17 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ވޯލްޑް ޗެމްޕިއަންޝިޕްގައި އެއްވެސް މެޗަކުން ބަލިނުވެ، އީރާނުން މުބާރާތުގެ ތަށި ފުރަތަމަ ފަހަރަށް އުފުލާލައިފިއެވެ. މި މުބާރާތުގެ ތިންވަނަ ނުވަތަ ލޯ މެޑަލް ކާމިޔާބުކުރީ އާޖެންޓީނާ ބަލިކުރި ބްރެޒިލްއެވެ.
ދޯހާގައި ކުރިއަށްދިޔަ މި މުބާރާތުގެ ފައިނަލް މެޗުގައި އީރާނުން ފްރާންސް ބަލިކުރީ 3-1 ސެޓުންނެވެ. މެޗުގެ ސެޓުތައް ދިޔައީ 25-18، 25-15، 22-25 އަދި 25-12 އިންނެވެ. މިއީ މުޅި މުބާރާތުގައިވެސް އީރާނުން ހޯދި އެންމެ މުހިންމު އަދި އެންމެ ފުރިހަމަ މޮޅެވެ.

ފައިނަލް މެޗުގެ ފުރަތަމަ ދެ ސެޓުގައި އީރާނުން ވަނީ މޮޅު ކުޅުމެއް ދައްކައި ބޮޑު ލީޑެއް ނަގާފައެވެ. ސެޓަރު އަކާމް އިބްރާހީމްނެޖާދު ބޯޅަ ބަހައިދިން ގޮތުން، ސީނާ ހަޒްރާތީ، އާރަޝް އަޝްރަފީ އަދި އަޒްވާން ނަމާޒީއަށް ފްރާންސްގެ ޑިފެންސް ފޫއަޅުވާލުމަށް ފަސޭހަވިއެވެ. އީރާނުގެ ހަމަލާތަކުގެ އިތުރުން ސާވިސްތައްވެސް ފާހަގަކޮށްލެވުނެވެ. މީގެ ސަބަބުން ފްރާންސްގެ ކުޅުންތެރިންނަށް ބޮޑު ޕްރެޝަރެއް ކުރިމަތިވިއެވެ.
ފްރާންސްއަށް އުއްމީދެއް ލިބުނީ ތިންވަނަ ސެޓު 25-22 އިން ކާމިޔާބު ކުރުމުންނެވެ. މި ސެޓުގައި އެޓީމުގެ އެންޓޮނިން ބޮނާޑް އާއި އެންޒޯ ސަވާލީ މޮޅު ކުޅުމެއް ދެއްކިއެވެ. ނަމަވެސް ހަތަރުވަނަ ސެޓުގައި އީރާނުން އަލުން މެޗުގެ ކޮންޓްރޯލް އަތުލައި، 25-12 ގެ ބޮޑު ތަފާތަކުން ސެޓު ކާމިޔާބުކޮށް ތަށި ކަށަވަރުކުރިއެވެ.

މި މެޗުގައި އީރާނަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 19 ޕޮއިންޓާއެކު ހަޒްރާތީއެވެ. އަޝްރަފީ 17 ޕޮއިންޓް ހޯދައިދިންއިރު، ނަމާޒީ ވަނީ 16 ޕޮއިންޓް ހޯދައިދީފައެވެ. ފްރާންސް ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 22 ޕޮއިންޓް ހޯދައިދިން ބޮނާޑްއެވެ.
މުބާރާތުގެ ތިންވަނަ ހޮވި މެޗުގައި ބްރެޒިލްއިން ވަނީ އާޖެންޓީނާގެ މައްޗަށް 3-1 ސެޓުން ކުރިހޯދާފައެވެ. ފުރަތަމަ ސެޓު އާޖެންޓީނާއިން ގެންގޮސްފައިވަނިކޮށް، ބްރެޒިލްއިން ވަނީ ފަހަތުން އަރައި ޖެހިޖެހިގެން ތިން ސެޓު (25-17، 25-18، 25-13) ކާމިޔާބުކޮށްފައެވެ. ބްރެޒިލްގެ މި މޮޅުގައި އެޓީމުގެ ބްލޮކިންގް ގޭމް މުހިންމު ދައުރެއް އަދާކުރިއެވެ.

ކާމިޔާބީއަށްފަހު އީރާނުގެ ހަޒްރާތީ ބުނީ، މިއީ މުޅި ޓީމުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށާއި، ފްރާންސްގެ ސާވިސް އަދި ޑިފެންސްއަށް ވަރަށް ބޮޑަށް ތައްޔާރުވި ކަމަށެވެ. އަދި އާއިލާ އާއި ސަޕޯޓަރުންގެ ފަރާތުން ލިބުނު ހިތްވަރަށް އޭނާ ޝުކުރު އަދާކުރިއެވެ.
ބްރެޒިލްގެ ކެޕްޓަން ޕެޑްރޯ ބާލިޓްޒް ފާހަގަކުރި ގޮތުގައި، ސަރަހައްދީ ވާދަވެރި އާޖެންޓީނާ އަތުން މި މުބާރާތުގައި ތިންވަނަ ފަހަރަށް މޮޅުވެ، މެޑަލްއަކާއެކު މުބާރާތް ނިންމާލެވުމަކީ ލިބުނު ބޮޑު ފަޚުރެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

