އެއާޕޯޓުން ބީއެމްއެލްގެ ފައިސާ ސޫޓްކޭސް ފޭރުނުއިރު ފުލުހުންގެ ސެކިއުރެޓީ ބޭނުންކޮށްފައިނުވާކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.
ރޭ ފަތިހުގެ ވަގުތެއްގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަނީ އެއާޕޯޓުން ބޭންކް އޮފް މޯލްޑިވްސް ފައިސާ ސޫޓުކޭހެއް ފޭރިގަނެފައެވެ. މި ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ފަތިހު 04:45 ގައެވެ. މިކަމާ ގުޅިގެން ފުލުހުންގެ އިދާރާއިން ބުނެފައިވަނީ، ސޫޓްކޭސް ފޭރުނުއިރު، ފުލުހުންގެ ސެކިއުރެޓީ ބޭނުންކޮށްފައި ނުވާކަމަށެވެ.
މި ހާދިސާގައި ސޫޓުކޭސް ފޭރިގަނެފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ އައު ޓާމިނަލަށް ވަންނަން ދިޔަ ބޭންކް އޮފް މޯލްޑިވްސްގެ ދެ މުއައްޒަފެއްގެ އަތުންނެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، މި ހާދިސާގައި ސޫޓްކޭހުގައި ހުރި ފައިސާގެ އެއްވެސް މައުލޫމާތެއް ބޭންކަކުން ހާމަކޮށްފައެއް ނުވެއެވެ. ބައެއް މީޑިއާތަކުގައި ބުނެފައިވަނީ މޫނު ނިވާކޮށްގެންތިބި މީހުން ފައިސާތައް ފޭރުމަށްފަހު ފަޅުގައި އޮތް ލޯންޗަކަށް އަރައި އެމީހުން ވަނީ ފިލައިގެންގޮސްފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

