އައްޑޫސިޓީ ހުޅުދޫގައި ފަންނުވެރި މުޖްތަމަޢެއް ބިނާކުރުމުގެ ގޮތުންނާއި، ޒުވާނުން ބާރުވެރިކޮށް، ކުރިއަރަމުންދާ ލޯކަލް ޓުއަރިޒަމްގެ ދާއިރާއަށް އަހުލުވެރިކުރުވުމުގެ މަޤްޞަދުގައި، ހުޅުދޫ އަވަށު އޮފީހުން ބާއްވާ އޮޕެން ވޯޓަރ ޑައިވަރ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލައިފިއެވެ.
މި ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް ނަންނޯޓުކުރުމުގެ ފުރުޞަތު 2025 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ ދޭއްވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ކޯހުގައި ބައިވެރިވެވޭނީ ހުޅުދޫގައި ދިރިއުޅެމުންދާ 17 އަހަރުން މަތީގެ ފަރާތްތަކަށް ކަމަށް ހުޅުދޫ އަވަށު އޮފީހުން ވަނީ ހާމަކޮށްފައެވެ.
ހުޅުދޫ އަވަށު އޮފީހުން ބުނެފައިވާ ގޮތުގައި، މި ކޯހުގެ މައިގަނޑު އެއް މަޤްޞަދަކީ ހުޅުދޫގެ ޒުވާނުންނަށް ފަންނުވެރިކަން ދަސްކޮށްދީ، ރަށުގެ އިޤްތިޞާދުގައި އެމީހުންގެ ދައުރު ފުޅާކުރުމަށް މަގުފަހިކުރުމެވެ. ޚާއްސަކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަރަމުން އަންނަ ލޯކަލް ޓުއަރިޒަމްގެ ދާއިރާއިން ވަޒީފާގެ ފުރުޞަތުތަކަށް މި ކޯހުގެ ބައިވެރިން ތައްޔާރުކުރުމަށް ބޮޑު އިސްކަމެއް ދެވޭނެއެވެ.
މި ކޯހަށް އެންމެ ގިނަވެގެން 10 ބައިވެރިންނަށް ފުރުޞަތު ލިބިގެންދާނެއެވެ. ވީމާ، ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، ކަނޑައަޅާފައިވާ ތާރީޚުގެ ކުރިން ނަންބަރު 7933088 އަށް ވައިބަރ މެދުވެރިކޮށް ނަންނޯޓުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ކޯހުގައި ބައިވެރިކުރުމަށް ބައިވެރިން ނެގުމުގައި އިސްކަންދެވޭނީ ނަންނޯޓުކުރާ ތަރުތީބުން ކަމަށްވެސް ހުޅުދޫ އަވަށު އޮފީހުން ވަނީ ހާމަކޮށްފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

