ފްރާންސްގެ މަޖައްލާއެއް ކަމަށްވާ 'ލެކިއުޕް' އަށް ދިން އިންޓަވިއުއެއްގައި ކީލިއަން އެމްބާޕޭ ވަނީ، ނިމިދިޔަ ސީޒަނުގައި އޭނާއަށްވުރެ މޮޅު ކުޅުންތެރިއަކު ނެތް ކަމަށް ބުނެ، މިއަހަރުގެ ބެލޮންޑިއޯ އެވޯޑަށް ކެމްޕޭން ކޮށްފައެވެ.

އެންމެ ފަހުން ބޭއްވި ފީފާ ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ އެމްބާޕޭއެވެ. އިންފްރާޑިވިޖުއަލް ތަފާސްހިސާބުތަކަށް ބަލާއިރު އޭނާގެ ކުޅުން ވަރަށް ފުރިހަމަ ނަމަވެސް، އޭނާއަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ އެއްވެސް މުބާރާތެއްގެ ތަށި ކާމިޔާބު ނުކުރެވުމެވެ. ޓީމު އިވެންޓަކުން ތައްޓެއް ނުލިބި ބެލޮންޑިއޯ ކާމިޔާބު ކުރުމަކީ އާންމު ކަމެއް ނޫން ނަމަވެސް، 2013 ވަނަ އަހަރު ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ އެފަދަ ހާލަތެއްގައި އެވޯޑު ހާސިލުކޮށްފައެވެ.
"އަހަރެން އަބަދުވެސް ގަބޫލުކުރަނީ ބެލޮންޑިއޯއަކީ އެހެން ކުޅުންތެރިންނާ ތަފާތު މޮޅު ކުޅުމެއް ދައްކާ ކުޅުންތެރިއަކަށް ދޭންޖެހޭ އެވޯޑެއް ކަމަށް. ފުޓްބޯޅައަކީ ޓީމު ކުޅިވަރަކަށް ވުމުން ޓީމުގެ ކާމިޔާބީ މުހިންމުވި ނަމަވެސް، މިއީ އަމިއްލަ ހުނަރަށްދޭ އެވޯޑެއް. މެސީ އާއި ރޮނާލްޑޯގެ ޒަމާނުން ފެށިގެން ބެލޮންޑިއޯއާ މެދު އަހަރެން ދެކޭގޮތަކީ، މިއީ އާދައިގެ ކުޅުންތެރިންނަށް ލިބޭ އެވޯޑެއް ނޫން ކަމާއި، މިއީ ހަގީގަތުގައިވެސް ތަފާތު ދައްކާ ކުޅުންތެރިންނަށް ހައްގު އެވޯޑެއް ކަން. އަދި މިއަހަރު އަހަރެން ދައްކާފައިވާ ކުޅުމަކީ އެހެން ކުޅުންތެރިންނާ އަޅާބަލާއިރު ތަފާތު ކުޅުމެއް ކަމަށް އަހަރެން ގަބޫލުކުރަން. އެހެންކަމުން މި އެވޯޑު އަހަންނަށް ލިބިދާނެ ކަމަށް އުންމީދު ކުރަން،"
އެމްބާޕޭ ބުންޏެވެ.
“ ޒުވާން ކުޅުންތެރިންގެ ތެރެއިން އަހަންނަށް ލަމީން ޔަމާލް ވަރަށް ކަމުދޭ. އޭނާގެ ކިބައިގައި ހުރިހާ ހުނަރެއް އެބަހުރި.”
އެމްބާޕޭ ވަނީ ޔަމާލަށް ތައުރީފުކުރަމުން ބުނެފައިވެއެވެ. ނަމަވެސް އޭނާ އެކަން ކުރީ ކުރިއަރަމުން އަންނަ ޒުވާން ކުޅުންތެރިއެއްގެ ގޮތުގައެވެ.
ނަމަވެސް، ބެޓިން ސައިޓުތަކުން އެމްބާޕޭ ދެކޭ ގޮތާއި މެދު ދެކެނީ ތަފާތު ގޮތަކަށެވެ. އެ ސައިޓުތަކުން ލަފާކުރާ ގޮތުގައި އެވޯޑު ލިބުމުގެ އެންމެ ފުރުސަތު ބޮޑީ ބަޔާން މިއުނިކްގެ ހެރީ ކޭންއަށެވެ. ދެވަނައަށް ބާސެލޯނާގެ ލަމީން ޔަމާލް އޮތްއިރު، އެމްބާޕޭ އޮތީ ތިންވަނައިގައެވެ.
އަމިއްލަ ނަފްސަށް އޮތް އިތުބާރާއެކުވެސް، އެމްބާޕޭ ވަނީ އޭނާ ނޫން އެހެން މީހަކަށް ވޯޓު ދޭން ބޭނުންވާ މީހުންގެ ވިސްނުންވެސް ބަލައިގަންނަ ކަމަށް ބުނެފައެވެ.
އެހެންނަމަވެސް، އޭނާ ބުނި ގޮތުގައި މިއަހަރުގެ ވާދަވެރިކަމާއި ކުޅުންތެރިންގެ ކުޅުމަށް ފުންކޮށް ބަލައިފިނަމަ، އޭނާއަށް ބެލޮންޑިއޯ ލިބުމަކީ ބޭއިންސާފަކަށް ނުވާނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

