ޗިލީގައި ކުރިއަށްދާ މި މުބާރާތުގައި އެމެރިކާ އަތުން ކުރިން ބަލިވި ތުރުކީއަށް، ފައިނަލުގައި އަލުން އެމެރިކާއާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ލިބިއްޖެއެވެ.
އެމެރިކާ މިމުބާރާތުގެ ފައިނަލަށް ދަތުރުކުރީ މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ސެޓެއް ގެއްލުވައިނުލައެވެ.
ހޮނިހިރު ދުވަހު ކުޅުނު ސެމީ ފައިނަލް މެޗުގައި، އެންމެ ފަހުގެ ޗެމްޕިއަން ޗައިނާ ސީދާ ތިން ސެޓުން ބަލިކޮށް، އެމެރިކާއިން ޗައިނާގެ ރަސްކަން ނިމުމަކަށް ގެނެސްފިއެވެ. އަނެއްކޮޅުން، ތުރުކީން ޗައިނީޒް ތައިޕޭ ބަލިކޮށް ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރުކުރިއެވެ.
އެމެރިކާއިން ޗައިނާ ބަލިކުރީ 25-13، 25-15 އަދި 25-19 އިންނެވެ. މި މެޗުގައި އެމެރިކާގެ ކާރީ ނޮޓްސް 19 ޕޮއިންޓް ހޯދައިދިންއިރު، މާޔާ އޮގްބޯގޫ 15 ޕޮއިންޓް އަދި މައިޖާ މޯޓެންސަން 9 ޕޮއިންޓް ހޯދައިދިނެވެ. މި މެޗުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެމެރިކާއިން ވަނީ އެޓޭކިންގް ޕޮއިންޓާއި ބްލޮކްތަކުގައި ބޮޑު ކުރިއެރުމެއް ހޯދައި، މުޅި މެޗު ކޮންޓްރޯލް ކޮށްފައެވެ.
2024 ވަނަ އަހަރު ބޭއްވުނު ފުރަތަމަ 17 އަހަރުން ދަށުގެ ވޯލްޑް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޗައިނާއަށް، އެމެރިކާގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. ޗައިނާ ޓީމުން އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 8 ޕޮއިންޓާއެކު ޗެން ރޫއިހާން އެވެ.
ތުރުކީން ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ ޗައިނީޒް ތައިޕޭއާ ދެކޮޅަށް ކުޅުނު މެޗު 25-15، 25-22 އަދި 25-22 އިން ކާމިޔާބުކޮށްގެންނެވެ.
ތުރުކީގެ ޒޭނަޕް ދޯގާ އަލްޕޭ 15 ޕޮއިންޓް ހޯދިއިރު، ނޭޖްލާ ގުޒޮންޖިކް 12 ޕޮއިންޓް އަދި އެކްރިން ސެލިސް ތުރުކުޔަޝާރު 11 ޕޮއިންޓް ހޯދައިދިނެވެ. މި މެޗުގައި ތުރުކީގެ ބްލޮކްތައް ވަރަށް ވަރުގަދަކަން ފާހަގަކުރެވުނެވެ.
މިއީ މި މުބާރާތުގައި ތުރުކީއަށް އެމެރިކާއާ ދެކޮޅަށް ކުޅެން ލިބޭ ދެވަނަ ފުރުސަތެވެ. ގްރޫޕް ސްޓޭޖުގައި މި ދެ ޓީމު ބައްދަލުކުރި މެޗު ކާމިޔާބުކުރީ އެމެރިކާއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

