ގްރީންލޭންޑުގެ ސަލާމަތީ ކަންކަމާއި "އެހެނިހެން ހުރިހާ ބޭނުންތަކެއްގެ" މައްޗަށް އެމެރިކާއަށް "ދާއިމީ ބާރު" ލިބޭނެ ފަދަ އެއްބަސްވުމެއް ޑެންމާކާއެކު ގާއިމުކުރެވިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނު ކުރައްވައިފިއެވެ.
މި އިއުލާނު މި އައީ، ޑެންމާކުގެ ބައެއްގެ ގޮތުގައި އޮންނަ އާކްޓިކް ސަރަހައްދުގެ އަމިއްލަ ވެރިކަން ހިންގާ މި ޖަޒީރާ، އެމެރިކާގެ ބާރުގެ ދަށަށް ގެންނާނެ ކަމަށް ރައީސް ޓްރަމްޕް ވިދާޅުވިތާ އަހަރަކަށްވުރެ ގިނަ ދުވަސް ފަހުންނެވެ. އެ ދުވަސްވަރު ޓްރަމްޕް ދެއްކެވި ވާހަކަފުޅުތަކުގެ ސަބަބުން، އެމެރިކާއާއި ޑެންމާކު ހިމެނޭ ނޭޓޯގެ އިއްތިހާދުގެ ގުޅުމަށް ބޮޑެތި ލޮޅުންތަކެއް އެރިއެވެ.
![ޖެނުއަރީ 17 ވަނަ ދުވަހު، ގްރީންލޭންޑްގެ ނޫކްގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓް ކުރިމަތީގައި، ގްރީންލޭންޑާ މެދު ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތާ ދެކޮޅަށް ބަޔަކު މުޒާހަރާ ކުރަނީ. [އީވްގެނީ މަލޮލެޓްކާ/އޭޕީ ފޮޓޯ]](http://voiceofmeedhoo.com/wp-content/uploads/2026/09/Screenshot_20-9-2026_14051_www.aljazeera.com_.jpeg)
މި އެއްބަސްވުމާ ގުޅޭގޮތުން މިހާތަނަށް އެނގިފައިވާ މައުލޫމާތުތަކާއި، މީގެ ސަބަބުން އެމެރިކާއާއި ގްރީންލޭންޑަށް ކުރާނެ އަސަރުތައް ތިރީގައި އެވަނީއެވެ.

އެއްބަސްވުމުގައި ހިމެނެނީ ކޮން ކަންތައްތަކެއް؟
އެއްބަސްވުމުގެ ރަސްމީ ލިޔުން އަދި އާންމެއް ނުކުރެއެވެ. އެހެންނަމަވެސް، ޓްރަމްޕް ވިދާޅުވާ ގޮތުގައި މި އެއްބަސްވުމުގެ ދަށުން އެމެރިކާއަށް އެއްވެސް ޚަރަދަކާ ނުލައި ގްރީންލޭންޑުގެ ސަލާމަތީ ކަންކަމާއި "އެހެނިހެން ހުރިހާ ބޭނުންތަކެއްގެ" މައްޗަށް ދާއިމީ ބާރު ލިބޭނެއެވެ.
މީގެ އިތުރުން، އެމެރިކާގެ ހުއްދައެއް ނެތި، އެމެރިކާގެ އިދިކޮޅު ފަރާތްތަކުން ގްރީންލޭންޑުގައި އަސްކަރީ މަރުކަޒުތައް ހެދުމާއި "ހައްސާސީ އިންވެސްޓްމަންޓްތައް" ކުރުން މި އެއްބަސްވުމުން މަނާކުރެއެވެ.
ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން ނޭޓޯގައި ނުހިމެނޭ ގައުމުތަކަށް ގްރީންލޭންޑުގައި ބޭސްތައް ނުހެދޭނެ ކަމަށާއި، އެމެރިކާއަށް ނުރައްކާވެދާނެ ފަދަ އެއްވެސް އިންވެސްޓްމަންޓެއް އެ ގައުމުގައި ނުކުރެވޭނެއެވެ.
މީގެ މާނައަކީ ޗައިނާއާއި ރަޝިއާއަށް ގްރީންލޭންޑުގައި އަސްކަރީ މަރުކަޒުތައް ބިނާކުރުމާއި ސިފައިން ބޭތިއްބުން މަނާވުމެވެ. ނަމަވެސް، ޑެންމާކް އިންސްޓިޓިއުޓް ފޯ އިންޓަނޭޝަނަލްސްޓަޑީޒްގެ ސީނިއާ ރިސާޗަރެއް ކަމަށްވާ މިކެލް އޮލެސަން ވިދާޅުވި ގޮތުގައި، މިއީ މާ ބޮޑު ދޫދިނުމެއް ނޫނެވެ. ސަބަބަކީ ޑެންމާކާއި ގްރީންލޭންޑުން ދުވަހަކުވެސް ރަޝިއާ ނުވަތަ ޗައިނާގެ އަސްކަރީ މަރުކަޒުތައް އެތަނުގައި ހުންނާކަށް ބޭނުމެއް ނުވެއެވެ.

ޓްރަމްޕް މި އެއްބަސްވުމަށް ނަންދެއްވާފައިވަނީ "އިންފިނިޓް ލައިފް" އެގްރީމަންޓުގެ ނަމުންނެވެ. މީގެ މާނައަކީ މިއީ ދުވަހަކުވެސް ނިމުމެއް ނެތް އެއްބަސްވުމެކެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނާ ގޮތުގައި، ގްރީންލޭންޑް ނުވަތަ ޑެންމާކުގެ ހުއްދައަކާ ނުލައި އިތުރު އަސްކަރީ މަރުކަޒުތައް ބިނާކުރުމުގެ ބާރު މި އެއްބަސްވުމުން އެމެރިކާއަށް ލިބެއެވެ. އަދި ކުރިމަގުގައި ގްރީންލޭންޑަކީ މިނިވަން ދައުލަތަކަށް ވީނަމަވެސް، މި އެއްބަސްވުން ދެމިއޮންނާނެއެވެ.
ގްރީންލޭންޑުގައި ހުރި މުއްސަނދި މައުދަނުތައް ނެގުމުގެ ހައްގާ ބެހޭގޮތުން ސީދާ ވާހަކައެއް ދެކެވިފައެއް ނުވެއެވެ. ނަމަވެސް، ޓްރަމްޕް ވިދާޅުވި "ހައްސާސީ އިންވެސްޓްމަންޓްތަކުގެ" މާނައަކީ މިއީ ކަމަށް ބައެއް މާހިރުން ގަބޫލުކުރެއެވެ. ސްމާޓްފޯނުން ފެށިގެން ފައިޓާ ޖެޓްތައް އުފެއްދުމަށް ބޭނުންވާ މައުދަނުތަކުގެ ބޮޑު ބައެއް މިހާރު ކޮންޓްރޯލް ކުރަނީ ޗައިނާއިން ކަމަށްވާއިރު، އެމެރިކާއިން ބޭނުންވަނީ މިފަދަ މައުދަނުތައް ލިބޭނެ އިތުރު މަގުތައް ހޯދުމަށެވެ.
ގްރީންލޭންޑާއި ޑެންމާކުން ބުނަނީ ކީކޭ؟
ގްރީންލޭންޑާއި ޑެންމާކުން މި އެއްބަސްވުން ގާއިމުކުރެވުނުކަން ކަށަވަރުކޮށްދިން ނަމަވެސް، އޭގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ. ގްރީންލޭންޑުގެ ބޮޑުވަޒީރު ޖެންސް-ފްރެޑްރިކް ނީލްސަން ވިދާޅުވީ މިއީ ގްރީންލޭންޑުގެ މަސްލަހަތުތައް ބަލައިގަންނަ، އަދި އެންމެންނަށް ފައިދާހުރި އެއްބަސްވުމެއް ކަމަށެވެ. ޑެންމާކުގެ ބޮޑުވަޒީރު މެޓޭ ފްރެޑްރިކްސަން ވިދާޅުވީ މިއީ ނޭޓޯއާއި ޔޫރަޕަށް ލިބުނު ކުރިއެރުމެއް ކަމަށާއި، މީގެ ސަބަބުން އާކްޓިކް ސަރަހައްދުގެ ސަލާމަތީ ކަންކަން ވަރުގަދަވެގެންދާނެ ކަމަށެވެ.
![ޖެނުއަރީ 25 ވަނަ ދުވަހު، ގްރީންލޭންޑްގެ ނޫކްގައި ސްނޯގެ ތެރޭގައި ފެންނަން ހުރި މީހުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތްތަކެއް. [ޝޯން ގަލަޕް/ގެޓީ އިމޭޖަސް]](http://voiceofmeedhoo.com/wp-content/uploads/2026/09/Screenshot_20-9-2026_13848_www.aljazeera.com_.jpeg)
ނޫނެކެވެ. މިއީ ގްރީންލޭންޑް އެއްކޮށް ގަތުމަށް ނުވަތަ މިލްކުކުރުމަށް ޓްރަމްޕް ކުރިން ގެންގުޅުއްވި ވިސްނުމާ އެއްގޮތް އެއްބަސްވުމެއް ނޫނެވެ. ޑެންމާކުގެ ބޮޑުވަޒީރު ވިދާޅުވީ މި އެއްބަސްވުމުގައި ޑެންމާކުގެ އިސްތިގުލާލާއި ގްރީންލޭންޑުގެ ރައްޔިތުންނަށް އަމިއްލަ އިޚްތިޔާރުގައި ކަންކަން ނިންމުމުގެ ހައްގު އޮންނާނެކަން ބަޔާންކޮށްފައިވާނެ ކަމަށެވެ.
އެމެރިކާއަށް މިހާރުވެސް ގްރީންލޭންޑުގައި އޮތީ ކޮން އަސްކަރީ ބާރުތަކެއް؟
1951 ވަނަ އަހަރުގެ މުއާހަދާއެއްގެ ދަށުން، އެމެރިކާއަށް ގްރީންލޭންޑުގައި އަސްކަރީ މަރުކަޒުތައް ހެދުމާއި، މަތިންދާބޯޓު ދުއްވުމުގެ ފުޅާ ދާއިރާއެއްގެ ހައްގުތަކެއް މިހާރުވެސް އޮވެއެވެ. މިހާރުވެސް އެމެރިކާގެ "ސްޕޭސް ފޯސް" ބޭހެއް ގްރީންލޭންޑުގެ ޕިޓޫފިކްގައި އޮޕަރޭޓް ކުރަމުންދެއެވެ.
އާ އެއްބަސްވުމުން ބަދަލުވާނީ ކޮން ކަމެއް؟
މިކަން އަދި ސާފެއް ނުވެއެވެ. ޓްރަމްޕް ވިދާޅުވީ އެމެރިކާއިން ވަގުތުން ގްރީންލޭންޑުގައި އަސްކަރީ ބާރު ގަދަކުރަން ފަށާނެ ކަމަށެވެ. ނަމަވެސް، ކުރީގެ މުއާހަދާގެ ދަށުންވެސް އެމެރިކާއަށް އެ ބާރު އޮވެއެވެ. މާހިރުން ދެކޭ ގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން ޓްރަމްޕް ބޭނުންފުޅުވި ގިނަ ކަންތައްތަކެއް ހާސިލުވީއެވެ. ގްރީންލޭންޑަކީ އެމެރިކާގެ ރަސްމީ ބައެއްގެ ގޮތުގައި ކަނޑަނޭޅުނު ނަމަވެސް، އޭނާ ބޭނުންވި ސަލާމަތީ އަދި އިގްތިސާދީ ކޮންޓްރޯލް މިހާރު ވަނީ ވަރަށް ބޮޑަށް ލިބިފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

