މުޢާމަލާތްކުރުމުގެ ފަންނުގައި އަދަބު އިޙްތިރާމަކީ ކޮންމެ މުޖުތަމަޢެއްގައިވެސް އަގުހުރި ސިފައެކެވެ. ބައެއް ފަހަރު މީހުންގެ ދުލުން ބޭރުވާ ބަސްތަކަށްވުރެ އެމީހުންގެ ޢަމަލުތަކުން ދައްކުވައިދެނީ އެމީހުންގެ ޝަޚްޞިއްޔަތުގެ ޙަޤީޤީ ސިފައެވެ. މިގޮތުން މުޢާމަލާތްކުރުމުގެ ތެރޭގައި ފާހަގަކުރެވޭ ބައެއް ނޭދެވޭ އާދަތަކާމެދު ވިސްނާލުން މުހިންމެވެ.
ވާހަކަދައްކާއިރު ވަކި މީހަކާ ދިމާލަށް އިނގިލި ދިއްކޮށް، މޫނު ކުނިކޮށް، އަޑުގަދަކޮށް ވާހަކަދެއްކުމަކީ ތަހުޒީބީ މުޖުތަމަޢެއްގައި ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ބައެއް މީހުންނަށް މިފަދަ ޢަމަލުތަކަކީ ގަދަފަދަކަމުގެ ނިޝާނެއްކަމުގައި ފެނުނު ނަމަވެސް، ޙަޤީޤަތުގައި މިއީ އެމީހެއްގެ ތަރުބިއްޔަތާއި އަޚްލާޤީ ފެންވަރުގެ ދަށްކަން ދައްކުވައިދޭ ކަންތައްތަކެކެވެ.
ޕްރޮފެޝަނަލް މާޙައުލެއްގައި ޚިޔާލު ތަފާތުވުމަކީ ޢާންމު ކަމެކެވެ. ނަމަވެސް މިފަދަ ޙާލަތްތަކުގައި އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމްކޮށް، ހަރުކަށި ބަހުރުވައިން ވާހަކަ ދެއްކުން ދުރުހެލިވެ، އެހެން މީހުންގެ ޚިޔާލުތަކަށް ޖާގަދީގެން ވާހަކަދެއްކުމަކީ މުހިންމު ކަމެކެވެ. މިގޮތުން ތިމަންނަ ދެއްކި ވާހަކައެއް މިވެނި ތަނެއްގައި ދައްކައިފިޔޯ ކިޔައިގެން ޒާތީ ގޮތުން މީހުންނާ ދިމާލަށް ވާހަކަދައްކާކަށް ނުޖެހޭނެއެވެ.
ޚުލާޞާކޮށް ދަންނަވާނަމަ، މުޢާމަލާތްކުރުމުގައި އަޑުގަދަކޮށް، އިނގިލި ދިއްކޮށް، މޫނު ކުނިކޮށްގެން ވާހަކަދެއްކުމުގެ ބަދަލުގައި ހިތްހަމަޖެހޭ ގޮތަށް، އިޙްތިރާމާއެކު ވާހަކަދައްކާ މީހުންނަކީ ޙަޤީޤަތުގައި ކޮންމެ ތަނެއްގައިވެސް ބަލައިގަނެވޭ، ޤަދަރުލިބޭ ބައެކެވެ. ތިމާގެ ޚިޔާލު ފާޅުކުރުމުގައި އަދަބުވެރިކަމަކީ ބަލިކަށިވުމެއް ނޫނެވެ. އެއީ ތިމާގެ ހަރުދަނާކަމާއި ޝަޚްޞިއްޔަތުގެ މަތިވެރިކަން ދައްކުވައިދޭ ކަމެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

