ދިވެހިރާއްޖޭގެ އެންމެ ދެކުނުގައި ހިމެނޭ އައްޑޫ ސިޓީގެ ކައުންސިލް އޮނިގަނޑަށް އިންޤިލާބީ ބަދަލުތަކެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޤަރާރަކުން ނިންމަވައިފައެވެ. މި ނިންމެވުމުގެ ދަށުން، އައްޑުއަތޮޅު ހުޅުދޫ، މީދޫ އަދި ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ޢާންމު ވޯޓެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ. މި މުހިންމު ނިންމުމަކީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށާއި، ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ފާހަގަކުރެވެއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ނިންމެވުން ނިންމެވީ އައްޑުއަތޮޅު ހުޅުދޫ، މީދޫ އަދި ފޭދޫގެ ގިނަ އަދަދެއްގެ ރައްޔިތުން އެކި ހުއްޖަތްތަކާއެކު ސަރުކާރަށް ހުށަހެޅުންތަކެއް ހުށަހަޅާފައިވާތީއެވެ. މި ހުށަހެޅުންތަކުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ މި ރަށްރަށުގައި ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ވަކި ރަށު ކައުންސިލްތަކެއް އުފެއްދުމުގެ މުހިންމުކަމެވެ. މި ހުށަހެޅުންތައް ދިރާސާކުރުމަށްފަހު، މި ތިން ރަށުގެ ރައްޔިތުންގެ ޚިޔާލު ހޯދުމަކީ މުހިންމު ކަމެއްކަމަށް ސަރުކާރަށް ފެނިވަޑައިގެންފައިވެއެވެ.
އައްޑޫ ސިޓީއަކީ 2011 ވަނަ އަހަރުގައި ސިޓީއެއްގެ ދަރަޖަ ލިބިފައިވާ، ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީއެއް ދިރިއުޅޭ ސަރަހައްދެވެ. ސިޓީގެ ދަރަޖަ ލިބުމާއެކު، ސިޓީގެ ހުރިހާ ރަށްތަކެއް އެއް ކައުންސިލެއްގެ ދަށުން ހިންގުމުގެ ނިޒާމެއް ވަނީ ތަޢާރަފުކުރެވިފައެވެ. ނަމަވެސް، މި ނިޒާމުގެ ސަބަބުން ބައެއް ރަށްރަށުގެ ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ދަތިތަކެއް ކުރިމަތިވަމުންދާކަމުގެ ޝަކުވާތައް ވަނީ އިތުރުވަމުން އައިސްފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ވަކިވަކި ރަށްރަށުގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ތަފާތު ސުވާލުތަކެއް ކުރެވޭނެއެވެ. މި ސުވާލުތަކުގެ ތަފްޞީލު ތިރީގައި އެވަނީއެވެ:
ހުޅުދޫގެ ރައްޔިތުންނާ ކުރެވޭ ސުވާލުތައް:
1- އައްޑުއަތޮޅު ހުޅުދޫއަށް ޚާއްޞަކުރެވިގެން، އައްޑުއަތޮޅު ހުޅުދޫ ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟
2- އައްޑުއަތޮޅު ހުޅުދޫއާއި އައްޑުއަތޮޅު މީދޫ، އެއް ކައުންސިލްގެ ދަށުން ހިންގުމަށް ޓަކައި ދެ ރަށުގައި އެއް ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟
މީދޫގެ ރައްޔިތުންނާ ކުރެވޭ ސުވާލުތައް:
1-އައްޑުއަތޮޅު މީދޫއަށް ޚާއްޞަކުރެވިގެން، އައްޑުއަތޮޅު މީދޫ ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟
2- އައްޑުއަތޮޅު ހުޅުދޫއާއި އައްޑުއަތޮޅު މީދޫ، އެއް ކައުންސިލްގެ ދަށުން ހިންގުމަށް ޓަކައި ދެ ރަށުގައި އެއް ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟
ފޭދޫގެ ރައްޔިތުންނާ ކުރެވޭ ސުވާލު:
1- އައްޑުއަތޮޅު ފޭދޫއަށް ޚާއްޞަކުރެވިގެން، އައްޑުއަތޮޅު ފޭދޫ ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟
މި ސުވާލުތަކުގެ ޖަވާބުތަކުގެ އަލީގައި، އައްޑޫ ސިޓީ ކައުންސިލްގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ކަނޑައެޅުމަށް މަގުފަހިވެގެންދާނެއެވެ.
މި ވޯޓު ނެގުމުގެ ނިންމުމާ ގުޅިގެން، އެކި ރަށްރަށުގައި ތަފާތު ޚިޔާލުތައް ފާޅުކުރެވެމުންދާކަން ފާހަގަކުރެވެއެވެ. ވަކިން ޚާއްޞަކޮށް މީދޫ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު، ޚާއްޞަކޮށް ކައުންސިލް އިދާރާގެ އިދާރީ މުވައްޒަފުން، ސިޓީ ކައުންސިލާއެކު އޮތުމުން މީދޫ އޮފީސް ހިންގުމުގައި ދިމާވާ ދަތިތަކާއި އުނދަގޫތަކުގެ ވާހަކަ ދައްކަމުން އަންނަކަން ފާހަގަކުރެވެއެވެ.
ނަމަވެސް، މީދޫގައި ވަކި ކައުންސިލެއް އުފެއްދުމަށް މި ވޯޓު ނެގުމަށް ނިންމުމާ ގުޅިގެން، ލިބިގެންދާނެ ފައިދާތަކާއި ސިޓީއާއެކު އޮތުމުން ހުރި ގެއްލުންތައް ރައްޔިތުންނަށް އޮޅުންފިލުވައިދިނުމުގެ މަސައްކަތެއް މީދޫ އަވަށު އޮފީހުން ކުރަމުންދާތަން އަދި ނުފެންނަކަން ފާހަގަކުރެވެއެވެ. މިކަން ރައްޔިތުންނަށް އޮޅުންފިލުވައިދިނުމަކީ މިއަދު ކައުންސިލުން ކުރަންޖެހޭ މުހިންމު މަސައްކަތެއް ކަމަށް ބެލެވެއެވެ.
އެހެންނަމަވެސް، ހުޅުދޫގެ ކަންތައްތައް ތަފާތެވެ. ހުޅުދޫގައި ވަކި ކައުންސިލެއް އުފެއްދަށް މަސައްކަތް ކުރާފަރާތްތަކުން ރައްޔިތުން ހޭލުންތެރިކުރުމަށް ކަންމަތީ ބައްދަލުވުންތައް ބާއްވަން ވަނީ ފަށާފައެވެ. މިއީ ރައްޔިތުންގެ ޚިޔާލު އެއްގޮތް ކުރުމަށާއި، ވޯޓުގައި ބައިވެރިވުމުގެ މުހިންމުކަން ރައްޔިތުންނަށް އޮޅުންފިލުވައިދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން ފާހަގަކުރެވެއެވެ.
އައްޑޫ ސިޓީ ކައުންސިލްގެ އަވަށެއްގެ ގޮތުގައި އޮތުމުން ލިބިދާނެ ފައިދާތަކާއި ވަކިކައުންސިލެއް އުފެއްދުމުން ލިބިދާނެ ގެއްލުންތައް ދެނެގަތުމަކީ ވޯޓުދޭ ރައްޔިތުންނަށް މުހިންމު ކަމެކެވެ. އެގޮތުން، ވަކި ރަށު ކައުންސިލްތަކެއް އުފެއްދުމުން ލިބިދާނެ ފައިދާތަކުގެ ތެރޭގައި ތިރީގައިވާ ކަންކަން ހިމެނެއެވެ:
ފައިދާތައް:
1- ޚިދުމަތްތައް އަވަސްވުން: ވަކި ރަށު ކައުންސިލެއް އޮތުމުން، އެ ރަށެއްގެ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ލިބުމުގައި މިހާރަށްވުރެ ފަސޭހަވެ، އަވަސްވެގެންދާނެއެވެ.
2-ރަށުގެ ތަރައްޤީއަށް އިސްކަންދިނުން: ވަކި ކައުންސިލެއް އުފެދުމުން، އެ ރަށެއްގެ ތަރައްޤީއަށް ޚާއްޞަ އިސްކަމެއް ދެވި، ތަރައްޤީގެ މަޝްރޫޢުތައް ރޭވުމާއި ހިންގުމުގައި އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެއެވެ.
3-ރައްޔިތުންގެ ބައިވެރިވުން އިތުރުވުން: ރަށު ކައުންސިލެއް އޮތުމުން، ރައްޔިތުންނަށް ކައުންސިލާ ގުޅުން ބަދަހިވެ، ނިންމުންތައް ނިންމުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުވެގެންދާނެއެވެ.
4-ވަސީލަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުން: ރަށަށް ލިބޭ ބަޖެޓާއި ވަސީލަތްތައް އެ ރަށެއްގެ ރައްޔިތުންނަށް ސީދާ ފައިދާހުރި ގޮތަކަށް ބޭނުންކުރުމުގެ ފުރުޞަތު އިތުރުވެގެންދާނެއެވެ.
ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަކީ ރައްޔިތުންގެ ބައިވެރިވުމާއެކު ނިންމުންތައް ނިންމުމުގެ މުހިންމު ކަމެކެވެ. މި ވޯޓުގެ ނަތީޖާއަށް ބިނާކޮށް، ކުރިއަށް އޮތްތާގައި އައްޑޫ ސިޓީގެ ކައުންސިލް އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް މަގުފަހިވެގެންދާނެއެވެ. އެހެންކަމުން، ރައްޔިތުން މި ވޯޓުގައި ބައިވެރިވެ، އެމީހުންގެ ޚިޔާލު ފާޅުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
ވޯޓު ނެގުމުގެ ކުރިން، ރައްޔިތުންނަށް މި ބަދަލުތަކާ ގުޅޭ އެކަށީގެންވާ މަޢުލޫމާތު ލިބި، ރަނގަޅު ނިންމުމެއް ނިންމުމަށް ބޭނުންވާ ހުރިހާ މަޢުލޫމާތެއް ލިބެންޖެހެއެވެ. އެހެންކަމުން، ސިޓީ ކައުންސިލުގެ އަވަށަކުން ރަށުކައުންސިލަކަށް ބަދަލުވުމަށް މަސައްކަތްކުރާ ރަށްރަށުގެ ކައުންސިލްތަކުންވެސް ރައްޔިތުން ހޭލުންތެރިކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

