ދިވެހިރާއްޖޭގެ ދިގު ތާރީޚުގައި ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށްޓަކައި ދިވެހި ދަރިން ވެފައިވާ މަތިވެރި ޤުރުބާނީތަކަކީ ދުވަހަކުވެސް ދިވެހިންގެ ހިތްތަކުން ފޮހެވިގެންދާނެ ކަންކަމެއް ނޫނެވެ. މީގެ ތެރެއިންވެސް، ފަހުގެ ތާރީޚެއްގައި ރާއްޖެއަށް ކުރިމަތިވި އެންމެ ނުރައްކާތެރި، ބިރުވެރި އަދި އަނިޔާވެރި ޢުދުވާނަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ޤައުމުގެ ޚާއިނުންތަކަކާ ގުޅިގެން ސްރީލަންކާގެ ޕްލޮޓް ޖަމާޢަތުގެ ކުލީ ސިފައިން މާލެއަށް ދިން ޓެރަރިސްޓް ޙަމަލާއެވެ.

މި ނުރައްކާތެރި ޙަމަލާއަކީ ދިވެހި ޤައުމުގެ މިނިވަންކަން ނަގާލައި، ދިވެހި ވެރިކަން ވައްޓާލުމަށް ރޭވިގެން ހިންގި ވަރަށް ފިނޑި އަމަލެކެވެ. މުޅި މާލެ ބަޑީގެ އަޑުން ގުގުމައިގެން ދިޔަ އެ ބިރުވެރި ދުވަހު، ދިވެހި ޤައުމުގެ ދިފާޢުގައި ދިވެހި ޢަސްކަރިއްޔާއިން ދެއްކެވި ހިތްވަރާއި ސާބިތުކަމަކީ ޤައުމީ ތާރީޚުގައި ރަންއަކުރުން ފެވިގެންދިޔަ ޞަފްޙާތަކެކެވެ. ދުޝްމަނުންގެ ބާރުގަދަ ހަތިޔާރުތަކުގެ ކުރިމަތީގައި ކުޑަކޮށްވެސް ފަސްޖެހުމެއްނެތި، ދިވެހި ސިފައިން ތެދުވީ މާތްވެގެންވާ އިސްލާމްދީނާއި، ޤައުމާއި، ދިވެހި ރައްޔިތުންގެ ޙައްޤުގައެވެ.
އެ ދުވަހުގެ ނިރުބަވެރި ޙަމަލާތަކުގައި ޤައުމަށްޓަކައި ލޭ އޮހޮރުވާލި 19 ދިވެހިން ވަނީ މި ފަނާވަނިވި ދުނިޔެއާ ވަކިވެ ޝަހީދުވެފައެވެ. އޭގެ ތެރޭގައި ޤައުމީ ވާޖިބު އަދާކުރުމުގައި ފަސްނުޖެހި ހަނގުރާމަކުރި ދިވެހި ސިފައިންގެ 8 ބަޠަލުންނާއި، ކުށެއްނެތް އާންމު ރައްޔިތުންގެ 11 މީހުން ހިމެނެއެވެ. ޚާއްޞަކޮށް، ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ދެއްކެވި ފަދަ ލާމަސީލު ޤުރުބާނީތަކަކީ މުޅި ޤައުމު ފަޚުރުވެރިވާ އަދި އަބަދުވެސް ހަނދާންކުރަންޖެހޭ މަތިވެރި މިސާލުތަކެކެވެ. އެމަނިކުފާނު ސިފައިންގެ މައި މަރުކަޒުގެ ގޭޓު ދިފާޢުކުރުމަށްޓަކައި ފަހު ނޭވައާ ހަމައަށް ކުރެއްވި ހިތްވަރަކީ ދުޝްމަނުންގެ ރޭވުންތައް ފެނަށްދުއްވާލުމުގެ މައިގަނޑު އަސާސެވެ.
މާތް ﷲ ގެ ވާގިފުޅާއެކު، ދިވެހި ސިފައިންގެ ހިތްވަރާއި، ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަމުގެ ސަބަބުން މި ބިރުވެރި ޢުދުވާނުން ދިވެހިރާއްޖެ ސަލާމަތްވެ، ނަޞްރު ލިބުނެވެ. އެހެންކަމުން، ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަސް "ނަޞްރުގެ ދުވަސް" ގެ ގޮތުގައި ފާހަގަކުރަމުން މިދަނީ އެ ތާރީޚީ ކާމިޔާބީއާއި ޤައުމީ އެއްބައިވަންތަކަން ހަނދާންކޮށްދެމުންނެވެ.
ނަޞްރުގެ ދުވަސް އަޅުގަނޑުމެންނާ ބައްދަލުކުރާއިރު، ދިވެހި ސިފައިން ޤައުމަށްޓަކައި ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީގެ ހަނދާންތަކަކީ އަބަދުމެ ދިވެހިންގެ ހިތްތަކުގައި ދިރިދިރި ހުންނާނެ ހަނދާންތަކެކެވެ. މިއަދުގެ ޖީލުތަކަށް އެ ޙާދިސާއިން ލިބިދޭ އެންމެ ބޮޑު ޢިބްރަތަކީ، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށްޓަކައި އަބަދުވެސް ހޭލާތިބުމާއި، އިސްލާމީ ވަޙްދަތާއި ޤައުމީ އެއްބައިވަންތަކަން ދެމެހެއްޓުމުގެ މުހިންމުކަމެވެ. ސިފައިންގެ ފަޚުރުވެރި ޖިހާދާއި ޤުރުބާނީގެ ޒިކުރާ އަންނަން އޮތް ޖީލުތަކަށްޓަކައި ތާއަބަދު ދެމިގެންދާނެކަން ކަށަވަރެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

