ލޭގެ ޕްރެޝަރު ދަށްކުރުމަށް އެހީތެރިވެދޭ 8 ކާނާއަކާއި، ޕްރެޝަރު ކުއްލިއަކަށް މައްޗަށް ދިއުމަށް މެދުވެރިވާ 4 ކާނާއެއް ތިރީގައި އެވަނީއެވެ.
ދޮންކެޔޮ

ޕްރެޝަރާ ގުޅޭ ދިރާސާތަކުން ދޮންކެޔޮ ފާހަގަކުރެވެނީ އޭގައި އެކުލެވޭ މުހިންމު މާއްދާތަކުގެ ސަބަބުންނެވެ. މެދު ސައިޒެއްގެ ދޮންކޭލެއްގައި ގާތްގަނޑަކަށް 400 އާއި 450 މިލިގްރާމްގެ ޕޮޓޭސިއަމް އެކުލެވިގެންވެއެވެ. މީގެ އިތުރުން ފައިބަރާއި މެގްނީޒިއަމް ވެސް ކޮންމެވެސް މިންވަރަކަށް ހުރެއެވެ. ޕޮޓޭސިއަމްއަކީ ލޭގެ ހިނގުމުގެ ނިޒާމަށް ސޯޑިއަމް ނުވަތަ ލޮނުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާ ދެކޮޅަށް މަސައްކަތްކުރާ މާއްދާއެކެވެ. 2025 ވަނަ އަހަރު ޔުނިވަރސިޓީ އޮފް ވޯޓަރލޫއިން ހެދި ދިރާސާއަކުން ދައްކާގޮތުގައި، ކާނާގައި ޕޮޓޭސިއަމް ގިނަކުރުމަކީ ހަމައެކަނި ލޮނު މަދުކުރުމަށްވުރެ ލޭގެ ޕްރެޝަރު ދަށްކުރުމަށް ލިބޭ ބޮޑު އެހީއެކެވެ.
ފަތްޕިލާވެލި

ކޮޕީފަތް، ބްރޮކޮލީ އަދި ބަޗީ ފަދަ ފަތްތަކަކީ ޕޮޓޭސިއަމް އާއި މެގްނީޒިއަމްއިން މުއްސަނދިވެފައިވާ ތަކެއްޗެވެ. މި މާއްދާތަކުގެ ސަބަބުން ލޭހިނގާ ހޮޅިތައް ބާރުވުމުގެ ބަދަލުގައި ހަމައަކަށް އެޅި ލޭ ދައުރުވުމަށް ފަސޭހަވެއެވެ. ކޮންމެ ދުވަހަކު ބޭނުންކުރާ ކާނާގައި ޕޮޓޭސިއަމް އިތުރުކުރުމަކީ ލޭގެ ޕްރެޝަރު ދަށްކުރުމަށް ސީދާ އެހީތެރިވެދޭ ކަމެކެވެ.
ބީޓްރޫޓް

ބީޓްރޫޓްގައި އެކުލެވޭ 'ނައިޓްރޭޓްސް' ހަށިގަނޑުގެ ތެރޭގައި 'ނައިޓްރިކް އޮކްސައިޑް' އަށް ބަދަލުވެއެވެ. މީގެ ސަބަބުން ލޭހިނގާ ހޮޅިތައް ފުޅާވެ، ހިތުން ލޭ ފޮނުވައިދިނުމަށް ކުރަންޖެހޭ މަސައްކަތް ލުއިވެގެންދެއެވެ. ބީޓްރޫޓް ބޭނުންކުރުމުން އޭގެ ނަތީޖާ ވަރަށް އަވަހަށް، މަދު ގަޑިއިރުތަކެއްގެ ތެރޭގައި ފެންނަން ފަށާކަމަށް ދިރާސާތަކުން ދައްކައެވެ.
ތެޔޮ މަސް

(ސަލްމަން) އާއި ކަނޑުމަސް ފަދަ ތެޔޮ ހުންނަ މަހަކީ 'އޮމެގާ-3' ފެޓީ އެސިޑް ގިނަ އަދަދަކަށް އެކުލެވޭ ބާވަތްތަކެކެވެ. މި މާއްދާއަކީ ހިތުގެ ދުޅަހެޔޮކަމަށް ވަރަށް މުހިންމު އަދި ލޭގެ ޕްރެޝަރު ދަށްކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. ހަފުތާއަކު ދެތިން ފަހަރު ރަތް މަހުގެ ބަދަލުގައި މިފަދަ މަސް ބޭނުންކުރުމަކީ ހިތުގެ ސިއްހަތަށް ލިބޭ ބޮޑު ކުރިއެރުމެކެވެ.
ސްޓްރޯބެރީ

ސްޓްރޯބެރީ ފަދަ މޭވާތަކުގައި އެކުލެވޭ 'ފްލޭވޮނޮއިޑްސް' އަކީ ލޭހިނގާ ހޮޅިތަކުގެ މަސައްކަތް ހަރުދަނާކޮށްދޭ މާއްދާއެކެވެ. މިއީ ސިއްހަތަށް ފައިދާހުރި، ލުއިކާނާއެއްގެ ގޮތުގައި ނުވަތަ ހެނދުނުގެ ނާސްތާގައި ހިމަނާލަން ވަރަށް ރަނގަޅު މޭވާއެކެވެ.
އިނގުރު/ލޮނުމެދު

ލޮނުމެދުގައި އެކުލެވޭ 'އެލިސިން' ކިޔާ މާއްދާއެއްގެ ސަބަބުން ލޭހިނގާ ހޮޅިތަކަށް ލުއިކަން ލިބި، ލޭގެ ޕްރެޝަރު ދަށްކޮށްދެއެވެ. ކައްކާއިރު ލޮނުމެދު ބޭނުންކުރުމަކީ ފައިދާހުރި ކަމެއް ނަމަވެސް، އޭގެ އެންމެ ފުރިހަމަ ނަތީޖާ ފެންނަނީ ސަޕްލިމެންޓްގެ ގޮތުގައި ބޭނުންކުރުމުން ކަމަށް ބައެއް ދިރާސާތަކުން ބުނެއެވެ.
އެވަކާޑޯ

އެވަކާޑޯއަކީ ޕޮޓޭސިއަމް، މެގްނީޒިއަމް، ފައިބަރ އަދި ސިއްހަތަށް ފައިދާހުރި ފެޓް އެކުލެވޭ ވަރަށް މަދު ކާނާތަކުގެ ތެރެއިން އެކެކެވެ. އެއް އެވަކާޑޯގައި ގާތްގަނޑަކަށް 690 މިލިގްރާމްގެ ޕޮޓޭސިއަމް ހުރެއެވެ. މިއީ ދޮންކޭލަށްވުރެ ވެސް ގިނަ މިންވަރެކެވެ. ބަޓަރުގެ ބަދަލުގައި އެވަކާޑޯ ބޭނުންކުރުމަކީ ހިތުގެ ބަލިތަކުން ދުރުވުމަށް އެހީތެރިވެދޭނެ ކަމެކެވެ.
އޯޓްސް

އޯޓްސްގައި އެކުލެވޭ ފައިބަރުގެ ސަބަބުން ލޭގެ ޕްރެޝަރާއި ކޮލެސްޓްރޯލް ދަށްކުރުމަށް އެހީތެރިވެދެއެވެ. އޯޓްސްއަކީ އާންމުކޮށް ލޮނުގެ މިންވަރު ވަރަށް މަދު އެއްޗެކެވެ. ހެނދުނުގެ ނާސްތާއަށް އޯޓްސް އާއި ބެރީޒް އެއްކޮށްލައިގެން ބޭނުންކުރުމަކީ ލޭގެ ޕްރެޝަރު ހަމައަކަށް އެޅުވުމަށް ކުރެވިދާނެ ވަރަށް ރަނގަޅު ކަމެކެވެ.
ލޭގެ ޕްރެޝަރު ކުއްލިއަކަށް މައްޗަށް ޖައްސާލާ ކާނާ:
ޕްރޮސެސްކޮށްފައިވާ މަހުގެ ބާވަތްތައް

މަސްދަޅު، ސޮސެޖް އަދި އެކި ބާވަތްތަކުގެ ފިނިކުރި މަހަކީ ގިނަ ދުވަހު ބެހެއްޓުމަށްޓަކައި ގިނަ އަދަދަކަށް ލޮނު އަޅާފައިވާ ތަކެއްޗެވެ. މިފަދަ ކާނާ ބޭނުންކުރުމުން ލޭހިނގާ ހޮޅިތައް ހަނިވެ، ހިތުން ލޭ ފޮނުވުމަށް އިތުރު ބާރެއްލާން ޖެހުމުގެ ސަބަބުން ލޭގެ ޕްރެޝަރު ވަރަށް އަވަހަށް މައްޗަށް ދެއެވެ.
ދަޅުގައި ހުންނަ ސޫޕް

ކައްކަން ފަސޭހަވި ނަމަވެސް، ދަޅުގައި ބަންދުކޮށްފައި ހުންނަ ސޫޕްތަކުގައި ނުހަނު ގިނަ އަދަދަކަށް ލޮނު ހުރެއެވެ. ސޫޕަކީ ދިޔާ އެއްޗަކަށްވުމުން، އޭގައި ހުންނަ ލޮނު ނުވަތަ ސޯޑިއަމް ވަރަށް އަވަހަށް ލޭގެ ތެރެއަށް ދަމައިގަނެ، ޕްރެޝަރު މައްޗަށް ޖައްސާލައެވެ.
ފާސްޓް ފުޑް

ފާސްޓް ފުޑްގެ އެންމެ ކެއުމަކުން ވެސް މުޅި ދުވަހު ބޭނުންކުރަންޖެހޭ ލޮނުގެ މިންވަރަށްވުރެ ގިނައިން ހަށިގަނޑަށް ލޮނު އެތެރެވެއެވެ. މީގެ ސަބަބުން ހަށިގަނޑުގައި ފެން ހިފަހައްޓައި، ލޭގެ މިންވަރު (ވޮލިއުމް) އިތުރުވެ، ހިތަށް ބާރުބޮޑުވެއެވެ. ގަވާއިދުން ފާސްޓް ފުޑް ކާ މީހުންނަށް ލޭގެ ޕްރެޝަރު މަތިވުމުގެ ފުރުސަތު %27 އިތުރެވެ.
ލޮނުގަދަ ލުއިކާނާ

ޗިޕްސް އާއި ކްރެކާސް ފަދަ ތަކެއްޗަކީ އާންމުކޮށް ގިނަ އަދަދަކަށް ކެވޭ އެއްޗެހި ކަމުން، ހަށިގަނޑަށް އެތެރެވާ ލޮނުގެ މިންވަރު ބޮޑުތަނުން އިތުރުވެގެންދެއެވެ. މީގެ ބަދަލުގައި ލޮނު މަދުކޮށް ހުންނަ ބާވަތްތައް ހިޔާރުކުރުމަކީ މުހިންމު ކަމެކެވެ.
ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމަށްޓަކައި، ލޮނާއި ޕްރޮސެސްކޮށްފައިވާ ކާނާގެ ބަދަލުގައި، ޕޮޓޭސިއަމް އާއި ފައިބަރު ގިނަ، ތާޒާ ކާނާ އިސްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

