އައްޑޫ ސިޓީ މީދޫގައި ހިންގަމުން ގެންދާ އާރލީ ޓަޗް ފުޓްބޯލް އެކަޑަމީ(އީޓީއެފްއޭ)ގެ 13 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.
އީޓީއެފްއޭގެ އަހަރީ ދުވަހާއި ގުޅިގެން އެކަޑަމީގެ އެކިއެކި އުމުރުފުރާތަކުގެ ކުޅުންތެރީންގެ މެދުގައި މުބާރާތްތަކެއް ވަނީ ބޭއްވިފައެވެ.
އަދި ހިތަދޫ އަޒްމީ ސްޕޯޓްސް އެކަޑަމީގެ ޓީމްތަކާއި އީޓީއެފްއޭ ޓީމްތަކުގެ މެދުގައި ބުރާސްފަތި ދުވަހުހަވީރު ( 2 އޮކްޓޯބަރ 2025 ގައި ) މީދޫ ފުޓްބޯޅަ ދަނޑުގައިވަނީ އެކުވެރިކަމުގެ މެޗްތަކެއް ކުޅެވުނެވެ.
މިމެޗްތަކުގެ ތެރެއިން 15 އަހަރުން ދަށާ 14 އަހަރުން ދަށުގެ މެޗްތަކުން އީޓީއެފްއޭގެ ޓީމްތައް މޮޅުވެފައިވާއިރު 10 އަހަރުން ދަށާ 12 އަހަރުން ދަށުގެ މެޗްތަކުން މޮޅުވެފައިވަނީ އަޒްމީ ސްޕޯޓްސް އެކަޑަމީގެ ޓީމްތަކެވެ.
މިމެޗްތަކުގައި ބައިވެރިވި ހުރިހާ ކުދީންނަށާ އީޓީއެފްއޭގެ ޓީމްތަކުގެ މެދުގައި ބޭއްވުނު މުބާރާތުން ޗެމްޕިއަންކަން ހޯދި ޓީމްތަކަށާ އެކި މަގާމްތަކަށް ހޮވުނު ކުޅުންތެރީންނަށް މެޑަލްވަނީ ދެވިފައެވެ.
މެޑަލްއާއި ޓްރޮފީ ހަވާލް ކުރުމުގެ ރަސްމިއްޔާތު ބޭއްވުނީ މީދޫ ޓާފް ދަނޑުގައި ރޭބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގެ ޝަރަފްވެރިމެހުމާނަކީ މީދޫދާއިރާގެ މެމްބަރު އަބްދުއްރަހުމާނެވެ.
މިރަސްމިއްޔާތަށްފަހު އީޓީއެފްއޭއިން އިންތިޒާމްކޮށްގެން އެމްއެންޑީއެފުން މީދޫ ބަނދަރުގައި ހަވާއެރުންވެސް ބޭއްވުނެވެ.
މީދޫގައި ހިންގަމުންދާ އީޓީއެފްއޭގައި މިހާރުވެސް ހުޅުދޫ މީދޫ އަށް ނިސްބަތްވާ 120 ކުދިން ތަމްރީން ހޯދަމުންދެއެވެ.
އާރލީ ޓަޗް ފުޓްބޯލް (އެޓްފާ) އެކަޑަމީ އުފައްދާފައިވަނީ 2012 އެވެ. ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ހީނާ އަހުމަދު ސަލީމުގެ މަސްއޫލުވެރިކަމުގައި އުފެއްދި މިއެކަޑަމީގެ ބޭނުމަކީ ހުޅުމީދޫ ކުދިންނަށް ފުޓްބޯޅަ ކުޅެން ދަސްކޮށް ދީ ޑިސިޕްލިން ކުދިންކޮޅެއް މުޖްތަމައު އަށް ނެރުމެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

