އައްޑޫ ސިޓީގެ ތިން ރަށެއްގައި ވަކި ކައުންސިލެއް އުފައްދަން ފެނޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންދިޔަ ފެންނަ-ނުފެންނަ ޚިޔާލު ހޯދުމުގެ ވޯޓުގައި ހުޅުދޫއާއި މީދޫގެ ގިނަ ރައްޔިތުން ބޭނުންވި ގޮތަށް ވަކި ކައުންސިލެއް އުފެއްދުމަށް އެ ދެރަށުގެ ރައްޔިތުންވަނީ ވޯޓު ދީފައިވެއެވެ.
މި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން މި މަހުގެ 26 ވަނަ ދުވަހުގެރޭ ދެރަށުގެ މަޖިލިސް މެންބަރުން އިންތިޒާމުކޮށްގެން ބޮޑު ބައްދަލުވުމެއް ވަނީ ބޭއްވިފައެވެ. މި ބައްދަލުވުމަށް ހުޅުދޫއާއި މީދޫގެ ގިނަ އަދަދެއްގެ ކުދި-ބޮޑު މީހުން ހާޒިރުވިއެވެ.

މި ބައްދަލުވުމުގައި މީދޫ ދާއިރާގެ މަޖިލިސް މެންބަރު އައްދު ވިދާޅުވެފައިވަނީ ވަކިކައުންސިލެއް އުފެއްދުމަށް ކުރެވުނު މަސައްކަތަކީ އެއްވެސް ކަހަލަ ބައިބައިވުމެއް އުފެއްދުމަށް ކުރެވުނު މަސައްކަތެއް ނޫން ކަމަށެވެ. އައްދު ވިދާޅުވީ މިކަމުގައި ދެރަށުގެ ރައްޔިތުންނަށް ފެނިގެން ދިޔައީ ކުރިއަށްވުރެ ބޮޑަށް ގުޅިގެން އެއްކޮށް ތިބި މަންޒަރުކަމަށެވެ.
"މި ޖިހާދުގައި އަހަރެމެންނާއެކު ތިބި މީހުންނަކީ ވަކި ޕާޓީއަކަށް ވަކި ރަށަކަށް ބެލުމެއްނެތި އެއްބައެއްގެ ގޮތުގައި ތިބި މީހުން. މިސާލަކަށް އަހަރެމެންގެ ރެސްޓޯރެންޓަށް ގޮސް ރީދޫ ކުލައިގެ ތައްޓަކަށް ސައިބޯން ދެކޮޅުހަދަމުންދިޔަ 'ޕޯސްއަހައްމާމެން' މިކަމުގައި ހަރަކާތްތެރިވަމުން ދިޔައިރު ރީދޫ ކުލައިގެ ގޮޑިއެއްގައި އިށީދެގެން މަސައްކަތްތައް ކުރަމުންދިޔަތަން ފެނުނު,"
އައްދު ވިދާޅުވިއެވެ.
އައްދު ވިދާޅުވި ގޮތުގައި މިއީ ސީދާ ރަށަށްޓަކައި ކުރެވުނު މަސައްކަތެކެވެ. އަދި މިއަދަކީ އުފާވެރި ދުވަހެއް ކަމަށާއި، އައްދު މަޖިލިސް މެންބަރަކަށް ހޮވުނު ދުވަހަށްވުރެ ބޮޑަށް މިއަދު އުފާވާ ކަމަށް ވިދާޅުވިއެވެ. މި ކަން ކާމިޔާބުވުމުން ފެނިގެންދިޔައީ އެހެން އުފާވެރި މަންޒަރެއް ކަމަށާއި، އެއީ ދެރަށުގެ ރައްޔިތުން އެކައްޗެއް ކިޔައިގެން ދެރަށުގެ ބޯޑަރު ވަކިވާ ހިސާބުގައި ތިބެ އުފާފާޅުކުރަމުންދިއުން ކަމަށް އައްދު ވިދާޅުވިއެވެ. މިގޮތުން ހުޅުދޫ ރައްޔިތުން މީދޫ ފަޅީގައި، މީދޫ ރައްޔިތުން ހުޅުދޫ ފަޅީގައި ތިބި މަންޒަރު ފެނިގެންދިއުމަކީ އުފާވެރި މަންޒަރެއްކަމަށް އައްދު ވިދާޅުވިއެވެ.
" ރަށް ތަރައްޤީކުރުމަށް ނިކުންނަނީވެސް މިގޮތައް. މިއީ ރަނުގެ ފުރުޞަތެއް ، މިފުރުޞަތު މިގޮތަށް ހޯދައިދީފައިވާތީ ދެރަށުގައި ކުރިއަށް ދާން ތިބި އެންމެން ފަޚުރުވެރިވާނެ "
އައްދު ވިދާޅުވިއެވެ.
"މީދޫގެ ހުރިހާ ރައްޔިތުންނާއި ހުޅުދޫގެ ހުރިހާ ރައްޔިތުން މިކަން ކާމިޔާބު ކުރުމަށްޓަކައި މިކަމުގެ ތެރޭގައި މަސައްކަތްކޮށްދެއްވާފައިވާތީ އަހަރެން އެމަސައްކަތުގެ އަގު ވަޒަންކުރަން. އެހެންކަމުން މިކަމުގައި ހަރަކާތްތެރިވި ހުރިހާ އެންމެންނަށް ޝުކުރު ދަންނަވަން,"
އައްދު ވިދާޅުވިއެވެ.
މީގެ އިތުރުން، އައްދު ވަނީ މި ފުރުޞަތު ހުޅުދޫ-މީދޫ ރައްޔިތުންނަށް ހޯއްދަވައި ދެއްވިކަމަށްޓަކައި މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ހުޅުދޫއާއި މީދޫގެ ރައްޔިތުންގެ ނަމުގައި ވަރަށް ބޮޑަށް ޝުކުރު ދަންނަވާފައެވެ.
"މިއީ އެއްވެސް ރައީސަކަށް ކުރައްވަން ކެރިވަޑައިގެންނެވި ކަމެއްނޫން. އެކަމަކު ހުޅުދޫއާއި މީދޫގެ ރައްޔިތުންގެ އަޑުއައްސަވާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މި ފުރުޞަތު ހޯއްދަވައި ދެއްވީތީ ރައީސް ޑރ. މުއިއްޒަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން,"
އައްދު ވިދާޅުވިއެވެ.
ހުޅުދޫ-މީދޫގެ ރައްޔިތުންނަށް ލިބުނު މި ކާމިޔާބީއަކީ އެ ދެރަށުގެ ރައްޔިތުންގެ އެއްބައިވަންތަކަމާއި އެކުވެރިކަމުގެ ނަތީޖާއެކެވެ. ވަކި ކައުންސިލެއް އުފެދުމުން ދެރަށުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް މަގުފަހިވެގެންދާނެއެވެ. އަދި ދެރަށުގެ ތަރައްޤީގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެއެވެ.
އަދުގެ ސަރުކާރުން ރައްޔިތުންގެ އަޑުއައްސަވައި، ރަށްޔިތުންގެ އެދުމަށް އިޖާބަދެއްވާފައިވާތީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ޝުކުރު ދަންނަވަމެވެ. އަދި ހުޅުދޫ-މީދޫގެ ރައްޔިތުން ދެއްކި އެއްބައިވަންތަކަމުގެ މިސާލު މުޅި ދިވެހިރާއްޖޭގެ ރައްޔިތުންނަށް ނަމޫނާއަކަށް ވެގެންދާނެ ކަމަށް އުންމީދުކުރަމެވެ
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

