އާ ދިރާސާއަކުން ދައްކާގޮތުގައި، މާ ހޫނުކޮށް ސައި ނުވަތަ ކޮފީ ބުއިމަކީ ނުރައްކާތެރި ބާވަތެއްގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުކޮށްދޭ ކަމެކެވެ. އިނގިރޭސިވިލާތުގެ ގާތްގަނޑަކަށް އެއް މިލިއަން މީހުން ބައިވެރިކޮށްގެން ކުރި މި ދިރާސާއިން އެނގުނު ގޮތުގައި، "ވަރަށް ހޫނުކޮށް" ބުއިންތައް ބޯ މީހުންނަށް 'ސްކޭމަސް ސެލް ކާސިނޯމާ' (SCC) ޖެހުމުގެ ފުރުސަތު ތިންގުނަ އިތުރެވެ. މިއީ ކާތަކެތި ހިނގާ ހޮޅިއަށް ޖެހޭ ކެންސަރުގެ އާންމު ބާވަތެކެވެ.
'އިންޓަނޭޝަނަލް ޖާނަލް އޮފް ކެންސަރު' ގައި ޝާއިއުކޮށްފައިވާ މި ދިރާސާގައިވާ ގޮތުން، ދުވާލަކު ހައެއް ނުވަތަ އެއަށްވުރެ ގިނަ ހޫނު ބުއިން ބޯނަމަ މި ނުރައްކާ އިތުރަށް ބޮޑުވެއެވެ. ނަމަވެސް، ބުއިންތަކުގެ ހޫނުމިން ކުޑަކޮށްލުމުން މި ނުރައްކާތެރި ބަލިން ސަލާމަތްވުމުގެ ފުރުސަތު ބޮޑެވެ.
ބުއިންތަކުގެ ހޫނުމިނުން ކެންސަރުގެ ނުރައްކަލަށް ކުރާ އަސަރު
މި ދިރާސާގައި އިނގިރޭސިވިލާތުގެ 37 އަހަރާއި 73 އަހަރާ ދެމެދުގެ ގާތްގަނޑަކަށް އެއް މިލިއަން މީހުން ބައިވެރިވިއެވެ. ބައިވެރިން ބުއިންތައް ބޯން ބޭނުންވާ ހޫނުމިން "ތާފަނާ"، "ހޫނު" ނުވަތަ "ވަރަށް ހޫނު" މި ގޮތަށް ބަހާލައިގެން މަޢުލޫމާތު އެއްކުރެވުނެވެ. ދިހަ އަހަރަށްވުރެ ގިނަ ދުވަހު މި މީހުންގެ ސިއްހީ ހާލަތު ބެލުމަށްފަހު، ދިރާސާވެރިންނަށް ފާހަގަކުރެވުނީ "ވަރަށް ހޫނުކޮށް" ބުއިންތައް ބޯ މީހުންނަށް ކެންސަރު ޖެހުމުގެ ނުރައްކާ %217 އިތުރުވާ ކަމެވެ.
ފާހަގަކޮށްލެވޭ ކަމަކީ، މި ހޫނުމިނުގެ ސަބަބުން އަސަރުކުރަނީ ހަމައެކަނި SCC ބާވަތުގެ ކެންސަރަށް ކަމެވެ. ކާތަކެތި ހިނގާ ހޮޅިއަށް ޖެހޭ އަނެއް ބާވަތް ކަމަށްވާ 'އެޑިނޯކާސިނޯމާ' (AC) އަށް މިކަމުގެ އަސަރު މާބޮޑަށް ކުރާކަމަކަށް ނުދައްކައެވެ.
ހޫނުމިން ކުޑަކުރުމުން ނުރައްކާ ކުޑަވޭ
ޑޮކްޓަރުން ވިދާޅުވާ ގޮތުގައި މައްސަލައަކީ ކޮފީ ނުވަތަ ސައިގެ ބާވަތެއް ނޫނެވެ. ނަމަވެސް މައްސަލައަކީ އޭގައި ހުންނަ ގަދަ ހޫނެވެ. ކާތަކެތި ހިނގާ ހޮޅިއަކީ އަނގަޔާ ޚިލާފަށް ތަދު އިހުސާސްވާ މިންވަރު ކުޑަ ތަނަކަށްވުމުން، ހޮޅީގެ އެތެރޭގެ ދުލިފަށްތައް ފިހިގެންދާއިރުވެސް ގިނަ ފަހަރަށް އެކަން އިހުސާސް ނުވެދާނެއެވެ. މިގޮތަށް ތަކުރާރުކޮށް ހޫނުގެ ސަބަބުން ލިބޭ ގެއްލުންތަކަކީ ކެންސަރަށް މަގުފަހިވާ ކަމެކެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (WHO) އިން ބުނާ ގޮތުގައި 65 ޑިގްރީ ސެލްސިއަސްއަށް ވުރެ ހޫނުކޮށް ހުންނަ ބުއިންތަކަކީ ކެންސަރަށް މަގުފަހިވެދާނެ ތަކެއްޗެވެ. އެހެންކަމުން، ސައި ނުވަތަ ކޮފީ ތައްޔާރުކުރުމަށްފަހު ބުއިމުގެ ކުރިން މަދުވެގެން 3 މިނެޓާއި 5 މިނެޓާ ދެމެދުގެ ވަގުތެއް ހިހޫކުރަން ބެހެއްޓުމަކީ ރައްކާތެރި ގޮތެކެވެ. އާންމު އުސޫލަކުން ބަލާނަމަ، ބޯލާއިރު ދޫ ފިހޭވަރު ނުވަތަ އައްސިވާވަރުވާނަމަ، އެއީ ކާތަކެތި ހިނގާ ހޮޅިއަށް ގެއްލުންދޭ މިންވަރަށް ހޫނު ބުއިމެކެވެ.
އެހެންނަމަވެސް، ކެންސަރުގެ ނުރައްކާ އެންމެ ބޮޑަށް އިތުރުކުރާ ކަންކަމަކީ ދުންފަތުގެ އިސްތިއުމާލުކުރުމާއި، ބޮޑަށް ފަލަވުމާއި، އަދި ގިނައިން ރާބުއިން ފަދަ ކަންކަން ކަމުގައި ސިއްހީ މާހިރުން ފާހަގަކުރެއެވެ.
މައުލޫމާތު: ހެލްތުލައިން . ކޮމް
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

