މަތިކިޅީގައި ތަރައްޤީކޮށްފައިވާ މަތިކިޅި އީކޯގާޑަނަށް މިއަދު ޒިޔާރަތްކުރި ބަޔަކު ތަނުގެ އެކި ހިސާބުތަކަށް ކުނި އަޅާފައިވާ ކަމުގެ ޝަކުވާ އެކޯގާޑަން ފަރާތުން ކޮށްފިއެވެ. މިކަމާ ގުޅިގެން އެކޯގާޑަން ފަރާތުން ވަނީ ތަނުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް އެންމެންގެ އެއްބާރުލުމަށް އެދިފައެވެ.
އެކޯގާޑަން ފަރާތުން ބުނި ގޮތުގައި، މިއަދު ފެނުނު ކުނިތަކަކީ ގިނަ އަދަދެއްގެ ކުނިތަކަކަށް ނުވެދާނެކަމަށެވެ. ނަމަވެސް، މިގޮތަށް ތަނުގެ އެކި ހިސާބުތަކުގައި އުކާލާފައި ހުންނަ ކުނިކޮޅުތައް، ފަހުން އެ ތަނަށް ޒިޔާރަތްކުރާ މީހުންނަށް ފެނުނީމާ، އެ ކުނިތައް ހުރި ތަނަށް އިތުރު ކުނިއެޅުމަށް ފަސްނުޖެހޭ ގޮތްވެ އެހެންމީހުންވެސް އެތަނަށް ކުނިއަޅަން ފަށާނެކަމަށެވެ.

މިއީ ތަނުގެ ރީތިކަމަށް ވެސް އަދި ސާފުތާހިރުކަމަށް ވެސް ނޭދެވޭ އަސަރުކުރާ ކަމެއް ކަމަށް އެފަރާތުން ފާހަގަކުރެއެވެ.
އީކޯގާޑަނަކީ އެތަނަށް ޒިޔާރަތްކުރާ ރައްޔިތުން ހިތްފަސޭހަ ވަގުތުކޮޅެއް ހޭދަކޮށްލުމަށް ހުޅުވާލާފައިވާ ތަނެކެވެ. މި ތަން ބެލެހެއްޓުމަށް ގިނަ މަސައްކަތްތަކެއްކޮށް ގިނަ ޚަރަދުތަކެއް ކުރަމުންދާއިރު، އެފަރާތުން ދެކޭ ގޮތުގައި ކުނި ނޭޅުމަކީ ކޮންމެ މީހެއްގެ ވެސް އިޖުތިމާއީ ޒިންމާއެކެވެ.

ވީމާ، އެއްވެސް ފަރާތަކުން މި ގޮތަށް ޢަމަލުނުކޮށް، މަތިކިޅި އީކޯގާޑަނުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް އެއްބާރުލުން ދެއްވުމަށް އެކޯގާޑަން ފަރާތުން ވަނީ އިލްތިމާސްކޮށްފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

