީ، ރަށުގެ ތަރައްޤީއަށާ ތަޢުލީމީ ދާއިރާއިން ކުރެވޭ އިންވެސްޓްމަންޓްތަކުގެ މުހިންމުކަމެވެ. ރަށުގެ ދަރިންނަށް ރަނގަޅު ތަޢުލީމެއް ލިބުމަކީ ރަށުގެ މުސްތަޤްބަލަށް ކުރެވޭ އިންވެސްޓްމަންޓެކެވެ. މާޝިޔާ އަމްޖަދާއި އާމިނަތު ސުހާގެ ކާމިޔާބީއަކީ ރަށުގެ އެހެން ދަރިވަރުންނަށް ލިބޭ ބޮޑު ހިތްވަރެކެވެ.
މާޝިޔާ އަމްޖަދާއި އާމިނަތު ސުހާ މުނީރަށް މި ލިބުނު ޝަރަފުވެރި ކާމިޔާބީއަށް މީދޫގެ ރައްޔިތުންގެ ނަމުގައި ވީއޯއެމްގެ ފަރާތުން މަރުޙަބާ ކިޔަމެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އިތުރު ކާމިޔާބީތައް ހޯދުމަށް އެދި ދުޢާކުރަމެވެ. އަދި މި ކާމިޔާބީއަކީ ރަށުގެ އެހެން ދަރިވަރުންނަށް ނަމޫނާއަކަށް ވެ، ކުރިއަށް އޮތް ތަނުގައި ތަޢުލީމީ ދާއިރާއިން އިތުރު ކާމިޔާބީތައް ހޯދުމަށް ބާރަކަށް ވާނެކަމަށް އުންމީދުކުރަމެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

