އައްޑޫސިޓީގެ ހުޅުދޫ އަދި މީދޫ ރައްޔިތުން 5 ނޮވެމްބަރ 2025 ފާހަގަކުރާނީ ތާރީޚީ ދުވަހެއްގެ ގޮތުގައި ކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. އެއީ ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނެވި ބޭފުޅަކު އައްޑޫސިޓީއަށް ކުރެއްވި ދަތުރުފުޅެއްގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު އެންމެ ފުރަތަމަ ހުޅުދޫއާއި މީދޫއަށް ވަޑައިގެންނެވުމުންނެވެ. އެހެންކަމުން ރައީސް ޑރ މުހައްމަދު މުއިއްޒު ހުޅުދޫއާއި މީދުއަށް އިއްޔެ ކުރެއްވި މި ދަތުރުފުޅަކީ އެ ދެ ރަށުގެ ރައްޔިތުންގެ ހިތްތަކުގައި ދިގު މުއްދަތަކަށް ރަން އަކުރުން ލިޔެވިގެންދާނެ ދުވަހެއްކަން ކަށަވަރެވެ.

އިއްޔެ ރައީސް މުއިއްޒަށް މަރުހަބާ ދެންނެވުމަށް ހުޅުދޫ-މީދޫގެ މެދު ބަނދަރަށް ނުކުތް ރައްޔިތުންގެ އަދަދަކީ އެ ދެ ރަށުގެ ތާރީޚުގައި ވެސް ފާހަގަކޮށްލެވޭ އަދަދެކެވެ. އެއްވެސް އިރެއްގައި ހުޅުދޫ ، މީދުން ރައީސުލްޖުމްހޫރިއްޔާއަކަށް މަރުހަބާ ދެންނެވުމަށް މިހާ ގިނަ އަދަދެއްގެ ރައްޔިތުން އެއްތަނަކަށް ނުކުމެފައިނުވާކަން ފާހަގަކުރެވެއެވެ. އެހެންކަމުން ހުޅުދޫ، މީދޫގެ ރައްޔިތުންގެ ހިތްތަކުގައި ރައީސް މުއިއްޒަށް ޓަކައި އޮތް ލޯތްބާއި އިޙްތިރާމުގެ ބޮޑުކަން މި މަންޒަރުން ސާފުކޮށް ދައްކުވައިދެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ދިދައާއި ދިދައިގެ ކުލަތަކުން މުޅި ސަރަޙައްދު ޒީނަތްތެރިކޮށްފައިވާ މަންޒަރަކީ ހިތްގައިމު މަންޒަރެކެވެ. ޒުވާނުންނާއި ކުޑަކުދިން އަދި އުމުރުން ދުވަސްވީ ބޭފުޅުންނާއެކު، މުޖުތަމަޢުގެ ހުރިހާ ފަންތިއެއްގެ ރައްޔިތުން މި ތާރީޚީ ހަފްލާގައި ބައިވެރިވިކަން ފާހަގަކުރެވެއެވެ. މިއީ ހުޅުދޫ-މީދޫގެ ރައްޔިތުން އެކުވެރިކަމާއި އެއްބައިވަންތަކަމާއެކު ދެއްކި ނަމޫނާއެކެވެ.
ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި ފާހަގަކޮށްލެވޭ އަނެއް ކަމަކީ ހުޅުދޫ-މީދޫގެ ތާރީޚުގައި އެއްފަހަރާ އެންމެ ގިނަ މަޝްރޫޢުތައް އިފްތިތާޙުކުރެއްވުމާއި އައު މަޝްރޫޢުތަކުގެ ފެށުން އިޢުލާންކުރެއްވުމެވެ. މިއީ އެ ދެ ރަށުގެ ރައްޔިތުންނަށް ލިބުނު ބޮޑު އުފަލެކެވެ. ތަރައްޤީގެ މި މަޝްރޫޢުތަކަކީ ދިގު މުއްދަތަކަށް ރައްޔިތުން ބޭނުންވަމުން އައި ޚިދުމަތްތަކެއް ކަމުގައިވުމާއެކު، އިއްޔެ ފެށުނު މަޝްރޫޢުތައް ޙަޤީޤަތަކަށް ވެގެންދާތަން ދުށުމަކީ ޙަޤީޤަތުގައިވެސް ތާރީޚީ ކަމެކެވެ.

މި މަޝްރޫޢުތަކުގެ ތެރޭގައި މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢު، ފިޓްނަސް ސެންޓަރުތައް ބިންގާއެޅުމުގެ މަޝްރޫއު، ސްކޫލް ޢިމާރާތް، އަދި ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަޝްރޫއުވެސް ހިމެނެއެވެ. އަދި މީގެ އިތުރަށް އިސްލާމިކް ބޭންކްގެ އޭޓީއެމްއެއް ރަސްމީކޮށް އިފްތިތާހުކޮށްދެއްވުމާއި ބީއެމްއެލްގެ އައުބްރާންޗެއް ހުޅުދޫގައި އެޅުމުގެ މަޝްރޫއާއި ވެމްކޯގެ އައު އިމާރާތެއް އެޅުމުގެ މަޝްރޫއުވެސް ވަނީ ފެށިގެންގޮސްފައެވެ. މިމަޝްރޫއު ތަކަކީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ޚިދުމަތްތައް ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ.

ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި ފާހަގަކޮށްލަންޖެހޭ އެންމެ މުހިންމު އެއް ކަމަކީ، މީދޫގައި ކުއްލިގޮތަކަށް އިއްޔެ ނިޔާވި އާޒިލާ މުޙައްމަދު ޟޯމިރުގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވުމަށް ވަޑައިގެންނެވި މަންޒަރެވެ. ދަތުރުފުޅުގެ ތެރޭގައި ޟޯމިރު ނިޔާވިކަމުގެ ޚަބަރު ލިބިވަޑައިގަތުމާއެކު، ރައީސް އެގެއަށް ވަޑައިގެން، މަރުޙޫމްގެ މޫނު ބައްލަވާލެއްވުމަށްފަހު، ޢާއިލާގެ ބޭފުޅުންނާ ބައްދަލުކުރައްވައި، ތަޢުޒިޔާ ވިދާޅުވިއެވެ.
ރައީސްގެ މި ޢަމަލުފުޅަކީ، ރައްޔިތުންނާ ގާތުން ގުޅިފައިވާ ވެރިއެއްގެ ސިފަ ދައްކުވައިދޭ ކަމެކެވެ. މިކަމުގެ ސަބަބުން ހުޅުދޫ-މީދޫގެ ރައްޔިތުންގެ ހިތްތަކުގައި ރައީސް މުއިއްޒަށް އޮތް އިޙްތިރާމާއި ލޯބި އިތުރަށް ބޮޑުވެގެންދިޔަކަން ފާހަގަކޮށްލަންޖެހެއެވެ.
އައްޑޫސިޓީގެ ހުޅުދޫ-މީދޫއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅަކީ އެ ދެ ރަށުގެ ތާރީޚުގައި ވަރަށް މުހިންމު ދުވަހެއްކަން ކަށަވަރެވެ. ރައްޔިތުން ދެއްވި ހޫނު މަރުހަބާއާއި، އެއްފަހަރާ ގިނަ އަދަދެއްގެ މަޝްރޫޢުތައް އިފްތިތާޙުކުރެވުމަކީ މި ދަތުރުފުޅުގެ އެންމެ ފާހަގަކޮށްލެވޭ ދެ ކަމެވެ. މި ދަތުރުފުޅުގައި ހުޅުދޫ-މީދޫގެ ރައްޔިތުން ދެއްކި އެއްބައިވަންތަކަމާއި އެކުވެރިކަމަކީ މުޅި ދިވެހިރާއްޖެއަށް ނަމޫނާއެކެވެ.

ރައީސް މުއިއްޒުގެ ވެރިކަމުގައި ހުޅުދޫ-މީދޫގެ ތަރައްޤީއަށް އިތުރު ފިޔަވަޅުތަކެއް އެޅިގެންދާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ލިބިގެންދިޔަކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. މި ދަތުރުފުޅަކީ ހަމައެކަނި އެއް ދުވަހުގެ ދަތުރުފުޅެއް ނަމަވެސް، އޭގެ އަސަރުތައް ދިގު މުއްދަތަކަށް ދެމިގެންދާނެކަން ކަށަވަރެވެ. ހުޅުދޫ-މީދޫގެ ތާރީޚުގައި ރަން އަކުރުން ލިޔެވިގެންދާނެ މި ދުވަހަކީ ތަރައްޤީގެ އައު ޞަފްޙާއެއްގެ ފެށުންކަމުގައި ދެކެމެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

