އީޓީއެފްއޭގެ 13 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި 2025 ވަނަ އަހަރުގެ އީޓީއެފްއޭގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހުޅުދޫ ކަސްތޫރިގޭ މިޝަލް ހޮވައިފިއެވެ.
ބުރާސްފަތި ދުވަހުގެރޭ މީދޫ ޓާފް ދަނޑުގައި ބޭއްވުނު މި ރަސްމިއްޔާތުގައި މޮޅު ކުޅުންތެރިޔަކަށް ހޮވުނު މިޝަލްއަށް އެވޯޑް ހަވާލްކޮށްދެއްވީ ރަށްޔިތުންގެ މަޖިލިހުގެ މީދޫ ދާއިރާގެ މެމްބަރު އަބްދުއްރަހުމާނެވެ.
މިޝަލްއަކީ ފާއިތުވި އަހަރުތަކުގައި ހުޅުދޫއާއި މީދޫގައި ބޭއްވިފައިވާ ފުޓްބޯޅަ މުބާރާތްތަކުގައި ވަރަށް ބޮޑަށް ފާހަގަކޮށްލެވިފައިވާ ކުޅުންތެރިއެކެވެ. ޚާއްޞަކޮށް ދާދިފަހުން ނިމިގެން ދިޔަ ގަންބުރި މުންގީ މެމޯރިއަލް ފުޓްބޯޅަ ޗެލެންޖްގައި މިޝަލް ދެއްކި ކުޅުމަކީ ގިނަ ބައެއްގެ ތަޢުރީފު ލިބިފައިވާ ކުޅުމެކެވެ. މި މުބާރާތުގައި މިޝަލްގެ ހުނަރުވެރި ކުޅުމާއި ލަނޑު ޖެހުމުގެ ހުނަރު ފާހަގަކޮށްލެވުނެވެ.
އިންޓަރ ސްކޫލް މުބާރާތްތަކުގައި އަތޮޅު މަދަރުސާގެ ޓީމުގައި ހިމެނިގެން މިޝަލް ދެއްކި ކުޅުމަކީވެސް ގިނަ ބައެއްގެ ސަމާލުކަން ލިބުނު ކުޅުމެކެވެ. މިޝަލްގެ ކުޅުމުން އޭނާއަކީ ޒުވާން ޖީލުގެ ކުޅުންތެރިންގެ ތެރެއިން ވަރަށް އުންމީދީ ކުޅުންތެރިއެއްކަން އޭނާ ވަނީ ސާބިތުކޮށްދީފައިވެއެވެ.
އީޓީއެފްއޭގެ ކޯޗް އަޙްމަދު ރަޝީދު ވިދާޅުވީ މިޝަލްއަކީ އީޓީއެފްއޭއިން އުފެދުނު އެންމެ ހުނަރުވެރި މޮޅު ކުޅުންތެރިޔާކަމަށެވެ.
"މިޝަލްގެ ކިބައިގައި ހުރި ޓެކްނިކަލް ހުނަރުތަކާއި، ދަނޑުމަތީގައި އޭނާ ދައްކަމުންދާ ކުޅުމަކީ ވަރަށް ފާހަގަކޮށްލެވޭ ކަންތައްތަކެއް. އަދި މީގެ އިތުރުން އޭނާގެ ލީޑަރޝިޕް ސިފަތަކަކީވެސް ފާހަގަކޮށްލެވޭ ކަންތައްތަކެއް"
ކޯޗް އަޙްމަދު ރަޝީދު ވިދާޅުވިއެވެ.
މިޝަލްގެ ކުޅުމަށް ތަޢުރީފުކުރައްވައި އަހުމަދު ރަޝީދު އިތުރަށް ވިދާޅުވީ
"މިޝަލްއަކީ ވަރަށް ބުރަކޮށް މަސައްކަތްކުރާ ކުޅުންތެރިއެއް. އޭނާގެ ކުރިއެރުމަކީ އޭނަގެ ޑިސިޕްލިން. ކުޅުން ހުއްޓާނުލާ ކުރިއަށް ގެންދާނަމަ އަޅުގަނޑު ޔަޤީންކުރަން މިޝަލްއަކީ މުސްތަޤްބަލުގައި ވަރަށް މޮޅު ކުޅުންތެރިއެއްކަމަށް ވާނެކަމަށް "
ކޯޗް އަޙްމަދު ރަޝީދު ވިދާޅުވިއެވެ.
އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ލިބުމާ ގުޅިގެން މިޝަލް ބުނެފައިވަނީ މިއީ ކުޅިވަރުގައި އޭނާގެ ލިބުނު އެންމެ ބޮޑު ޝަރަފް ކަމަށެވެ.
"މިއީ އަޅުގަނޑުގެ ކުޅިވަރުގެ ކެރިއަރގައި ލިބުނު އެންމެ ބޮޑު ޝަރަފު. އަޅުގަނޑު މި މަޤާމަށް ހޮވުނީ އަޅުގަނޑުގެ އާއިލާއާއި، ކޯޗުންނާއި، އަޅުގަޑު ކުޅުނުޓީމްތަކުގެ ކުޅުންތެރީންގެވެސް އެހީތެރިކަމާއެކު. އަދި އަޅުގަނޑު މުސްތަޤްބަލުގައި މިއަށްވުރެ ރަނގަޅު ކުޅުންތެރިއަކަށް ވުމަށް މަސައްކަތްކުރާނަން"
މިޝަލް ބުނެފައިވެއެވެ.
2025 ވަނަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު މިޝަލްއަށް ލިބުމަކީ އޭނާގެ ކުޅިވަރުގެ ކެރިއަރގައި ލިބުނު ބޮޑު ކާމިޔާބީއެކެވެ. މިޝަލް ދައްކަމުންދާ ހުނަރުވެރި ކުޅުމާއި، ބުރަ މަސައްކަތަކީ އެންމެންގެ ތަޢުރީފު ލިބިފައިވާ ކަންތައްތަކެކެވެ. މިޝަލްގެ މުސްތަޤްބަލް އުޖާލާވެ، އޭނާއަކީ ރާއްޖެއަށް ނަން ހޯދައިދޭނެ ކުޅުންތެރިއަކަށް ވުމަކީ ގިނަ ބައެއްގެ އެދުމެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

