ބައިކް މޯލްޑިވްސްގެ ޓީމަކުން މިމަހުގެ ތެރޭގައި އައްޑޫސިޓީއަށް ޒިޔާރަތްކޮށް، ބައިސިކަލް ދުއްވުމުގެ ޚާއްސަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުގައި ބައިކް މޯލްޑިވްސްގެ ޖުމްލަ 33 މެމްބަރަކު ބައިވެރިވާއިރު، މީގެ ތެރެއިން 26 މީހުންނަކީ އެމީހުންގެ އަމިއްލަ ބައިސިކަލްތަކާއެކު، ފުލް ކިޓުގައި ބައިސިކަލް ދުއްވުމަށް އަންނަ މީހުންނެވެ.

މި ދަތުރުގެ ތެރެއިން އައްޑޫ ހުޅުދޫއާއި މީދޫއަށް ޒިޔާރަތްކޮށް، އެ ދެ ރަށުގައިވެސް ބައިސިކަލް ދުއްވުމުގެ ޚާއްސަ އިވެންޓެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.
މި ހަރަކާތުގައި ހުޅުދޫއާއި މީދޫއިން ވީހާވެސް ގިނަ ފަރާތްތަށް ބައިވެރިކޮށް، ބައިކް މޯލްޑިވްސްގެ ޓީމަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ޚާއްސަ ބައްދަލުވުމެއް ރޭވަނީ އަތޮޅުމަދަރުސާގައި ބާއްވާފައެވެ.

ބީ.އެމް.އެލް ހުޅުމީދޫ ބްރާންޗްގެ މެނޭޖަރ ޝަޒްލީން ޗެއަރ ކުރެއްވި މި ބައްދަލުވުމުގައި، ރަށުގެ މުހިންމު މުއައްސަސާތަކަކުން ބައިވެރިވިއެވެ. އޭގެ ތެރޭގައި ހުޅުދޫ ކައުންސިލް، ހުޅުދޫ އަދި މީދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއު.ޑީ.ސީ)، ހުޅުމީދޫ ޕޮލިސް، އައްޑޫ އަތޮޅު މަދަރުސާ، ފެނަކަ، އަދި ހުޅުމީދޫގެ ބައެއް މަދަނީ ޖަމްއިއްޔާތަކާއި ގެސްޓްހައުސް ހިންގާ ފަރާތްތައްވެސް ހިމެނެއެވެ.

މި މަޝްވަރާ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ވާހަކަދެކެވުނީ، މިމަހުގެ 20 ވަނަ ދުވަހު ބައިކް މޯލްޑިވްސްގެ ޓީމު ހުޅުދޫއާއި މީދޫއަށް ކުރާ ޒިޔާރަތުގައި އެ ފަރާތްތަކަށް މަރުހަބާ ދެންނެވުމުގެ ކަންކަމާއި، ކެއިންބުއިމުގެ އިންތިޒާމުތައް ހަމަޖެއްސުމާ ގުޅޭގޮތުންނެވެ.
މީގެ އިތުރުން، އެ ދުވަހުގެ ބައިސިކަލް ދުއްވުމުގެ ހަރަކާތުގައި ބައިވެރިވާނެ މީހުންނާއި ކުޑަކުދިން ހޯދުމުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތްތަކާ މެދުވެސް ބައިވެރިންގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


1 ކޮމެންޓު
ސޯސަލް ކުޅިވަރު ކުރިއެރުވުމުގައި މިވަރެއްނެތް، ޝާބަސް ބައިކް މޯލްޑިވްސް، އިރާދަކުރެއްވިއްޔާ އަދި ޤައުމީ ކުޅިވަރެއްގެ ގޮތުގައި ބަލައިގަންނާނެ. ރަށުން ތިޔ ދެއްވާ އެއްބާރުލުމަށް ޝުކުރިވެރިވަން.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް