އައްޑޫ ހުޅުދޫ އަދި މީދޫގައި ފެނާއި ނަރުދަމާގެ ޚިދުމަތް މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) އިން ރަސްމީކޮށް ދޭން ފަށައިފިއެވެ. މިކަން އެ ކުންފުނިން ވަނީ ރަސްމީކޮށް ހާމަކޮށްފައެވެ.

އެމް.ޑަބްލިއު.އެސް.ސީ އިން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ނޯޓިސްއެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ހުޅުދޫ އަދި މީދޫގައި ފެނާއި ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް ފެށި ނަމަވެސް، ދިމާވާ ޓެކްނިކަލް މައްސަލައަކާ ގުޅިގެން ޚިދުމަތްތަކަށް އެދި ހުށަހެޅުމުގައި މިވަގުތު ދަތިތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މި މައްސަލަ ވީއެންމެ އަވަހަކަށް ހައްލުކުރުމަށްޓަކައި އެ ކުންފުނީގެ ޓެކްނިކަލް ޓީމުން މިހާރު ދަނީ މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންނެވެ.
މީގެ އިތުރުން، ޚިދުމަތްތަކަށް އެއްވެސް ބުރޫއެރުމެއް ދިމާވެއްޖެނަމަ ނުވަތަ ފެނުގެ ޚިދުމަތާ ގުޅޭ ކުއްލި ހާލަތެއް މެދުވެރިވެއްޖެނަމަ، އެ ކުންފުނީގެ ހޮޓްލައިން ނަންބަރު 105 ނުވަތަ 1575 އަށް ގުޅުއްވައިގެން މައުލޫމާތު ހިއްސާކުރެއްވުމަށް އެމް.ޑަބްލިއު.އެސް.ސީ އިން ވަނީ އެދިފައެވެ.
މި ދިމާވި ޓެކްނިކަލް މައްސަލައިގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ކުންފުނީގެ ފަރާތުން ނިހާޔަތަށް މައާފަށް އެދޭ ކަމަށްވެސް އެ ނޯޓިސް ނިންމާލަމުން އެމް.ޑަބްލިއު.އެސް.ސީ އިން ވަނީ ފާހަގަކޮށްފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

