ސަރުކާރުގެ އެކި ވުޒާރާތަކާއި ކުންފުނިތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއަށް މުހިންމު ގިނަ މަޝްވަރާތަކެއް ކުރެއްވުމަށްފަހު، އައްޑޫ މީދޫ ކައުންސިލްގެ ރައީސް އަޙްމަދު ޝާޠިރު މާލެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރަށަށް ވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި މީދޫގެ އިޤްތިޞާދީ، އިޖުތިމާޢީ އަދި ޢުމްރާނީ ތަރައްޤީއާ ގުޅުންހުރި މުހިންމު ދާއިރާތަކުން ސަރުކާރުގެ އިދާރާތަކާ ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުން
މިގޮތުން ، މީދޫގެ ދަނޑުވެރިކަން ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން، ވަޒީރު އަޙްމަދު ޝިޔާމްއާ ބައްދަލުކުރައްވައި ޝާޠިރު ވަނީ މަޝްވަރާ ކުރައްވާފައެވެ. މި ބައްދަލުވުމުގައި ޕީއެންސީގެ މީދޫ ދާއިރާގެ ރައީސާ ޔަމްނާ ވަޙީދު ވެސް ބައިވެރިވެވަޑައިގެން، ރަށުގެ ތަރައްޤީގެ ޕްރޮޖެކްޓްތަކާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރެއްވިއެވެ.
މީގެއިތުރުން، ޝާޠިރު އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) އާއެކު ބޭއްވި ބައްދަލުވުމުގައި، މީދޫގައި ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމާއި، ދަނޑުވެރިން އުފައްދާ ތަކެތި ފަސޭހައިން މާކެޓްކުރެވޭނެ އިންތިޒާމުތަކާއި، ދަނޑުވެރިކަމަށް ބޭނުންވާ ގަސްކާނާ އަދި ބޭސް ފަސޭހަކަމާއެކު ލިބޭނެ މަގުފަހިކުރުމާ ގުޅޭގޮތުން ވަނީ އަލިއަޅުއްވާލައްވާފައިވެއެވެ.

ޢުމްރާނީ ތަރައްޤީ އަދި މަގުހެދުމުގެ މަޝްރޫޢު
މީދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ސަރުކާރުން ކުރިއަށްގެންދަވާ މަޝްރޫޢާ ގުޅޭގޮތުން މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓްގެ އިސްވެރިންނާވެސް ޝާޠިރު ވަނީ ބައްދަލުކުރައްވާފައެވެ. މިބައްދަލުވުމުގައި މީދޫގެ މަގުތައް މަރާމާތުކުރުމަށް އާރުޑީސީގެ މުވައްޒަފުން ފޮނުވައިދިނުމާއި ގުޅޭގޮތުންވެސް ވާހަކަ ދެކެވުނެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ:
މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ތަރުތީބުވެ ރޭވިފައިވާ ގޮތްތައް.
ފުރަތަމަ ފިޔަވަހީގެ މަސައްކަތުގެ ތެރެއިން ޕަމްޕް ސްޓޭޝަންތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުން.
މަގުބައްތިތަކާއި ކާނުތައް ތިރިކުރުމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް.
ތިމާވެށި ހިމާޔަތްކުރުމާއި ކުނި މެނޭޖްކުރުން
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީއާއެކު ބޭއްވި ބައްދަލުވުމުގައި، މީދޫގެ ގޮނޑުދޮށް ގިރުމުގެ މައްސަލަތަކާއި އެކަމުގައި ހުރި ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯދުމާ ގުޅޭގޮތުން ވާހަކަދެކެވުނެވެ. މީގެއިތުރުން، ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ 5 މިލިއަން ގަސް އިންދުމުގެ ޤައުމީ މަޝްރޫޢުގައި މީދޫގެ ފުރިހަމަ ބައިވެރިވުން ހޯދިދާނެ ގޮތްތަކާ މެދުވެސް މަޝްވަރާކުރެވުނެވެ.
ހަމައެއާއެކު، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ސީނިއަރ މެނޭޖްމެންޓާއެކު ބޭއްވި ބައްދަލުވުމުގައި މީދޫގައި ޒަމާނީ ފެންވަރުގެ ކުނި މެނޭޖްކުރާ ސެންޓަރެއް ޤާއިމުކުރުމަށްޓަކައި އެކަމަށް އެކަށޭނަ ބިމެއް ކަނޑައެޅުމާ ގުޅޭގޮތުން ވަނީ މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ. މި ބައްދަލުވުމުގައިވެސް ޕީއެންސީ މީދޫ ދާއިރާގެ ރައީސާ ޔަމްނާ ވަޙީދު ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެ އިތުރުން، "ސިޓިޒަން ޕޯޓަލް" މެދުވެރިކޮށް، ބޭސް ހޯދުމާއި ލިބިގަތުމުގައި އާންމުންނަށް ލުއިފަސޭހަވެގެންދާނެ ގޮތްތަކާ ބެހޭގޮތުންނާއި ހުޅުމީދޫ ބޭސްފިހާރަ 24 ގަޑިއިރު ބޭސްފިހާރަ ހުޅުވާފައި ބެހެއްޓުމާއިބެހޭގޮތުން ވެސް ސްޓޭޓް ފާމާގެ އިސްވެރިންނާއިވެސް ޝާޠިރުވަނީ އުފެއްދުންތެރި މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ.
ކައުންސިލްގެ ރައީސް އަޙްމަދު ޝާޠިރު މާލެއަށް ކުރެއްވި މި ދަތުރުފުޅަކީ މީދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށާއި، ރަށުގެ އިޤްތިޞާދީ އަދި ޢުމްރާނީ ތަރައްޤީ ކުރިއަށް ގެންދިއުމުގައި ސަރުކާރުގެ އެއްބާރުލުން ހޯދުމަށް އެޅުނު ވަރަށް މުހިންމު، އުންމީދީ ދަތުރުފުޅެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

