އައްޑޫ ސިޓީގެ މައި ރަށް ކަމަށްވާ ހިތަދޫއާއި ވަކިން އޮންނަ ހުޅުމީދޫއާ ދެމެދު ދަތުރުފަތުރުގެ ޚިދުމަތް ދެމުން އައި "ބޮނިޓޯ ފެރީ" ގެ ޚިދުމަތް އެފަރާތުން އަންނަ 1 ނޮވެމްބަރު އިން ފެށިގެން ހުއްޓާލަން ނިންމުމާ ގުޅިގެން، ހުޅުދޫއާއި މީދޫއަށް އަދި މީދުން ހިތަދޫއަށް މުދާ ގެންދާ ފަރާތްތަކަށާއި އާންމު ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
ހިތަދޫ-ހުޅުމީދޫ 'ބޮނިޓޯ ފެރީ' ހުއްޓާލުމުން މުދާ އުފުލުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެއްޖެ
Advertisement
މީދޫއާއި ހުޅުދޫގެ ވިޔަފާރިވެރިން ބުނޭ
މި ނިންމުމުގެ ސަބަބުން ހުޅުދޫ އަދި މީދޫގެ ފިހާރަތަކަށް ހިތަދޫން މުދާ ސަޕްލައިކުރުމުގައި އަދި ، އާންމު ބޭނުންތަކަށް ތަކެތި ގެނައުމުގައި ބޮޑެތި ހުރަސްތަކެއް އެޅިގެންދާނެ ކަމަށް ވިޔަފާރިވެރިން ވަނީ ބުނެފައެވެ. މި ފެރީއަކީ ހިތަދޫން ހުޅުދޫ މީދޫއަށް މުދާ އުފުލުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަމުން އައި އެއް އުޅަނދެވެ. މިޚިދުމަތް ހުއްޓާލުމުގެ ޚަބަރާއެކު ހުޅުދޫ މީދޫގެ ގިނަ ރައްޔިތުންގެ މެދުގައި ވަނީ ބޮޑު ކަންބޮޑުވުމެއް އުފެދިފައެވެ.
ގިނަ ދުވަސްތަކެއް ވަންދެން ހިތަދޫ ބަނދަރުން ސީދާ ހުޅުމީދޫއަށް ދަތުރުކުރި 'ބޮނިޓޯ' އިން ވަނީ ރައްޔިތުންނަށް އިންތިހާއަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދީފައެވެ.
މިގޮތުން ހިތަދޫގެ ހޯލްސޭލް ފިހާރަތަކުންނާއި ގުދަންތަކުން ނަގާ މުދާ ފެރީ ކައިރިއަށް ގެންދިއުމުން، އެ ތަކެތި ދޯންޏަށް އަރުވައިދިނުމުގެ މަސައްކަތް ކޮށްދެނީ ދޯނީގެ ފަޅުވެރިންނެވެ. މީގެ އިތުރުން ފެރީ ހުޅުމީދޫ ބަނދަރަށް ދިއުމުން، މުދާ ބަލައި ދާ ފަރާތްތަކަށް އެ ތަކެތި ބާލައިދިނުމުގެ ޚިދުމަތްވެސް ދެމުން އައީ ދޯނީގެ ފަޅުވެރިންގެ ފަރާތުންނެވެ. މިފަދަ ފުރިހަމަ އިންތިޒާމުތަކުގެ ސަބަބުން މުދާ ފޮނުވާ ފަރާތްތަކަށް އިތުރު މަސައްކަތު މީހުން ހޯދަން ނުޖެހި، ވަގުތާއި ފައިސާގެ ގޮތުން ބޮޑެތި ލުއިތަކެއް ލިބެމުން ދިޔައެވެ. މިއީ މުދާ އުފުލުމުގައި ހުޅުމީދޫގެ ރައްޔިތުން މެދުކެނޑުމެއް ނެތި އިތުބާރު ކުރަމުން އައި މައިގަނޑު ސަބަބެވެ.
މީގެ އިތުރުން، ބޮނިޓޯ ފެރީން މުދާ އުފުލުމުގައި ގެންގުޅޭ އެންމެ ބޮޑު އެއް ލުޔަކީ ފައިސާ ދެއްކުމުގައި އޮންނަ ފަސޭހަ އުސޫލެވެ. ހިތަދޫން މުދާ ދޯންޏަށް އެރުވުމަށްފަހު، ހުޅުމީދޫން މުދާ ބަލައިގަންނަ ވަގުތު މުދަލުގެ އަގު ދައްކާ ގޮތަށް އެ ދޯނިން އޮތީ ހަމަޖައްސައިދީފައެވެ. މި އުސޫލުގެ ސަބަބުން ހިތަދޫގައި ތިބޭ ވިޔަފާރިވެރިންނަށް ނުވަތަ މުދާ ފޮނުވާ ފަރާތްތަކަށް ވަގުތުން ފައިސާ ދައްކަން ނުޖެހި، މުދާ ލިބުމުން ހުރިހާ މާލީ މުއާމަލާތެއް ނިންމުމުގެ ފުރުސަތު ލިބިގެންދެއެވެ. މިއީ ހުޅުމީދޫގެ ކުދި ފިހާރަތަކަށާއި އަމިއްލަ ބޭނުންތަކަށް ތަކެތި ގެންނަ އާންމު ރައްޔިތުންނަށް ލިބިފައި އޮތް ވަރަށް ބޮޑު ފަސޭހައެކެވެ. މުދާ ފޮނުވުމުގައި މިފަދަ ލުއިފަސޭހަ ގޮތްތަކެއް ހަމަޖެހިފައި އޮތުމަކީ މުދާ ފޮނުވާ ފަރާތަށާ މުދާ ގެންނަ ފަރާތްތަކަށްވެސް ލިބުނު ބޮޑު ބާރެކެވެ.
ނަމަވެސް، 1 ނޮވެމްބަރުން ފެށިގެން މި ޚިދުމަތް އެއްކޮށް މެދުކަނޑާލުމަކީ ހުޅުމީދޫގެ ވިޔަފާރިތަކަށް ލިބޭނެ ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއް ކަމަށް ރައްޔިތުން ބުނެއެވެ. ރަށުގެ ގިނަ ވިޔަފާރިތަކަކީ ހިތަދޫގެ ހޯލްސޭލް ވިޔަފާރިތަކުގެ މައްޗަށް ބަރޯސާވެގެން ހިންގާ ތަންތަނަށް ވުމާއެކު، ސީދާ ދަތުރުތައް ހުއްޓުމުން މުދާ ގެންދިއުމުގެ އަގު އިންތިހާއަށް އުފުލިގެންދާނެއެވެ. މި ބަދަލުގެ ސަބަބުން ކާބޯތަކެއްޗާއި އެހެނިހެން ޒަރޫރީ ސާމާނުގެ އަގު ހުޅުދޫ މީދުން ބޮޑުވެގެންދާނެ ކަމަށް ވިޔަފާރިވެރިން ވަނީ ލަފާކޮށްފައެވެ. އޭގެ ނޭދެވޭ އަސަރު ސީދާ ގޮތެއްގައި ފޯރާނީ ހުޅުދޫ އަދި މީދޫގެ އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ޚަރަދުތަކަށެވެ. އެހެންކަމުން މި ދަނޑިވަޅުގައި މިފަދަ ބޮޑު ޚިދުމަތެއް ހުއްޓުމަކީ މުޅި މުޖުތަމައަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ.
އައްޑޫ ސިޓީގެ ގުޅިފައިވާ އަވަށްތަކާ ވަކިން އޮންނަ ހުޅުމީދޫއަށް ކަނޑުމަގުން ކުރެވޭ މިފަދަ ދަތުރުތަކަށް ބުރޫއެރުމަކީ މުޅި ރަށުގެ އިގްތިސާދީ ދުވެލި މަޑުޖެހިގެންދާނެ މައިގަނޑު ސަބަބެކެވެ. ބޮނިޓޯ ފެރީ ހުއްޓާލުމުން އުފެދޭ ހުސްކަން ފޫބެއްދުމަށް އެކަށީގެންވާ އަވަސް އިންތިޒާމެއް ހަމަނުޖެހިއްޖެނަމަ، ދަތިތައް އިތުރަށް ގޯސްވާނެއެވެ. މި ހާލަތުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ދެން އޮތް އެންމެ ބޮޑު އިޚްތިޔާރަކަށް ވެގެންދަނީ ސަރުކާރުގެ ރަސްމީ ދަތުރުފަތުރުގެ ނިޒާމުކަމުގައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ފެރީ ދޯނިތަކަށެވެ.
އެހެންނަމަވެސް، އެމްޓީސީސީ މެދުވެރިކޮށް މުދާ ފޮނުވުމަކީ ރައްޔިތުން ސިފަކުރާ ގޮތުގައި އިންތިހާއަށް އުނދަގޫ އަދި ބޮޑު ތަކުލީފެކެވެ. ސަބަބަކީ ހިތަދޫން މުދާ ގަތުމަށްފަހު، އެ ތަކެތި ބޮޑު ޚަރަދެއް ކޮށްފައި ފޭދުއަށް ގެންގޮސްގެން ނޫނީ އެމްޓީސީސީގެ ދޯންޏަށް އެރުވޭނެ ގޮތެއް ނެތުމެވެ. މީގެ އިތުރުން ފޭދޫގައި ހުންނަ އެމްޓީސީސީ އޮފީހުން ދޯނި ބަނދަރަށް އައުމުގެ ކުރިން އެއްވެސް މުދަލަކާ ހަވާލެއް ނުވެއެވެ. މުދާ ފޮނުވާ މީހުންނަށް މަޖުބޫރުވަނީ ފޭދޫ ބަނދަރަށް ދޯނި އަންނަންދެން އަވީގައާއި ވާރޭގައި މުދަލާއެކު ގިނަ ވަގުތުތަކެއް ވަންދެން މަޑުކޮށްގެން ތިބުމަށެވެ.
އެމްޓީސީސީގެ ފެރީ ދޯނިން މުދާ އުފުލުމުގައި އޮތް އެންމެ ބޮޑު އެއް ދައްޗަކީ، ފައިސާ ދެއްކުމަށްފަހުވެސް މުދާ ދޯންޏަށް އަރުވަން ޖެހެނީ މުދާ ފޮނުވާ ފަރާތުން އަމިއްލައަށް ކަމަށް ވުމެވެ. ހަމައެއާއެކު ދޯނި ހުޅުމީދުއަށް ދިއުމުން ދޯނިން މުދާ ބޭލުމުގެ ބުރަ އުފުލަން ޖެހެނީވެސް މުދާ ބަލައިދާ އާންމު ފަރާތްތަކުންނެވެ. ދޯނީގެ ފަޅުވެރިން މުދާ އަރުވައި ބޭލުމުގައި އެއްވެސް އެހީތެރިކަމެއް ފޯރުކޮށެއް ނުދެއެވެ. ފޭދޫގެ އިތުރުން މީދޫގައި ހުންނަ އެމްޓީސީސީ އޮފީހުންވެސް އަމަލުކުރަމުން ދަނީ ހަމަ މިއުސޫލުން ކަމަށް ރައްޔިތުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ފައިސާ ދެއްކުމުގައި އެމްޓީސީސީން ކަނޑައަޅާފައިވާ ހަރުކަށި އުސޫލަކީވެސް ވިޔަފާރިވެރިންނަށް ކުރިމަތިވާ ވަރަށް ބޮޑު ހުރަހެކެވެ. އެމްޓީސީސީން މުދާ ފޮނުވޭނީ ފޭދޫ ބަނދަރުގައި ހުންނަ އެ ކުންފުނީގެ އޮފީހުން އަންގާ އަގެއް ވަގުތުން ދައްކައި ޚަލާސްކޮށްގެންނެވެ. ހުޅުމީދޫން މުދާ ބަލައިގޮސް އެ ރަށުން ފައިސާ ދެއްކޭނެ އެއްވެސް އިންތިޒާމެއް މިހާތަނަށް އެމްޓީސީސީގައި ގާއިމުކޮށްފައެއް ނުވެއެވެ. މީގެ ސަބަބުން ހިތަދޫން ސާމާނު ފޮނުވާ ފަރާތްތަކަށް ވަގުތުން ފައިސާ ހަމަޖައްސަން މަޖުބޫރުވެ، ވިޔަފާރީގެ މުއާމަލާތްތަކަށް ހުރަސްއެޅެއެވެ. މިއީ ބޮނިޓޯ ފެރީން ދެމުން އައި ފަސޭހަ ޚިދުމަތާ އަޅާބަލާއިރު އެތައް ގުނައެއް އުނދަގޫ އަދި ދަތި ގޮތެކެވެ.
މި ބޮޑެތި ތަކުލީފުތަކަށް ހައްލެއް ހޯދުމަށްޓަކައި، ހުޅުދޫ އަދި މީދޫ ކައުންސިލުން އެމްޓީސީސީގެ މެނޭޖްމަންޓާއެކު އަވަސް މަޝްވަރާތަކެއް ފެށުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. ރައްޔިތުން އެދެނީ ހިތަދޫ ބަނދަރުން ސީދާ ހުޅުމީދުއަށް އެމްޓީސީސީގެ ދޯނި ދަތުރުތައް ހަމަޖައްސައިދިނުމަށެވެ. އަދި އޭގެ އިތުރުން މުދާ ދޯންޏަށް އެރުވުމާއި ބޭލުމުގައި އެމްޓީސީސީން މިހާރު ގެންގުޅޭ ހަރުކަށި އުސޫލު ބަދަލުކުރުމަށްވެސް ރައްޔިތުން ދަނީ އެދެމުންނެވެ. އެމްޓީސީސީގެ ފަރާތުން މުދަލާ ހަވާލުވެ، ފަޅުވެރިން މެދުވެރިކޮށް މުދާ ބޭލޭނެ ނިޒާމެއް ގާއިމުކުރުމަކީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ތަސައްލީއެކެވެ. ކައުންސިލްގެ އިސްނެގުމާއެކު މިފަދަ ބަދަލުތަކެއް ގެނެވިއްޖެނަމަ، ރައްޔިތުންގެ ކަންބޮޑުވުންތަކަށް އެކަށީގެންވާ ހައްލެއް ލިބިގެންދާނެއެވެ.
ކޮންމެ ގޮތަކަށް ބެލިނަމަވެސް ހިތަދޫއާއި ހުޅުމީދޫއާ ދެމެދު ދަތުރުކުރި ބޮނިޓޯ ފެރީ ހުއްޓާލުމަކީ މުޅި އައްޑޫ ސިޓީގެ ދަތުރުފަތުރަށާއި ހުޅުމީދޫގެ އިގްތިސާދަށް އެޅުނު ވަރަށް ބޮޑު ހިޔަންޏެކެވެ. މިކަމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާނެ ތަކުލީފުތައް ކުޑަކުރުމަށްޓަކައި ދައުލަތުގެ ކަމާބެހޭ އިދާރާތަކުންނާއި އެމްޓީސީސީން ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހެއެވެ. އާންމު ރައްޔިތުންނާއި ވިޔަފާރިވެރިންގެ ޝަކުވާތަކަށް އަވަސް އިޖާބައެއް ދީ، ލުއިފަސޭހަ ޚިދުމަތެއް ކަށަވަރުކޮށްދިނުމަކީ ލަސްނުކޮށް ކުރަންޖެހިފައިވާ މުހިންމު ކަމެކެވެ. މި މައްސަލައަށް ދާއިމީ ހައްލެއް ނުލިބިއްޖެނަމަ، ހުޅުމީދޫގެ ވިޔަފާރިތަކަށް އޭގެ ނޭދެވޭ އަސަރު ދިގު މުއްދަތަކަށް ދެމިގެންދާނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

