މީގެ ދުވަސްކޮޅެއް ކުރީން ދިވެހިރާއްޖޭގެ ކުޅިވަރުގެ ތާރީޚުގައި އައްޑޫ ސިޓީ މީދޫއަކީ ފާހަގަކޮށްލެވޭ ފަދަ ހުނަރުވެރި އެތައް ވޮލީ ކުޅުންތެރިންނެއް އުފެދިފައިވާ ރަށެކެވެ.
މީގެ ތެރެއިންވެސް ވޮލީބޯޅައިގެ ދާއިރާއިން މީދޫގެ ނަން މުޅި ރާއްޖެއަށް ރަން އަކުރުން ފަވާލަދިން އެއް ބަޠަލަކީ އިބްރާހިމް ޖަމާލެވެ. އޭނާއަކީ މިހާތަނަށް މީދޫގައި އުފެދުނު އެންމެ މޮޅު، އަދި އެންމެ ހުނަރުވެރި ވޮލީބޯޅަ ސެޓަރެވެ.
އިބްރާހިމް ޖަމާލުގެ ވޮލީ ކެރިއަރަކީ ކާމިޔާބީތަކުން ފުރިގެންވާ ދިގު ރާސްތާއެކެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވުނު ވޮލީ މުބާރާތްތަކާއި ފޯރިގަދަ ރިސޯޓް ވޮލީ މުބާރާތްތަކުގައި ތަފާތު އެކި ޓީމުތަކަށް ކުޅެ، އޭނާ ވަނީ ގުނާ އަދަދު ނުކުރެވޭހާ ގިނަ ކާމިޔާބީތައް ހޯދައިދީފައެވެ. ކުޅުނު ކޮންމެ ޓީމެއްގައިވެސް ވިސްނުންތެރި ކުޅުމާއެކު، އޭނާ ވެގެންދިޔައީ އިދިކޮޅު ޓީމުތަކަށް ބޮޑު ގޮންޖެހުމަކަށް ވާވަރުގެ މޮޅު ސެޓަރަކަށެވެ. އެގޮތުން މީދޫގެ އިތުރުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބޭއްވުނު ބޮޑެތި މުބާރާތްތަކުގައި ވާދަކޮށް، އެންމެ މޮޅު ސެޓަރުގެ މަޤާމު އޭނާ ވަނީ އެތައް ފަހަރަކު ހާސިލުކޮށްފައެވެ.
ރަށު ފެންވަރުގައާއި އަތޮޅު ފެންވަރުގައި ބެލިނަމަވެސް، މީދޫ ޓީމަށް ރީތި ނަމާއި ކާމިޔާބީ ހޯދައިދިނުމުގައި ޖަމާލުގެ ޙިއްޞާ ވަރަށް ބޮޑެވެ. އައްޑޫ ސިޓީގައި ބޭއްވުނު ތަފާތު ވޮލީ މުބާރާތްތަކުގެ އިތުރުން، މާލޭގައި ބޭއްވުނު ޤައުމީ ފެންވަރުގެ އަތޮޅު ވޮލީ މުބާރާތުގެ ފައިނަލް ބުރުގައި މީދުން ބައިވެރިވި އެފްއެމްޑީގެ ޓީމަށް ޗެމްޕިއަންކަން ހޯދައިދިނުމުގައި އޭނާ އަދާކުރީ ޓީމުގެ މައިބަދައިގެ ދައުރެވެ. ހަމައެއާއެކު، އަވަށްޓެރި ފުވައްމުލަކުގައި ބޭއްވުނު ވާދަވެރި ފުވައްމުލައް ސިޓީ ވޮލީ މުބާރާތުގައި މީދޫ ޓީމަށް ތަށި އުފުލައިދިނުމުގައިވެސް އިބްރާހިމް ޖަމާލުގެ މުހިންމު ދައުރު ފާހަގަކޮށްލަން ޖެހެއެވެ.
އިބްރާހިމް ޖަމާލުގެ ކުޅިވަރު ޙަޔާތުގެ އެންމެ ޚާއްޞަ އަދި ތާރީޚީ ކާމިޔާބީއަކީ، މީދޫގައި އުފެދުނު ވޮލީ ކުޅުންތެރިންގެ ތެރެއިން ދިވެހިރާއްޖޭގެ ޤައުމީ ވޮލީ ޓީމުން ޖާގަ ހޯދި ހަމައެކަނި ކުޅުންތެރިޔާގެ ޝަރަފު އޭނާއަށް ލިބިފައިވުމެވެ. މިއީ މުޅި މީދޫއަށާއި މުޅި އަތޮޅަށްވެސް ލިބުނު ވަރަށް ބޮޑު ފަޚުރެކެވެ.
ޚުލާޞާކޮށް ދަންނަވާނަމަ، އިބްރާހިމް ޖަމާލަކީ ހުނަރުވެރިކަމާއި، އަޚްލާޤާއި، ކުޅިވަރުގެ ރޫޙު އެކުލެވިގެންވާ ނަމޫނާ ކުޅުންތެރިއެކެވެ. އޭނާ ވޮލީ ކޯޓުގައި ދެއްކި މޮޅު ކުޅުމާއި ހޯދި ކާމިޔާބީތަކަކީ މިއަދުވެސް އަދި ކުރިއަށް އޮތް ޖީލުތަކަށްވެސް މީދޫގެ ވޮލީ ތާރީޚުން ފޮހެވިގެން ނުދާނެ އަގުހުރި ޚިދުމަތްތަކެކެވެ.








ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

