ދަރިން ތަރުބިއްޔަތު ކުރުމުގައި އަޚުލާޤާއި ޢިލްމު މުހިންމުވާ ފަދައިން ރޫޙާނިއްޔަތުގެ ބޭނުން ވެސް ނުހަނު ބޮޑުކަމަށް އިއްޔެގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.
އިއްޔެގެ ހުކުރު ޚުތުބާގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ރޫޙާނިއްޔަތުގެ އަސާސަކީ އިންސާނާއާއި އޭނާގެ ވެރި، ރަސްކަލާނގެއާ ދެމެދު އޮންނަ މަތިވެރި ގުޅުމެވެ. އެހެންކަމުން ދަރިން ތަރުބިއްޔަތު ކުރުމުގައި މި ގުޅުން ވަރުގަދަކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
މި މަތިވެރި ގުޅުން ދަރިންގެ ހިތްތަކުގައި ބިނާކޮށް ވަރުގަދަކުރުމަށް ބާރުއަޅުއްވައި، ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވާ ބަސްފުޅެއް ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "مُرُوْا أَوْلَادَكُمْ بِالصَّلَاةِ وَهُمْ أَبْنَاءُ سَبْعِ سِنِيْنَ وَاضْرِبُوْهُمْ عَلَيْهَا وَهُمْ أَبْنَاءُ عَشْرٍ" މާނައީ: "ތިޔަބައިމީހުންގެ ދަރީންނަށް، ހަތް އަހަރުވުމުން ނަމާދުކުރުމަށް އެ ކުދީންނަށް އަމުރުކުރާށެވެ. އަދި ދިހަ އަހަރުވުމުން (އެ ކުދީން ނަމާދުނުކުރާ ނަމަ)، އަނިޔާނުވާ ގޮތަށް، އެ ކުދީންގެ ގައިގައި ޖަހައި އަދަބުދޭށެވެ."
މި ޙަދީޘްފުޅުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ޚުތުބާގައި ވިދާޅުވީ، ފަރުޟު ފަސް ނަމާދު ފަދަ މަތިވެރި ދީނީ ޝިޢާރުތަކަށް ދަރިން އަހުލުވެރިކޮށް، އެ ކަންކަމަށް ރައްކާތެރިވުމަށް ހޭނުވުމަކީ މައިންބަފައިންގެ ކޮނޑުގައި އެޅިފައިވާ ވަރަށް ބޮޑު ވާޖިބެއް ކަމެވެ. އަދި އެކަމަށްޓަކައި އަދަބުދޭންޖެހޭ ޙާލަތްތަކުގައި (އަނިޔާނުވާނޭ ގޮތުގެ މަތިން) އަދަބުދީގެން ވެސް، ނަމާދު ފަދަ ރުކުންތަކަށް ދަރިން އަހުލުވެރިކުރުވަން ޖެހޭނެކަން މި ޙަދީޘްފުޅުން ސާފުކޮށް އެނގިގެންދާ ކަމަށް ޚުތުބާގައި ބަޔާންކުރެއްވިއެވެ.
މީގެ އިތުރުން، ދަރިންގެ ކިބައިގައި ރިވެތި އަޚުލާޤު އަށަގެންނެވުމާ އެކުއެކީގައި، ﷲ ތަޢާލާއަށް ބިރުވެތިވާ، ރޫޙާނީ ގޮތުން ވަރުގަދަ ބައެއްގެ ގޮތުގައި އެކުދިން ބޮޑެތިކުރުމަށް ސަމާލުކަން ދިނުމަށް މިއަދުގެ ޚުތުބާގައި ވަނީ ހުރިހާ މައިންބަފައިންނަށާއި ބަލަދުވެރިންނަށް ގޮވާލައްވާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

