އިޖުތިމާޢީ ވަސީލަތްތަކާއި ޢުމްރާނީ ތަރައްޤީއަކީ މުޖުތަމަޢެއްގެ ކުރިއެރުމަށް ނުހަނު މުހިންމު ދެ ކަމެވެ. ނަމަވެސް، މިފަދަ ވަސީލަތްތަކަށް ލިބޭ ގެއްލުމަކީ މުޅި މުޖުތަމަޢަށް ލިބޭ ގެއްލުމެކެވެ. މިގޮތުން އައްޑޫ ސިޓީގެ ހުޅުދޫ ރައްޔިތުންގެ މަސައްކަތުން ޤާއިމުކޮށްފައިވާ ޑަކްޕާކަށް ދީފައިވާ ހަމަލާއަކީ އެފަދަ ނާތަހުޒީބު ޢަމަލެއްގެ ހިތާމަވެރި މިސާލެކެވެ.
ފާއިތުވި ދެ ދުވަހުގެ ތެރޭގައި، އައްޑޫ ސިޓީގެ ހުޅުދޫގައި ރައްޔިތުންގެ ބުރަ މަސައްކަތުން ޤާއިމުކޮށްފައިވާ ޑަކްޕާކުގައި ތިބި ދޫނިތަކާއި ކޯރުގައި ތިބި މަސްތަކަށް ވަނީ ނުރައްކާތެރި ހަމަލާއެއް ދެވިފައެވެ. މި ހަމަލާގައި ކޮންމެވެސް ޒާތެއްގެ ވިހައެއް އަޅައި، ގިނަ ޢަދަދެއްގެ ދޫނިތަކާއި މަސްތައް ވަނީ މަރާލެވިފައެވެ. މިއީ ހަމައެކަނި މި ޖަނަވާރުތަކަށް ދިން އަނިޔާއެއް ނޫނެވެ. މިއީ މުޖުތަމަޢުގެ ވަސީލަތަކަށް ދިން ހަމަލާއެކެވެ.
ހުޅުދޫގެ ޑަކްޕާކަކީ ރައްޔިތުންގެ ބުރަ މަސައްކަތުން ޤާއިމުކޮށްފައިވާ ތަނެކެވެ. މިއީ ހުޅުދޫގެ ރައްޔިތުންނާއި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ހިތްހަމަޖެހުމަށާއި ރަށުގެ ޠަބީޢީ މާޙައުލު ރައްކާތެރިކޮށް ދެމެހެއްޓުމަށް ކުރެވިފައިވާ މަސައްކަތެކެވެ. އަދި މިތަނަކީ ރަށުގެ ކުޑަކުދިން ހިތްހަމަ ޖައްސާލުމަށް ގޮސްއުޅޭ މުހިއްމު ތަނެކެވެ.
މިނާތަހުޒީބު ޢަމަލުތަކުގެ ސަބަބުން ލިބުނު ގެއްލުން
1-ތިމާވެށްޓަށް ލިބުނު ގެއްލުން: ދޫނިތަކާއި މަސްތައް މަރުވުމުގެ ސަބަބުން ޠަބީޢީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ.
2-އިޖުތިމާޢީ ގެއްލުން: ރައްޔިތުންގެ ހިތްހަމަޖެހުމަށް ހެދިފައިވާ ތަނެއް ހަލާކުވުމުން މުޅި މުޖުތަމަޢަށް އޭގެ ނޭދެވޭ އަސަރުކުރާނެއެވެ.
3-އިޤުތިޞާދީ ގެއްލުން: މިފަދަ ތަންތަން ޤާއިމުކުރުމަށް ހޭދަކުރެވޭ ބޮޑެތި ޚަރަދުތައް ބޭކާރުވެގެން ދިއުމާއެކު، އަލުން މިތަން މަރާމާތުކުރުމަށް އިތުރު ޚަރަދުތަކެއް ކުރަންޖެހުން.

ހުޅުދޫ ޑަކްޕާކަށް ދިން މިހަމަލާއަކީ މުޅި މުޖުތަމަޢަށް ދިން ހަމަލާއެކެވެ. މިފަދަ ހާދިސާތަކުން ފިލާވަޅު ލިބިގަނެ، އަޅުގަނޑުމެންގެ މުޖުތަމަޢު އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރަން ޖެހެއެވެ. މިކަން ކުރި ފަރާތްތައް ހޯދައި، އެފަރާތްތަކަށް ޤާނޫނީ ފިޔަވަޅު އެޅުމަކީ ވަރަށް މުހިންމު ކަމެކެވެ. ނަމަވެސް، އެއާއެކުވެސް މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ދުރާލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީވެސް މުހިންމު ކަމެކެވެ.

އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތްކޮށްގެން، މިފަދަ ނާތަހުޒީބު ޢަމަލުތައް ހުއްޓުވައި، އަޅުގަނޑުމެންގެ މުޖުތަމަޢަކީ އިޙްތިރާމާއި އެކުވެރިކަމުގެ މައްޗަށް ބިނާވެފައިވާ މުޖުތަމަޢަކަށް ހެދުމަށް މަސައްކަތްކުރަންޖެހެއެވެ.
ހުޅުދޫ ޑަކްޕާކަށް ދެވުނު ހަމަލާއަކީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި ހުރި ބައެއް ނޭދެވޭ ސުލޫކީ މައްސަލަތައް ހާމަކޮށްދޭ ކަމެކެވެ.

ކޮންމެ މުޖުތަމަޢެއްގައިވެސް މިފަދަ ނާތަހުޒީބު ޢަމަލުތައް ހިންގާ މަދު ބަޔަކު ތިބެއެވެ. ނަމަވެސް، މި މަދު ބަޔަކު ކުރާ ޢަމަލުތަކުގެ ސަބަބުން މުޅި މުޖުތަމަޢަށް ބޮޑެތި ގެއްލުންތަކެއް ލިބެއެވެ. އެހެންކަމުން، މިފަދަ ޢަމަލުތަކާ ދެކޮޅަށް މުޖުތަމަޢުގެ ކޮންމެ ފަރުދަކުވެސް އަޑުއުފުލައި، މިފަދަ ކަންކަން ހުއްޓުވުމަށް ގުޅިގެން މަސައްކަތްކުރަންޖެހެއެވެ.

އެއްބަޔަކު ރަށުގެ ދުޅަހެޔޮކަމަށް މަސައްކަތްކުރާއިރު، އަނެއްބަޔަކު އެކަންކަން ހަލާކުކުރަމުން ދިއުމަކީ އެއްވެސް ހާލެއްގައި ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ. އަޅުގަނޑުމެންގެ މުޖުތަމަޢުގެ ތަރައްޤީއަށާއި ކުރިއެރުމަށް ކުރެވޭ މަސައްކަތްތައް ރައްކާތެރިކޮށް ދެމެހެއްޓުމަކީ އަޅުގަނޑުމެން އެންމެންގެވެސް ޒިންމާއެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

