ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ހެޔޮލަފާ މުޖުތަމަޢެއް ބިނާކުރުމުގެ މަޤްޞަދުގައި، "އަޅުކަމަކީ އަޚުލާގުގެ ބިންގާ" މި މަޢުޟޫޢަށް ޚާއްޞަ ދީނީ ދަރުސެއް މިރޭ އައްޑޫ މީދޫގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މީދޫ ޔޫސުފް ނާއިބު ފައުންޑޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ މި ދަރުސް އޮންނާނީ މިރޭ (ހުކުރު ދުވަހުގެ ރޭ) 20:30 ގައެވެ.
ދަރުސް ކުރިއަށްދާނީ މީދޫ ޝަމްސުއްދީން ސެންޓަރ ފޯރ އިސްލާމިކް ސްޓަޑީޒް (މަޢުޞޫމް ހިންގާ ޤުރުއާން ކްލާސް ހިންގާ އިމާރާތުގެ ގޯތި ތެރޭގައި) ގައެވެ.
މިރޭގެ މި ޚާއްޞަ ޕްރޮގްރާމްގައި ދަރުސް ދެއްވާނީ ރާއްޖޭގައި ދީނީ ދަރުސްތައް ދެއްވުމުގައި މަޤްބޫލު އަދި މަޝްހޫރު ޢިލްމުވެރިޔާ އައްޝެއިޚް ޢަބްދުއްސަލާމް ބިން ދާވޫދެވެ.

މި ދަރުސްގައި އަޅުކަމާއި ރިވެތި އަޚްލާޤާ ދެމެދު އޮތް ގުޅުމުގެ މައްޗަށާއި، ދިރިއުޅުން އިޞްލާޙުކުރުމަށް އަޅުކަމުގެ ދައުރާ ގުޅޭގޮތުން މުހިންމު ނުކުތާތަކެއްގެ މައްޗަށް އަލިއަޅުއްވާލައްވާނެއެވެ.
މި ދަރުސް އިންތިޒާމްކުރާ ފަރާތް ކަމުގައިވާ ޔޫސުފް ނާއިބު ފައުންޑޭޝަނުން ވަނީ، މި އަގުހުރި ދަރުސް އަޑުއެއްސެވުމަށްޓަކައި ހުޅުދޫ އަދި މީދޫގެ ވީހާވެސް ގިނަ ލޮބުވެތި އަޚުންނާއި އުޚުތުން ވަޑައިގެން ދެއްވުމަށް ވަރަށް ބޮޑަށް އެދިލައްވާފައެވެ.
ދަރުސް އަޑުއެހުމަށް ވަޑައިގެންނެވުމަކީ ޢިލްމު ހޯދުމަށް ކުރެވޭ މަތިވެރި އަޅުކަމަކަށް ވުމާއެކު، މިފަދަ ދީނީ ޙަރަކާތްތަކުގައި ބައިވެރިވުމަކީ ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ލިބި، ދީނީ މަޢުލޫމާތު މުއްސަނދިވެގެންދާނެ ކަމެކެވެ. ވީމާ، އެންމެހައި ލޮބުވެތި ރައްޔިތުން މިރޭގެ ދަރުސަށް ވަޑައިގެން ދެއްވުމަކީ މި ޕްރޮގްރާމް އިންތިޒާމުކުރާ ފަރާތުގެ ވަރަށް ބޮޑު އެދުމެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

