ހުޅުދޫއާއި މީދޫގައި އިލްމީ ޖީލެއް ބިނާކުރުމަށްޓަކައި ދިގު މުއްދަތަކަށް އިޚުލާޞްތެރި މަސައްކަތްތަކެއް ކޮށްދެއްވަމުންދާ ޓީޗަރުންގެ އަގު ވަޒަންކުރުމުގެ ގޮތުންނާއި ޓީޗަރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހުޅުދޫ ކެފޭ ދި ގެލަރީގެ ފަރާތުން ޚާއްޞަ ރަސްމިއްޔާތެއް މިމަހުގެ 18 ވަނަ ދުވަހުގެރޭ ބާއްވައިފިއެވެ.
ސ. އަތޮޅުމަދރުސާގައި ބޭއްވުނު މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްޓީޑީސީގެ ޗެއަރމަން އަޙްމަދު ނިޔާޒެވެ. ހުޅުދޫމީދޫގެ ތަޢުލީމީ ދާއިރާގައި ޚިދުމަތްކުރައްވަމުން ގެންދަވާ ޓީޗަރުންނާއި، ކުރީގެ ޓީޗަރުން ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި ޚާއްޞަ އިނާމްތަކަކާއި ހަނދާނީ ލިޔުންތައް ޓީޗަރުންނަށް އެރުވުނެވެ.
މިރަސްމިއްޔާތުގައި މެދުނުކެނޑި 20 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތްކޮށްދެއްވަމުން އައިސްފައިވާ ޓީޗަރުންނަށް ޚާއްޞަ ހަނދާނީ ލިޔުމާއި ހަނދާނީ ފިލާ ދެވުނެވެ. އަދި މީގެ އިތުރުން މެދުނުކެނޑި 10 އަހަރަށްވުރެ ގިނަ ދުވަހު ހުޅުދޫމީދޫގެ ތަޢުލީމީ ދާއިރާގައި ޚިދުމަތުގައި ތިއްބެވި ބިދޭސީ ޓީޗަރުންނަށްވެސް ހަނދާނީ ލިޔުމާއި ހަނދާނީ ފިލާ ދެވުނެވެ.
"ހުޅުދޫމީދޫގެ ތަޢުލީމީ ދާއިރާގައި ޚިދުމަތްކުރައްވާ ޓީޗަރުންނަކީ އަޅުގަނޑުމެންގެ ދަރިންނަށް ތަޢުލީމާއި ތަރުބިއްޔަތު ދިނުމުގައި ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވާ ބޭފުޅުންނެވެ. އެ ބޭފުޅުންގެ އަގު ވަޒަންކުރުމަކީ އަޅުގަނޑުމެން ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް،"
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކެފޭ ދި ގެލަރީގެ ފަރާތުން މުޖުތަބާ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ހުޅުމީދޫގައި މިވަގުތު ޚިދުމަތްކުރައްވަމނުން ގެންދަވާ ހުރިހާ މުދައްރިސުންނަށްވެސް ހަނދާނީ ލިޔުމާއި ޚާއްޞަ ހަދިޔާއެއް ދެވުނެވެ. އަދި މީގެ އިތުރުން ޓީޗަރުންގެ މެދުގައި ގުރުއަތު ނަގައިގެން ހޮވުނު 7 ޓީޗަރަކަށް ޚާއްޞަ އިނާމެއް ދެވުނެވެ.
"ޓީޗަރުންގެ ދުވަސް މިފަދަ ގޮތަކަށް ފާހަގަކޮށްދެއްވީތީ ކެފޭ ދި ގެލަރީއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ޓީޗަރުންނަކީ ޤައުމުގެ މުސްތަޤުބަލް ބިނާކުރާ ބޭފުޅުން ، އެ ބޭފުޅުންގެ އަގު ވަޒަންކުރުމަކީ އަޅުގަނޑުމެން އެންމެން ކުރަންޖެހޭނެ ކަމެއް."
އަތޮޅު މަދަރުސާގެ ޕްރިންސިޕަލް ނާޒްނީން މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ.

ކެފޭ ދި ގެލަރީގެ ފަރާތުން މުޖުތަބާ އިތުރަށް ވިދާޅުވީ، ކެފޭ ދި ގެލެރީގެ ވިޔަފާރިއަކީ ހަމައެކަނި ފައިދާ ހޯދުމުގެ މަޤްޞަދުގައި ހިންގާ ވިޔަފާރިއެއް ނޫންކަމާއި، ރަށުގެ އިޖުތިމާޢީ ޒިންމާ އުފުލުމުގައި އެ ވިޔަފާރިން އަބަދުވެސް އިސްދައުރެއް އަދާކުރާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ވިޔަފާރިއަކީ ހަމައެކަނި ފައިދާ ހޯދުމުގެ މަޤްޞަދުގައި ހިންގާ ވިޔަފާރިއެއް ނޫން. ރަށުގެ އިޖުތިމާޢީ ޒިންމާ އުފުލުމުގައި އަޅުގަނޑުމެން އަބަދުވެސް އިސްދައުރެއް އަދާކުރާނަން. ޚާއްޞަކޮށް ތަޢުލީމީ ދާއިރާއަށް އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއް ދެން. ކުރިއަށް އޮތްތާނގައިވެސް މިފަދަ ހަރަކާތްތައް އިންތިޒާމުކުރަމުން ގެންދާނަން. "
މުޖުތަބާ ވިދާޅުވިއެވެ.

ޓީޗަރުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވުނު މި ރަސްމިއްޔާތަކީ، ހުޅުދޫމީދޫގައި ފާއިތުވި އަހަރުތަކުގައި ބޭއްވުނު އެންމެ ކާމިޔާބު ރަސްމިއްޔާތުތަކުގެ ތެރެއިން ރަސްމިއްޔާތެއްކަމަށް ބައިވެރިން ފާހަގަކުރިއެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައިވެސް މިފަދަ ރަސްމިއްޔާތުތައް ބޭއްވޭނެކަމަށް އުންމީދުކުރާކަމަށް ގިނަ ބައިވެރިން ފާހަގަކުރިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

