އައްޑޫ ހުޅުދޫ ކައުންސިލުން ފާއިތުވި ދުވަސްތަކުގައި އެ ރަށުގައި ކުރިއަށްގެންދިޔަ އެކިއެކި މަސައްކަތްތައް ބައްލަވައި، އެ މަސައްކަތްތަކުގެ މަޢުލޫމާތު ރައްޔިތުންނާ ޙިއްޞާކުރައްވައިފިއެވެ.
މި މަޢުލޫމާތު ހާމަކުރައްވާފައިވަނީ ހުޅުދޫ ކައުންސިލްގެ ރައީސް ޖާދުﷲ، ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖް މެދުވެރިކޮށް ދެއްވި ވީޑިއޯ މެސެޖެއްގައެވެ.
ކައުންސިލްގެ ރައީސް ޖާދުﷲ ވިދާޅުވީ، ފާއިތުވި ދުވަސްތަކުގައި ރަށުގެ އެކި ސަރަޙައްދުތަކުގައި މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން މާފިށި ސަރަޙައްދުގައި ހަދަމުންދާ މަގުތަކުގެ މަސައްކަތްތަކާއި، އުދައަރަމުންދާ ބައެއް ސަރަޙައްދުތަކަށް އުދައިގެ އަސަރު ނުކުރާނެހެން ވެލި އަޅައި ހިމާޔަތްކުރުމަށް ކައުންސިލުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެކަމަށެވެ.
މީގެ އިތުރުން، ހުޅުދޫގެ ކޮމިއުނިޓީއަށް ލޯބިކުރާ އެކި ފަރާތްތަކުން އިސްނަގައިގެން ކުރަމުންދާ މަސައްކަތްތައް ވެސް ކައުންސިލުން ވަނީ ބަލައިފައިކަމަށް ޖާދުﷲ ވިދާޅުވިއެވެ. މިގޮތުން ޚާއްޞަގޮތެއްގައި ޑިމިޝްކަރަ ދަނޑު ސަރަޙައްދުގައި ޕާކަކާއެކު އެ ސަރަޙައްދުގެ ރައްޔިތުންނާއި އެކި ފަރާތްތައް ގުޅިގެން ކޮށްފައިވާ ބޮޑެތި މަސައްކަތްތައް ފާހަގަކުރައްވައި ޖާދުﷲ ވިދާޅުވީ، މިއީ ކައުންސިލުން ވަރަށް ބޮޑު އިސްކަމެއް ދީގެން، އެފަދަ މަސައްކަތްތައް ކުރާ ފަރާތްތަކަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދެމުންދާ ޕްރޮގްރާމެއް ކަމަށް ވިދާޅުވިއެވެ.
ކައުންސިލްގެ އެންމެ ބޮޑު އެއް މަޤްޞަދަކީ ހުޅުދޫގެ ކޮންމެ ސަރަޙައްދަކީވެސް ސާފުތާހިރު، ޒީނަތްތެރި، އަދި އެއް ސަރަޙައްދުން އަނެއް ސަރަޙައްދަށް މީހުން އައިސްގޮސް ހަދަން ފަސޭހަ ތަނަކަށް ހެދުންކަމަށް ވިދާޅުވަމުން ޖާދުﷲ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ރަށުގެ އިޤްތިޞާދު ފުޅާވެގެންދާއިރު، ރަށުގެ ހުރިހާ ސަރަޙައްދަކީވެސް އެކިއެކި ބޭނުންތަކަށް ވަރަށް ބޭނުންތެރި، އިންތިޒާމުތައް ވެފައިވާ ތަނަކަށް ހެދުމަކީ ކައުންސިލްގެ އަމާޒެކަމަށެވެ.
ކުރިއަށް އޮތް ޕްލޭންތަކަށް އަލިއަޅުއްވާލައްވަމުން ޖާދުﷲ ވިދާޅުވީ، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި ކައުންސިލްގެ މެންބަރުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ބައްދަލުކުރެއްވުމަށް މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިދަތުރުގައި ކުރިއަށް އޮތް މަހުގައި ފެށުމަށް ހަމަޖެހިފައިވާ ހުޅުދޫގެ ތަރައްޤީގެ މަސައްކަތްތަކުގެ ވޯކްޝޮޕްތަކާއި އެކިއެކި ބައްދަލުވުންތަކުގެ އިންތިޒާމްތަކާ ގުޅޭގޮތުންނާއި، މި މަސައްކަތްތަކާ ބެހޭގޮތުން ރަށުގެ އެކި ފަރާތްތަކާ މަޝްވަރާކުރެވިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
އަދި މީގެ އިތުރަށް ހުޅުދޫގެ ކޮމިއުނިޓީ ޓޫރިޒަމްގެ ބޮޑު ޕްރޮޖެކްޓްގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް، އެކި ދާއިރާތަކުން ކުރިއަރާފައިވާ ހުޅުދޫގެ ގިނަ ފަރާތްތަކަކާ ގުޅިގެން ބާރަށް ކުރިއަށްދާކަން ކައުންސިލްގެ ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

