އައްޑޫ ސިޓީގެ ކައުންސިލް އޮންނަންވީ ގޮތް ނިންމުމުގެ ފުރުސަތު އައްޑޫގެ ރައްޔިތުންނަށް ދެއްވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒަށް އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުއްރަހުމާނު ޝުކުރު ދަންނަވައިފިއެވެ.
އަބްދުއްރަހުމާނު، ރައީސް ޑރ. މުޢިއްޒުއަށް ޝުކުރު ދަންނަވާފައިވަނީ އޭނާގެ ފޭސްބުކް ޕޭޖްގައި ލިއުއްވާފައިވާ ޕޯސްޓެއްގައެވެ. އޭނާ ވަނީ މީދޫ ރައްޔިތުންގެ ނަމުގައި ވެސް ރައީސަށް ޝުކުރު އަދާކުރައްވާފައެވެ.
ރައީސް ޑރ.މުޢިއްޒު ނިންމަވާފައިވަނީ، އައްޑޫގެ ވަކިވަކި ރަށްތަކުގައި ކައުންސިލް ހަދާނީތޯ ނޫނީ މިހާރުވެސް އޮތްގޮތަށް ސިޓީކައުންސިލެއްގެ ގޮތުގައި ބާއްވާނީތޯ ނިންމާނީ އައްޑޫ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އެ ރައްޔިތުން އެދޭގޮތައްކަަމަށް ނިންމަވާފައެވެ.
މި ނިންމެވުމަކީ އައްޑޫ ރައްޔިތުންގެ ބާރު އިތުރުކުރުމަށް އެޅުއްވި މުހިންމު ފިޔަވަޅެއް ކަމަށް އަބްދުއްރަހުމާނު ވިދާޅުވިއެވެ.
މިކަމާ ގުޅިގެން އަބްދުއްރަހުމާނު އިތުރަށް ވިދާޅުވެފައިވަނީ ރާއްޖޭގެ ނިސްބަތުން އާބާދީ އަދި ބިންބޮޑު އައްޑޫގެ ރަށްތަކަށް ލާމަރުކަޒުވުމުގެ އަސްލު ފާއިދާ ލިބޭނީ އައްޑޫ ވަކިވަކި ރަށްތަކުގައި ކައުންސިލް ހަދައިގެން ކަމަށް އޭނާވެސް ދެކޭ ކަމަށެވެ. މިފަދަ ނިންމުމަކީ އައްޑޫ ރައްޔިތުންނަށް އަމިއްލަ ކަންކަން ނިންމުމުގެ ފުރުސަތު އިތުރަށް ފަހިކޮށްދޭނެ ކަމެއް ކަމަށްވެސް އަބްދުއްރަހުމާނު ފާހަގަކުރައްވާފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

