މީދޫ ކޮމިއުނިޓީން އިންތިޒާމްކޮށްގެން ، މީދޫގައި ފާހަގަކުރެވުނު މުދައްރިސުންގެ ދުވަހުގެ ޚާއްޞަ ހަފްލާއަކީ ވަރަށް މުހިންމު މަޢުލޫމާތުތަކެއް ޙިއްޞާކުރެވުނު ބައްދަލުވުމަކަށް ވެގެން ދިޔައެވެ. މި ބައްދަލުވުމުގައި މެހުމާނެއްގެ ހައިސިއްޔަތުން ބައިވެރިވެ ވަޑައިގެންނެވި ސަޓިފައިޑް ކޯޗު ޑިއުޑްރޮޕް ޝަހީނާ ދެއްކެވި ވާހަކަފުޅުތަކަކީ ކޮންމެ މުދައްރިސަކުވެސް ފުންކޮށް، ވިސްނާލަންޖެހޭ މުހިންމު ވާހަކަތަކެކެވެ.
މުދައްރިސުންގެ ދުވަސް ފާހަގަކުރެވޭއިރު، އަޅުގަނޑުމެންނަށް އާންމުކޮށް ފެންނަނީ ބެލެނިވެރިންގެ ފަރާތުން މުދައްރިސުންނަށް ހަދިޔާ ހުށަހެޅުމާއި މަރުހަބާ ދެންނެވުމެވެ . ނަމަވެސް، ޝަހީނާ އަލިއަޅުވާލެއްވި ފަދައިން، މި ދުވަހުގެ މުނާސަބަތުގައި އަޅުގަނޑުމެން ފުންކޮށް ވިސްނަންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ.
ޝަހީނާ ފާހަގަކުރެއްވި ގޮތުގައި ބައެއް ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރައްވާ ކަމެއް އެބައޮތެވެ. އެއީ "ބައެއް ބެލެނިވެރިން ވަރަށް ބޮޑެތި ހަދިޔާ ދީފިއޭ، އެހެންވީމާ އެ ބެލެނިވެރިންގެ ދަރިންނަށް މުދައްރިސުން ޚާއްޞަ ސަމާލުކަމެއް ދެއޭ، އަޅުގަނޑުމެންނަކީ ނިކަމެތި މީހުން ކަމަށްވާތީ، އަޅުގަނޑުމެންގެ ދަރިންނަށް އެފަދަ އަޅާލުމެއް ނުލިބެއޭ."
މިއީ ވަރަށް ޙަޤީޤީ ކަންބޮޑުވުމެކެވެ. އަދި މިއީ މުދައްރިސުންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކުން ވިސްނާލަންޖެހޭ މުހިންމު ނުކުތާއެކެވެ.
ޝަހީނާ އަލިއަޅުވާލެއްވި ފަދައިން، އަޅުގަނޑުމެންގެ އަސާސީ އަޚްލާޤީ މިންގަނޑުތަކުގެ ތެރޭގައި މާތްﷲ ސުބުޙާނަހޫ ވަތަޢާލާ އަންގަވާފައިވަނީ ހަމަހަމަކަމާއި އަދުލުވެރިކަމާއެކު ކަންތައްތައް ކުރުމަށެވެ. މުދައްރިސުންގެ ހައިސިއްޔަތުން ކްލާސްރޫމަށް ވަންނައިރު، ހަދިޔާ ލިބުނަސް ނުލިބުނަސް، ކޮންމެ ދަރިވަރަކަށްވެސް ހަމަހަމަ ކަމާއެކު ކިޔަވައިދިނުމަކީ އަޅުގަނޑުމެންގެ ދީނީ އަދި ޕްރޮފެޝަނަލް ޒިންމާއެކެވެ.
މުދައްރިސުންގެ ގޮތުގައި މަސައްކަތްކުރާއިރު، ކްލާސްރޫމްގައި ތިބޭ ހުރިހާ ކުދިންނަށް ހަމަހަމަކަމާއެކު އަޅާލުމަކީ ވަރަށް މުހިންމެވެ. ބައެއްފަހަރު ކްލާސްތެރޭގައި ބަސްނާހައިގެން އުޅޭ ނުވަތަ ހަލަބޮލިކޮށް އުޅޭ ނުވަތަ އިޤްތިޞާދީގޮތުން ދަތިހާލުގައި އުޅޭ ދަރިވަރުންނަށްވެސް އެހެން ދަރިވަރުންނެކޭ އެއްފަދައިން ސަމާލުކަން ދިނުމަކީ އަޅުގަނޑުމެންގެ ޒިންމާއެކެވެ.
ޝަހީނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ފަދައިން، އަޅުގަނޑުމެން ކޮންމެ ދުވަހަކު ދުޢާކުރާ رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً ۖ وَفِي الْآخِرَةِ حَسَنَةً ۖ وَقِنَا عَذَابَ النَّارِ(އޭ އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އަޅަމެންނަށް ދުނިޔޭގައިވެސް ހެޔޮކަން ދެއްވާނދޭވެ! އަދި އާޚިރަތުގައިވެސް ހެޔޮކަން ދެއްވާނދޭވެ! އަދި ނަރަކައިގެ ޢަޛާބުން އަޅަމެން ސަލާމަތްކޮށް ދެއްވާނދޭވެ!) މި ދުޢާގެ މަފްހޫމް ހާސިލުކުރެވޭނީ އަޅުގަނޑުމެން ދުނިޔޭގައި ހެޔޮކަންތައްތައް ކުރުމުންނެވެ.
މުދައްރިސެއްގެ ގޮތުގައި ކާމިޔާބުވުމަކީ ހަމައެކަނި ދުނިޔޭގެ ފެންވަރުގައި ބެލެނިވެރިންގެ ލޯބި ލިބުން ނުވަތަ ސްކޫލުގައި ޝުކުރުވެރިކަން ލިބުމެއް ނޫނެވެ. ޙަޤީޤީ ކާމިޔާބީއަކީ މާތްﷲ ގެ ރުހިވޮޑިގަތުން ހޯދުމެވެ.
ޝަހީނާ ވިދާޅުވި ފަދައިން، "ބައެއްފަހަރު ކުދިކުދިކޮށް ގެންދެވޭ ކަންތައްތަކެއްގެ ސަބަބުން އާޚިރަށް އެބަ ގެއްލޭ، ނަރަކައިގެ ޢަޛާބަށް އެބަ ހުށަހެޅޭ." އެހެންކަމުން، ކޮންމެ ދުވަހަކު ފަތިސް ނަމާދަށްފަހު އަޅުގަނޑުމެން ނިޔަތް ކަނޑައަޅަންވީ މާތްﷲ ގެ އަޅެއްގެ ގޮތުގައި އުޅުމަށެވެ. މިގޮތުން މުދައްރިސުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައިވެސް ހަމަހަމަކަމާއި އިންސާފުވެރިކަން ހިފެހެއްޓުމަކީ އެންމެ އިސްކަމެއް ދޭންޖެހޭ ކަމެކެވެ.
މީދޫގައި ބޭއްވުނު މުދައްރިސުންގެ ދުވަހުގެ ހަފްލާގައި ޝަހީނާ ހިއްސާކުރެއްވި ޚިޔާލުތަކަކީ ކޮންމެ މުދައްރިސަކުވެސް ވިސްނަންޖެހޭ މުހިންމު ނުކުތާތަކެކެވެ. ދަރިވަރުންނަށް ހަމަހަމަކަމާއެކު ކިޔަވައިދިނުމަކީ ހަމައެކަނި ޕްރޮފެޝަނަލް ޒިންމާއެއް ނޫނެވެ. އެއީ ދީނީ ވާޖިބެކެވެ.
އަޅުގަނޑުމެން ކޮންމެ ދުވަހަކު މަސައްކަތަށް ނިކުންނައިރު، ހަނދާންކުރަންވީ މި މަސައްކަތަކީ ހަމައެކަނި މުސާރައަށްޓަކައި ކުރާ ކަމެއް ނޫންކަމެވެ. މިއީ މާތްﷲ ގެ ޙަޟްރަތުން އަޖުރު ލިބޭނެ ޢަމަލެއްކަމުގައި ވާނީ އެކަން ކުރަންޖެހޭ ގޮތަށް ފުރިހަމައަށް ކުރާނަމައެވެ.
މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ހުރިހާ މުދައްރިސުންނަށް ހެޔޮއެދުންތައް ފޮނުވަމެވެ. އަދި އަޅުގަނޑުމެންގެ ދަރިވަރުންނަށް ހަމަހަމަކަމާއެކު ކިޔަވައިދިނުމުގައި މާތްﷲ އަޅުގަނޑުމެންނަށް ތައުފީޤު ދެއްވާށިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

